އެއީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަންހެން ދަރިއެކެވެ. ކައިވެނިކުރީ އިތުބާރުކުރެވޭކަމަށް ބުނެ ބައްޕަ ދެއްކި މީހަކާއިއެވެ. އެއީ އަމިއްލައަށް ލޯބިވެރިއަކު ހޯދައިފިނަމަ ލިބިދާނެ ދެރައަކަށް ބިރުންނެވެ. ކިތަންމެ ބޮޑު ވައްކަމެއްވެސް ކޮށްފާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.
ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމުން ފުރތަމަކޮޅު އޮފީހަށްދަމުން އެކުގައި ގެންދެއެވެ. ދުވަސްކޮޅެއްފަހުން ގެންދަނީ ހަމައެކަނި ބޯޑުމީޓިންގތަކަށާއި އެއްބަސްވުންތަކުގައި ސޮއިކުރާއިރުއެވެ. އެކަންވެސް ދުވަސްކޮޅަކުން ހުއްޓިއްޖެއެވެ. ބުނީ ގޭގައި ހަމަޖެހިގެން އިނުމަށެވެ.
ބަސްޤަބޫލުކޮށްގެން ގޭގައި އިންދައި ސިއްސުވައިލީ ކާރު ޑްރައިވަރެވެ. ބުނީ ބޮސް މިހާރު އަންހެންކުއްޖަކާއި ވަރަށް ގިނައިން ބައްދަލުކުރާ ކަމަށެވެ. އަދި ފޯނުން ދައްކަނީ ވަރަށް ނުރައްކައުތެރި ވާހަކަ ކަމަށެވެ. ހިތްފުރޭވަރަށް ފައިސާ ވަގަށް ނަގައިގެން ދެމީހުން އެކުގައި ފިލާނެ ވާހަކަ ކަމަށެވެ. އަދި އެކަމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށްވެސް ބުނާކަމަށެވެ.
ފިރިމީހާގެ ބޮލުގައި އެފަދަ ބޮޑު އިލްޒާމެއް އެޅުވުމުން ޤަބޫލުކުރަން އުނދަގޫވެ އެކަމުގެ އެއްވެސް ހެއްކެއް އެބަހުރިތޯ ސުވާލުކުރުމުން ބުނީ މެޑަމް ބޭނުންވާނަމަ ހެކި ދައްކައިފާނެ ކަމަށެވެ. އެހެން ބުނެފައި އޭނާގެ ފޯނުގައި ހުރި ރެކޯޑިންގތަކުގެ އަޑު އިއްވިއެވެ.
ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ބުނީ އެހެންވީމާ ލަސްކުރުމުގެ ބޭނުމެއް ނެތްކަމަށާއި އަހުރެން ގޮވައިގެން އޮފީހަށް ހިނގާށެވެ.
އަނބިމީހާ ކުއްލިއަކަށް އޮފީހަށް އައިތަން ފެނުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. އެކަން ފޮރުވަން މަސައްކަތްކުރަމުން ކުއްލިއަކަށް އޮފީހަށް ތިއައައީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ މިތަނުގައި ވަރަށް ބޮޑު ވައްކަމެއް އެބަހިނގާ ކަމަށާއި އެހެންވެ މިހާރުން މިހާރަށް ވެރިންގެ ބައްދަލުވުމެއް ބާއްވަން ބޭނުންވާކަމަށެވެ. އެހެން ބުނެފައި ޗީފްއެކައުންޓެންޓް ގެނެސް އެންގީ މިވަޤުތުން ފެށިގެން ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރުމުގެ އަމުރެއް ހަމަ މިހާރު ލިޔެގެން ގެނައުމަށެވެ. އެހެން ބުނެފައި ނިންމައިލީއެއްވެސް ނޫނެވެ. އަމިއްލައަށް ބޭންކަށް ގުޅައި ލިޔުން އެބަފޮނުވަންކަމަށްބުނެ އެކައުންޓްތައް މިވަޤުތުން ފްރީޒްކޮށްދިނުމަށްވެސް އެދުނެވެ.
ވާނުވާއެއް ވިސްނަންވެސް ފިރިމީހާއަށް ނުއެނގިފައި ހުއްޓައި މީޓިން ފެށުމުން ބުންޏެވެ. "މީޓިންގ މިބޭއްވީ މިވަޤުތުން ފެށިގެން ކުންފުނީގެ މަސްއޫލިއްޔަތަކުން ފިރިމީހާ ދުރުކުރިކަން އަންގާށެވެ. މިވަޤުތުން ފެށިގެން ކުންފުނީގެ ހުރިހާ ކަމެއްވެސް ނިންމާނީ އަހުރެންނެވެ. ހުރިހާ އެންމެންވެސް އަހުރެންނަށް ރިޕޯޓްކުރަމުން ގެންދާށެވެ. މީޓިންގ ނިމުނީއެވެ.
އެހެން ބުނެފައި ތެދުވެ ހިނގައިގަތުމުން ފަހަތުން ފިރިމީހާ ގޮސް އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ ކުށް އަމިއްލައަށް އެނގޭނެކަމަށާއި ގިނަ ވާހަކަ ނުދައްކައި އަވަހަށް ނުކުމެގެން ދިއުމަށެވެ. އަދިވަރިވެސް ކުރުމަށެވެ. ގެއަށް ވަދެގެންވެސް ނުވާނެ ކަމަށެވެ.
އެވަރުންވެސް ފިރިމީހާ އޭނާ ކުށެއްނުކުރާކަމަށްބުނެ ވާހަކަދައްކަން ފެށުމުން މަޑުކޮށްލަން ބުނެ ރެކޯޑިންގތައް އައްޑު އިއްވުމުން ބުންޏެވެ. "ތިއައީ ޑްރައިވަރު އުފެއްދި ފިތުނައެކެވެ. އަހުރެން ސަމާސައަކަށް ދެއްކި ވާހަކައެއް ރެކޯޑްކުރި މީހާ ދޫނުކުރާނަމެވެ." އަނބިމީހާ ބުނީ އަހުރެންވެސް މިކުރީ ސަމާސައެއް ކަމަށެވެ. އަހުރެންވެސް އަހުރެންގެ ދިރިއުޅުން ސަލާމަތްކޮށްދިން ޑްރައިވަރު ދޫނުކުރާނެ ކަމަށެވެ. "އޭނާ އެވީ ވަރަށް ބޮޑު ޤުރްބާނީއެއް! އެޤުރްބާނީ ނުވިނަމަ ހުރިހާ ފައިސާއެއް ވަގަށް ނަގައިގެން ކަލޭފިލާނީ. އަހުރެންނަށް ޖެހޭނީ ދަރަނިވެރިވެސްވާން!"
ދެވަނަ ފުރުޞަތަކަށް އެދި ފިރިމީހާ އާދޭސްކުރިއެވެ. އެއީ ޖަޒުބާތެއްގައި ހުރެ ދެކެވުނު ވާހަކައެއް ކަމަށާއި އެކަން އެގޮތަށް ކުރަން ބޭނުންވެގެން ދެއްކި ވާވަހަކައެއް ނޫންކަމަށްވެސް ބުންޏެވެ. އަނބިމީހާ ބުނީ ބައްޕަ މަރުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތާއި އަހުރެން ދުރުކުރުވަން ފެށުމުންވެސް ސުވާލު އުފެދުނު ކަމަށެވެ. ކެތްތެރިވީ ބައްޕަ ކަލެއަށް އިތުބާރުކުރީތީ ކަމަށެވެ. ކަލެއަށާއި ކަލޭގެ ޢާއިލާއަށް ބައްޕަވެފައިވާ އެހީތަކުގެ މަތިން ހަނދާންހުރިނަމަވެސް ތިއަވަރުގެ ބޮޑު މަކަރުވެރިއަކަށް ނުވާނެ ކަމަށެވެ.
އިތުރު އެއްވެސް ގޮތެއް ނެތުމުން ވަރިކުރިއެވެ. ޢިއްދަ ހަމަވިއިރަށް އެތަނަވަސް އަންހެން ކުއްޖާ އޭނާގެ ޑްރައިވަރާއި ކައިވެނިކުރިއެވެ. ވަފާތެރި ޑްރައިވަރު ފިރިމީހާގެ މަޤާމަށް ޕްރަމޯޓް ކުރިއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ހެޔޮލަފާވުމުގެ އިތުރުން ތަނަވަސްކަންހުރި އަންތބަކު ލިބުމުންވެސް ހިފިނުހުރެވިގެން އުޅޭ ފިރިންނަށް ރަނގަޅު ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ފިރިމީހާއަށް ކުރި އިތުބާރު ނަގާލައި ދޭންއުޅުނު ބޮޑު ގެއްލުމުން ސަލާމަތްކޮށްދިނުމުގެ އަގަކަށް ޑްރައިވަރާ ކައިވެނިކުރި ތަނަވަސް އަންހެނެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ