ރާއްޖެ އަތުން މޮޅުވެ ފިިލިޕީންސް އިން އޭޝިއަން ކަޕްގެ އުންމީދު ދަމަހައްޓައިފި ރާއްޖެ އަތުން މޮޅުވެ ފިިލިޕީންސް އިން އޭޝިއަން ކަޕްގެ އުންމީދު ދަމަހައްޓައިފި

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން 2-0 އިން ރާއްޖެ އަތުން މޮޅުވެ، ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ފިލިޕީންސް އިން ދަމަހައްޓައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ތަޖިިކިސްތާނާއި ދެ ވަނައިގައި އޮތް ފިލިޕީންސް އަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ތަޖިކިސްތާނުން ކުރީގައި އޮތީ މިއަދު 5-0 އިން ޓިމޯ ލެސްޓޭ ބަލިކޮށް، ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓާ އެކު ޓިމޯ ލެސްޓޭ އެވެ. އަދި، ފުލުގައި އޮތީ ކޮލިފައިން ފަސް މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އޮތް ރާއްޖެ އެވެ.
މިދިޔަ މަހު ތަޖިކިސްތާނާ ދެކޮޅަށް ކޮލިފައިންގައި ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރައިން މިއަދުގެ މެޗުގައި ދެ ބަަދަލެއް ވަނީ ފެނިފަ އެވެ. ތަޖިކިސްތާން މެޗަށް ސަސްޕެންޑް ވެފައި ހުރި އިބްރާހިމް އައިޝަމް އާއި އެ މެޗުގައި ބަދަލަކަށް ކުޅެން އެރި، އަހުމަދު ރިޒުވާން (ރިޒޭ) އަށް ވަނީ ފިލިޕީންސާ ދެކޮޅަށް ފުރަތަަމަ އެގާރައިން ފުރުސަތު ދީފަ އެވެ. ތަޖިކިސްތާން މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު އައިހަމް (ފަތޯ) ވަނީ ޑިސިޕްލިނަރީ މައްސަލައެއްގައި މި ފަހަރުގެ ސްކޮޑުން ބާކީކޮށްފަ އެވެ.
މިއަދުގެ މެޗު ފަށައިގެން 14 ވަނަ ސިކުންތުގައި ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނެގި ހުރަަހަކަށް ގޯލު ކުރިމައްޗަށް އަރާނެ ކުޅުންތެރިއަކު ނުވި އެވެ. އޭގެ ފަހުން، ފުރަތަމަ ހާފުގައި ރާއްޖޭގެ އެޓޭކެއް ނުފެނުނުއިރު، ފިލިޕީންސް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ފިިލިޕީންސް އިން ލީޑުނެގީ މެޗުގެ 25 ވަނަ މިނިޓްގައި އޭރިއާތެރެއަށް ނެގި ހުރަަހަކުން ޕޯލް ޓަބީނަސް ބޮލުން ޖެހި ގޯލަކުންނެވެ. އަދި، މެޗުގެ 37 ވަނަ މިނިޓްގައި ފިލިޕީންސް އިން ދެ ވަނަ ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ސަންޑްރޯ ރެޔެސް އެވެ. އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ފޯވާޑް، ނާއިޒު ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރައި، އަލީ ފާސިރު (ސެންޓޭ) މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.
ދެ ވަނަ ހާފުގައި ފިލިޕީންސް އިން ގޯލެއް ޖަހަން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ރާއްޖޭގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ފިލިޕީންސް އިން މި ވަނީ ރާއްޖެއާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. ރާއްޖޭން ފިލިޕީންސް އަތުން މޮޅެއް ހޯދީ މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި، 2009 ވަނަ އަހަރު މާލޭގަ އެވެ. އަދި، މި ދެ ޓީމު ވަނީ، ޔޫއޭއީގައި ކުޅުނު މެޗަކުން 1-1 އިން އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ