ދެމަފިރިންގެ ވާހަކަތައް ކިތަންމެ ގާތް މީހަކަށްނަމަވެސް ކިޔައިދެވޭނަމަ ލިބިދާނެ ގެއްލުމުގެ ވާހަކަތައް އަބަދުވެސް ހާމަކުރެވެއެވެ. ތިރީގައިވާ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައެކެވެ.
އެއިރު އަހަރެންގެ ބަނޑަށް 2 މަހެވެ. ބަނޑަކުން އެއިރަކު އެހައި ބޮޑަކަށް ނުއެނގެއެވެ. އެވާހަކަ ފިރިމީހާގެ ގާތަކު ބުނުނަމެވެ. ސިއްރުކޮށްގެން ހުރީ ކޮންމެވެސް ގޮތަކުން އޭނާއަށް އެނގުމުން އޭނާއަށްވާގޮތް ދެކެން ބޭނުންވާތީއެވެ.
ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އަހަރެންނަކީ ފަޤީރެކެވެ. ފިރިމީހާ އަހަރެންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއެވެ. ނަމަވެސް ފިރިމީހާއަށް އެހައި ބޮޑަށް އިތުބާރެއް ނުކުރެވެއެވެ. އެއީ ޢަމަލުތައް ހުންނަ ގޮތުން ކޮންމެވެސް ސިއްރު ކަންތައްތަކެއް ކުރާކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެއްދުވަހަކު ފިރިމީހާގެ ފޯން ލޮކް ނުކޮށް ބާއްވާފައި ނިދަން އޮއްވާ ފޯނުގަ ހުރި މެސެޖުތައް ބަލައިލުމުން ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ޢާންމުކޮށް ކިޔާގޮތުންނަމަ ހަތަރު އުދަރެސް ފެނުގައި ޖެހުނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ފިރިމީހާއަށް ބަލިވެއިންކަމަށްބުނެ ފޮނުވާފައި ހުރި މެސެޖުތައް ފެނުމުންނެވެ. އަދި އެކަމުގެ ލިޔުންތައް ފެނުމުންނެވެ.
އެރޭ ފިރިމީހާގެ ގާތު ވަރަށް ބޮޑު ކަމަކު އެދުނީމެވެ. އެއީ ދުވަސްކޮޅަކަށް އަހުރެންގެ މަންމަމެން ގާތަށް ރަށަށް ފޮނުވައިދިނުމަށެވެ. ބޭނުންވީ ފިރިމީހާއަށް މިނިވަންކަން ދޭށެވެ. ރަށުގައި އިނދެ ވިހާގަދަވުމުން ވަރިވާށެވެ! އެއީ ހިތްދަތިކަމުގައި ދިރިއުޅެން ޖެހުމުން ތަނަވަސްކަމުން ލިބޭނެ އުފަލެއް ނުއޮންނާނެތީއެވެ. ފަޤީރު ޙާލުގައިވެސް އުފަލުގައި ދިރިއުޅެވޭނަމަ ލިބޭނެ ހިތްހަމަޖެހުން ބޮޑުވާނެތީއެވެ.
ފިރިމީހާ ގާތު އެވާހަކަބުނުމުން ވަރަށް އަވަހަށް އެކަން ހަމަޖައްސައިދީ ރަށަށް ފޮނުވައިދިނެވެ. ހީވަނީ އަހަރެން ފުރުވާނުލެވިގެން ލަސްވެފައިހުރިހެންނެވެ. ރަށަށް ދިއުމުން ވެސް ޚަރަދުކުރިއެވެ. ކޮންމެ މަހަކުވެސް ފައިސާފޮނުވައެވެ. ޙާލު ނުއަހައެވެ. އަދި އަންނަ ދުވަހެއްވެސް ނުއަހައެވެ. އެހެންވެ ބަލިވެއިން ވާހަކަވެސް އޮތީ ނުބުނެވިފައެވެ.
ﷲ ގެ ރަޙްމަތްފުޅުން ދުވަސްފުރައި ވިހެއުމުގެ ކަންކަން ދިއައީ ވަރަށް އަމާންކޮށެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. ދަރިފުޅުގެ ފޮޓޯ ފޮނުވުމުން ވަގުތުން ގުޅިއެވެ. އަދި އެއްވެސް ވާހަކައެއް ނުބުނެ ސިއްރުކުރީތީ ޝަކުވާވެސްކުރިއެވެ. އަހަރެން ދިން ހަމައެކަނި ޖަވާބަކީ "އާންތުއަށް އަޅައިލާ އެދަރިފުޅަށް ޚިދުމަތްކުރަން ފުރުޞަތު ދިނީއެވެ. ދެ އަންހެނުންގެ ކަންކަން އެއްފަހަރާ ކުރަންޖެހުމުން ލުއިކޮށްލަދިނީއެވެ." އެހިސާބުން ފިރިމީހާ ފޯން ކަނޑާލައިފިއެވެ. އެހެން އެކަން ކުރާނެކަން ވިސްނިފައި އޮތުމުން ކަންބޮޑެއް ނުވަމެވެ.
ޖެހިގެން އައި ދުވަހު ފެނުނީ ފިރިމީހާ ކުއްލިއަކަށް އައިސް ގެއަށް ވަންތަނެވެ. މަރުޙަބާކީމެވެ. އުރާލަން ދަރިފުޅުވެސް ދިނީމެވެ. ނަމަވެސް ދަރިފުޅު އަހަރެންނާއި ވަކިކޮށްލައިގެން ނުގެންދިއުން އެދި އާދޭސްކުރީމެވެ. އޭނާއަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވެސް ކުރެވިދާނެ ފެންވަރުގެ މީހަކަށްވާތީ އައި ފްލައިޓުން ދަރިފުޅު ގޮވައިގެން އެނބުރި ހިނގައިވެސްދާނެތީއެވެ. އިތުރު ޝަކުވާއެއް ނުކުރަމެވެ.
އެ ރޭ ނިދަންތިބެފައި ފިރިމީހާ ކިޔައިދިނެވެ. "އެއީ ހަމަ އެންމެ 2، 3 ރޭގެ ގުޅުމެކެވެ. އެކަން ކުރެވުނީ އަހަރެންދެކެ ލޯބިނުވާތީއެއް ނޫނެވެ. އާންތު ކިޔާވަރުން ކުރެވުނީއެވެ. ނަމަވެސް ކުއްޖާއަށް 3 މަހުގައި ވެއްޓި އެކަން ނިމުނީއެވެ. ފިރިމީހާ އަހަރެންގާތު އެނބުރި އަންނަން ނުބުނެ ހުރީ އަހަރެން އެދެންނެވެ. ބަލިވެ އިންކަމެއް ވިހޭކަމެއް ފޮޓޯ ފޮނުވަންދެން ނުއެނގެއެވެ."
އެކަމަށް އިތުރު އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ހަމައެކަނި އެދުނީ ހިލޭ އަންހެނުން ގާތަށް ދާނެނަމަ އަހަރެން މާލެ ނުގެންގޮސް ވަރިކޮށްލައިދިނުމަށެވެ. ފިރިމީހާ ދެން އެފަދަ ކަމެއް ނުކުރާނެކަމަށްބުނެ އެތައް ވައުދެއްވެފައި މާލެއައީ ދެމައިން ގޮވައިގެންނެވެ. އެއިގެ ފަހުން މިހާރު 5 އަހަރުވީއެވެ. އެފަދަ އެއްވެސް ކަމެއް ފިރިމީހާގެ ކިބައަކުން ނުފެނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތު ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ އަހަރެންނަށް ކުރެވުނު ކުށެވެ. އެއީ އާންތުއަށް ކިޔައިދޭން ނުޖެހޭނެ ވާހަކަތައް ކިޔައިދީގެން އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ގެންގުޅެވުނުކަމެވެ. ފިރިމީހާ ދަމައިގަންނަން ފުރުޞަތު ދެވުނު ކަމެވެ.
މާލެ އައުމުން އާންތު އައިސް މާފަށް އެދުނެވެ. އަދި ހަމަކުރިން ފަދައިން އެކުވެރިކަމާއިއެކު އުޅެން ބޭނުންވާކަމަށްވެސް ބުންޏެވެ. ޖަވާބުގައި ބުނީމެވެ. "މާފުކޮށްފީމެވެ. ނަމަވެސް އެކުވެރިކަމެއް ނުބޭއްވޭނެއެވެ. މަކަރުވެރި ޚިޔާނާތްތެރިއަކަށް ދެން އިތުބާރުކުރި ނަމަވެސް އަބަދުވެސް ހުންނަން ޖެހޭނީ ޝައްކުގެ މަތީގައެވެ. އެއީ މާނުބައިކަންބޮޑު ކަމެކެވެ."
ދެން ބުނެލަން އޮތީ ކަންކަން ޙައްލުވެގެންދިއަ ސަބަބަށެވެ. އަހަރެން ޔަޤީންކުރާގޮތުގައި އަހަރެންނަށްވެސް ކާމިޔާބު ލިބުނީ ރުޅި އިސްނުކޮށް ކެތްތެރިވުމުންނެވެ. އަބަދުވެސް ނަމާދުކުރުމުގެ ދަމުނަމާދުވެސްކޮށް ދުޢާކުރަމުން އަންނާތީއެވެ. ޢުމުރުން 17 އަހަރުން ފެށިގެން ނަމާދެއް ނާޅަމެވެ. 19 އަހަރުން ފެށިގެން ދަމުނަމާދެއްވެސް ނާޅަމެވެ.
3 ވަނަ ކަމަކަށް ފާހަގަކުރަން ބޭނުމީ ޢިއްފަތްތެރިކަމެވެ. ހުވާކޮށްފައި ބުނަމެވެ. އެންމެ ކުޑަމިނުން އަހަރެންގެ އަޢުރަ ފެނުނު ހިލޭ ފިރިހެނަކުވެސް ނުހުންނާނެއެވެ. ވީމާ ޚުލާޞާއަކީ ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދި ދުޢާކުރާ ޢިއްފަތްތެރިއަކަށް ﷲ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ހިތްދަތި ޙާލަތަކަށްފަހުގައިވެސް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެކަމެވެ. އަހަރެންގެ ހިތް މަރުވިއެވެ. ނަމަވެސް ދެއްވެވި ތާޒާކަން މާފުރިހަމައެވެ.
ތިއަ ލޮބުވެތި ކަނބަލުންނަށް އަހަރެންގެ ވާހަކަކޮޅުން ޢިބްރަތެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.
- ޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ކުރިމަތިވާނެ އެންމެ ބޮޑު ހިތްތަކިކަން ކުރިމަތިވި އަންހެނަކަށް އެކަންކަމުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް ލިބުނު 3 ކަންތަކުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ