ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނޭކަމަށް ލަފާކޮށް، ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ފަތިހު 05:30 ހުން ފެށިގެން ހެނދުނު 09:30 ހަށެވެ. މެޓުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ބޮކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ. 
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ވައިގަދަވެ ވާރޭވެހުމުގެ ސަބަބުން ބައެއް ހިސާބުގެ ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިގޮތުން އެރިވައިގަނޑުގައި ބައެއް ގޭތަކުގެ ފުރާޅު އެއްލާލުމުގެ ހާދިސާތަކުގެ އިތުރުން ބައެއް ދޯނިފަހަރު ފަރަށް އެރުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށް އިންޒާރުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ