ގިނަ މީހުން ބޭނުންވަނީ މަސައްކަތެއްނުކޮށް ވަޒީފާ އަދާކުރަން: ނާޒިމް

ގިނަ މީހުން މިހާރު ބޭނުންވަނީ އެއްވެސް މަސައްކަތެއް ނުކޮށް "ވަޒީފާ އަދާކުރަން" ކަމަށާއި، ދުބާއީ އާއި ސިންގަޕޫރު ފަދަ ތަންތަން މިސާލަކަށް ނަގައި ރާއްޖެ ތަރައްގީކުރަން ބޭނުންނަމަ މުރާލިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ސިންގަޕޫރަށާއި ދުބާއީއަށާއި އަބޫދާބީ ފަދަ ތަންތަންހެން ރާއްޖެ ތަރައްގީވާން ދިވެހީން ބޭނުންވާ ކަމަށާއި، އެ މަގަށް މިސްރާބު ބެހެއްޓުމަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުން މުހިންމު ކަމަށެވެ. އެ ވިސްނުން ގެންނަންވާނީ ހަމައެކަނި ސަރުކާރާ ހިސާބަކުން ނޫންކަން ނާޒިމް ފާހަގަކުރެއްވިއެވެެ. "ރައްޔިތުންނަކީވެސް މަސައްކަތްކުރަން ކެރޭ، މުރާލި ބަޔަކަށްވެސް ވާން އެބަޖެހޭ، މިހާރު ވަރަށް ގިނަ މީހުން ބޭނުންވަނީ ވަޒީފާވެސް ބޭނުންވަނީ މަސައްކަތްނުކުރާ ގޮތަށް، އެގޮތަށް ވަރަށް ސާފުކޮށް ބުނަންވެސް ބުނޭ،" އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މަސައްކަތްކުރަން ކެރޭ، ހެނދުނު މޯނިންވާ ނިދައި ތެދުވެގެން މަސައްކަތްކުރަން ދާން ކެރޭ މީހުންވެސް މުޖުތަމައަށް އެބަ ޖެހޭ އުފެދެން،"އަހްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ގައުމު ކުރިއަރައި ދިއުމުގައި އަމިއްލަ ފަރުދުންގެ ހިއްސާވެސް މުހިންމު ކަމަށެވެ. އެއާއެކު، ސަރުކާރުގެ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާތަކަށް އެންމެ ފެންވަރު ރަނގަޅު މީހުން ނުކުމެ އެ ވަޒީފާތަކުގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، މިނިސްޓްރީތަކާއި އެކި އިދާރާތަކުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރަނގަޅު ތަނަވަސް ސިކުނޑިތަކުގެ ދައުރު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް މި ހިނގާ ނޮވެމްބަރު މަހުން ފެށިގެން ގެނައި ބަދަލުގެ ސަބަބުން ގާބިލު ޒުވާނުން ސިވިލް ސާވިސްއާ ގުޅި، މަސައްކަތަށް ނުކުންނާނެ ކަމަށް ގަބޫލުކުރެވެއެވެ. https://sun.mv/213986 މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު އަޚްލާގު ކިހާ މިންވަރަކަށް ބެލޭތޯއާއި އެއަށް ތަބާވޭތޯ ސުވާލު އުފައްދަވައި، އޮފީސް މަސައްކަތު ގަޑީ ވެސް، ސިނގިރޭޓު ބުއިމަށާއި، ކޮފީ ބުއިމާއި، ވަޒީފާއިން ބޭރު މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރާ ގިނަ ބަޔަކު ފެންނަކަން ފާހަގަކުރައްވައިފައެވެ. "... އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނައިން ފެނޭ ކޮފީތަކުން ވެސް ސިވިލް ސާވިސް ސާވަންޓުން އޮފީސް ގަޑީގައި ވެސް، ސިނގިރޭޓު ބޯން ނިކުމެ ތިއްބާ ވެސް ފެނޭ..." ސިވިލް ސާވަންޓުންގެ މަސައްކަތު އަޚްލާގާ މެދު ސުވާލު އުފައްދަވަމުން ނާޒިމް ވިދާޅުވިއެވެ. ހަމަ އެ ކޮމިޓީގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވީ، އޭނާއަށް ފާހަގަވި ގޮތުގައި މަސައްކަތު ވަގުތުގައި ކޮފީތަކާއި، މަސައްކަތުން ބޭރު އެހެނިހެން ކަންކަމުގައި ވަގުތު ހޭދަކުރުމަކީ މި ފަހުން ފެންނަން ފެށި ކަމެއް ކަމަށެވެ. މިއީ ކުރީގެ ސަރުކާރު މުވައްޒަފުންގެ ކިބައިން ފެންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު މުޖުތަަމައުއަށް އައިސްފައި މި އޮންނަ ބަދަލަކާ ގުޅިގެން އައިސް އޮންނަ ނޭދެވޭ ބަދަލެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. ކޮފީތަކުގައި..،" މުޖުތާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަންޒަރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިން ވެސް ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ