ފުލުސް އޮފީހުން ވަކި ކުރަން ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ލިސްޓުގައި ހިމެނޭ ގިނަ ފުލުހުންނަކީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ތިލަކުރި ވިސްލްބްލޯވަރުންގެ ތެރޭގައި ހިމެނޭ ބައެއްކަން އެނގިއްޖެ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި ހިމެނޭ ހަތް ފުލުހަކަށް ފިޔަވަޅު އަޅަން ލަފާދޭން ފެންނަ ކަމަށެވެ. އެ ކޮމިޓީން އެގޮތަށް ފާސްކުރީ ސިއްރު ކޮށްގެން ގެންދިޔަ މިއަދުގެ ބައްދަލުވުމުގަ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އެ ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު ފާސްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅަން ލަފާދޭން ކޮމިޓީން ފާސްކުރީ:
އަދަދު އަށް އެނގިފައިވާ ގޮތުގައި ކޮމިޓީން ފިޔަވަޅު އަޅަން ލަފާދޭން ނިންމި އޮފިސަރުންގެ ތެރެއިން ގިނަ އޮފިސަރުންނަކީ ޝިފާން އާއި ފަރުހާދުގެ މައްޗަށް ކުރެވޭ ސީރިއަސް އެތައް މައްސަލަތަކެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށާއި ބައެއް ނޫސްތަކަށާއި މިނިވަން މުއައްސަސާތަކަށް މި މަހު ކުރީކޮޅު ވިސްލްބްލޯވަރުންގެ ގޮތުގައި ފޮނުވި ބޭފުޅުންނެވެ.
ނޮވެމްބަރު 9، ގައި ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި 241 ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ފަރުހާދު އާއި ޝިފާންގެ ކިބައިން ފެންނަމުންދާ ގާނޫނާއި ގަވާއިދާ ހިލާފު ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
"މި ދެ ބޭކަލުންގެ ނުރަނގަޅު ނުފޫޒާއި ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑަޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުންލައިގެން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މި ނޫހަށް ވެސް ކޮޕީއެއް ލިބިފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.
ޝިފާން އާއި ފަރުހާދު ހިންގާ ކަންކަމުގެ ސަބަބުން ފުލުހުންގެ ޒިންމާ އާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދި އެ މުއްސަސާ ފެއިލްވެ ގައުމީ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީއާއެކު ޝިފާންގެ މައްޗަށް ކުރެވޭ ސީރިއަސް އެތައް ތުހުމަތެއްގެ ވާހަކަ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މިސްކޮންޑަކްޓުގެ މައްސަލަތަކަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކެއް ހިމެނެ އެވެ.
އޭގެއިތުރުން ފަރުހާދުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކުގެ ވާހަކަ ވެސް އެ ސިޓީއާއެކު ހިމަނާފައިވެ އެވެ. އެގޮތުން ފުލުހުން ތަހުގީގު ކުރަމުންދިޔަ މައްސަލައެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ހުއްޓުވުމާއި އޭނާގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ފަރުހާދު ނައްތާލި ކަމަށް ބުނާ މައްސަލައަކާއި އޭނާ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައި އޮތްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި އެދިފައި ވަނީ އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށާއި އެ މައްސަލަތަކުގައި ޝިފާން އާއި ފަރުހާދުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތީ ކީއްވެތޯ ބެލުމަށްފަހު އެ ދެމީހުންނަށް ފިޔަވަޅު އަޅައިދިނުމަށެވެ.
ފިޔަވަޅު އަޅަން ކޮމިޓީން ފާސްކުރި މީހުންގެ ތެރޭގައި ޝިފާން އާއި ފަރުހާދުގެ މައްސަލަ ފެންމަތިކުރި ވިސްލްބްލޯވަރުން ހިމެނޭ ފިޔަވަޅު އަޅަން ކޮމިޓީން ފާސްކުރި މީހުންގެ ތެރޭގައި ޝިފާން އާއި ފަރުހާދުގެ މައްސަލަ ފެންމަތިކުރި ވިސްލްބްލޯވަރުން ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ