ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ 14،832 ގައި

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ 14،832 އަށް އަރައިފިއެވެ. 
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެންމެބޮޑަށް އިތުރުވާކަމަށް ފާހަގަކުރެވިފައިވަނީ 18 އަހަރުންދަށުގެ އުމުރުފުރާއެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 18 އަހަރުން ދަށުގެ އުމުރުފުރާއިން ދަފްތަރަށް ވަނީ 51 ކުދިން އިތުރުވެފައެވެ.
ތަފާސްހިސާބަށް ބަލާއިރު ދަފްތަރަށް އެންމެ ގިނައިން އިތުރުވެފައިވަނީ އަންހެންކުދިންނެވެ. ނަމަވެސް ހުރިހާ އުމުރުފުރައަކުން ބެލިނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެންމެ ގިނައީ ފިރިހެނުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް ބަލާއިރު އެންމެގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މަލްޓިޕަލް ޑިސެބިލިޓީގެ އިތުރުން ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ކުރަމުން އަންނަ ހަރަދުތަކަށް ބަލާއިރު، އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކަށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރުމަހު އެކަނިވެސް ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކަށް ވަނީ 17.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްއަށް މިދިޔަ އަހަރު އެކަނިވެސް 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދައުލަތުގެ މިހިނގާ އަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ