ދުނިޔޭގެ އުތުރު ތަނޑި ކައިރީގައި އޮންނަ އައިސްލޭންޑް މަޝްހޫރުވެފައި އޮންނަނީ މަދިރި ނުއުޅޭ ނުވަތަ އާލާނުވާ ގައުމެއްގެ ގޮތުގައެވެ. އެހެންކަމުން، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނެތް ގައުމެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައިވެއެވެ.
ނަމަވެސް ސައެންސްވެރިން ބުނާ ގޮތުގައި، އައި ނައި ތަނެއް ނޭނގި އެ ގައުމަށް އައިސްގެން އުޅުނު އެންމެ ތިން މަދިރިއެއްގެ ސަބަބުން މުޅި އައިސްލޭންޑްގެ ތާރީޚު ބަދަލުކޮށްލައިފިއެވެ. އައިސްލޭންޑްގެ ނެޗުރަލް ސައެންސް އިންސްޓިޓިއުޓްގެ އެންޓޮމޮލޮޖިސްޓް މެތިއަސް އަލްފްރެޑްސަން ވިދާޅުވި ގޮތުގައި އެ ގައުމުން ފެނުނީ ކިއުލިސީޓާ އަނިޔުލާޓާ ކިޔާ މަދިރި އާއިލާއަށް ނިސްބަތްވާ ތިން މަދިރިއެވެ. އެއީ ދެ އަންހެން މަދިރި އާއި ފިރިހެން މަދިރިއެކެވެ.
ދިރާސާކުރާ ޓީމުން ބުނި ގޮތުގައި މި ތިން މަދިރި ފެނުނީ، ވެރިރަށް ރެކްޖަވިކްގެ އުތުރުން 30 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކުންނެވެ. މި ތިން މަދިރި ވެސް ފެނުނީ، އެފަދަ ކުދި ސޫފާސޫފިތައް ހިފުމަށްޓަކައި އެ ސަރަހައްދުގައި އާންމުކޮށް ބޭނުންކުރާ އެއްޗެއް ކަމަށްވާ ހަކުރު ރޮއްޖެއްގައި ތަތްވެފައި ތިއްބައެވެ. އެ ތިން މަދިރިވެސް އެ ހަކުރު ރޮދީގައި ތަތްވެފައި ތިބުމުން، އެސޮރުމެން އަތުލައިގަންނަން މާ އުނދަގުލެއް ނުވިއެވެ.
ޒަމާނުއްސުރެ އައިސްލޭންޑާއި އެންޓާޓިކާ މަޝްހޫރުވެފައި އޮންނަނީ މަދިރި ނުއުޅޭ ސަރަހައްދެއްގެ ގޮތުގައެވެ. އެހެންކަމުން، މިއީ އައިސްލޭންޑްގެ އާންމު މާހައުލުގެ ތެރެއިން މަދިރިއެއް ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން، ކެފްލަވިކް އެއާޕޯޓަށް އައި މަތިންދާބޯޓެއްގެ ތެރެއިން އީޑިސް ނެގްރިޕްސްގެ ކިޔާ ޒާތުގެ އެންމެ މަދިރިއެއް ފެނުނެވެ.
އޭގެ ފަހުން އެއްވެސް މަދިރިއެއްގެ ހިލަމެއް ނުވާތާ އެތައް އަހަރަކަށް ފަހު، އަލަށް ތިން މަދިރި މި ފެނުނީ، އައިސްލޭންޑާއި އެހެން ގައުމުތަކާ ދެމެދުގައި ކުރާ ދަތުރުތައް އިތުރުވަމުން ދާތީ ކަމަށް، ދިރާސާ ޓީމުން ބުނެއެވެ. އެ ޓީމުން ލަފާކުރާ ގޮތުގައި މިފަހަރު ފެނުނު ތިން މަދިރި އެ ގައުމަށް އައީ، އާގު ބޯޓަކުން ނުވަތަ އެފަދަ އުޅަނދަކުން ގެނައި ކޮންޓޭނަރެއްގެ ތެރޭގައެވެ.
މަދިރި އާލާނުވާ ގައުމެއްގައި މިއީ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ކަމަކަށްވާތީ، ސައެންސްވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ، ރަބީއު މޫސުން ފެށުނީމާ، އިތުރު ދިރާސާތައްކޮށް، މަދިރި އާލާވެފައިވާކަން ނުވަތަ ނުވާކަން ކަށަވަރުކުރުމަށެވެ. ދެން ކުރިއަށް އޮތީ ފިނިމޫސުން ކަމަށްވާތީ، އެ މޫސުމުގައި މަދިރީގެ މާ ބޮޑު ހަރަކާތެއް ނުފެނުނަސް، މަދިރި އާލާވެފައިވާ ނަމަ، ރަބީއު މޫސުން ފެށުމުން، އެސޮރުމުންގެ ހަރަކާތްތައް ފެންނަން ފަށާނެއެވެ.
ދުނިޔޭގެ ހޫނުމިން ކުރިއާ އަޅައި ބަލާއިރު މައްޗަށް ގޮސްފައިވާ އިރު، އައިސްލޭންޑްގެ ހޫނުމިން ވެސް ވަނީ ކުރިއަށް ވުރެ މަތިވެފައެވެ. ހޫނު މޫސުން ދިގުވެ ފިނި މޫސުން ކުރުވަމުންދާ ކަން ފާހަގަކުރެވިފައިވާތީ، އައިސްލޭންޑަކީ ވެސް މަދިރި އާލާވުމަށް އެކަށޭނަ މާހައުލަކަށް މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ.
ދިރާސާކުރި ޓީމުން ބުނި ގޮތުގައި މިފަހަރު މި ފެނުނު ތިން މަދިރިއަކީ އައިސްލޭންޑްގެ ހޫނުމިން މަތިވުމުގެ ސަބަބުން އައިސްގެން އުޅޭ އެއްޗެއް ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް، އެ ތިން މަދިރި ހިފައި އޭގެ ތަހުލީލުތައް ކުރުމުން، ސައެންސްވެރިންނަށް ފާހަގަކުރެވުނީ، އެ ތިން މަދިރިއަކީ ވެސް ފިނި މާހައުލުތަކަށް ރަނގަޅަށް ހޭނިފައި ތިބި ތިން މަދިރިކަމެވެ.
އެހެންކަމުން، ފިނި މޫސުމުގެ ތެރޭގައި ފިނިހޫނުމިން ސުން ދަރަޖައަށް ވުރެ ދަށަށް ދިޔަސް ވެސް، އެ ފަދަ މާހައުލެއްގައި އެސޮރުމެންގެ ފުރާނަ ސަލާމަތްވާނެ ކަމަށް ސައެންސްވެރިން ދެކެއެވެ.
މަދިރި ފުރަތަމަ ފަހަރަށް އައިސްލޭންޑުން ފެނިއްޖެ މަދިރި ފުރަތަމަ ފަހަރަށް އައިސްލޭންޑުން ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ