އަލިފާން ނިއްވަން ހަރަކާތްތެރިވި ގޮތުން ސަމާލުކަން، ތައުރީފާއި ކަންބޮޑުވުން

ހުޅުމާލޭ ހިޔާ ފުލެޓެއްގެ ބެލްކަނީގައި އިއްޔެ ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިިވި ފިރިހެނެއްގެ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އިއްޔެ މެންދުރު 11:25 ހާއިރު އަލިފާން ރޯވީ ހިޔާގެ 11 ވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، އަލިފާން ހިފާފައިވާ ބެލްކަންޏަށް، މަތީ ފަންގިފިލާއެއްގެ ބެލްކަނިން ފިރިހެނަކު ފެން ޖަހާ މަންޒަރު ފެނެއެވެ. ފެންހޮޅިއަކުން އޭނާ ފެން ޖަހަމުންދިޔައީ ބެލްކަނީ މައްޗަށް އެއް ފައި އަރުވައިގެން އޮވެއެވެ. އެ ވީޑިއޯ 60,000 އަށް ވުރެ ގިނަ މީހުން ބަލައިފައިވާއިރު، ވީޑިއޯ ހިއްސާކޮށްފައިވަނީ އަލިފާންގަނޑު ނިއްވާލަން މަސައްކަތްކުރި މީހާ ބިރަކާ ނުލައި އެހީވާން މަސައްކަތް ކުރުމުން ތައުރީފުކޮށްފައެވެ. އެހެންނަމަވެސް، އެ މީހާ ބެލްކަންޏަށް އަރައި އޮތް ގޮތުން، ބައެއް މީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ފުލެޓުގައި އަލިފާން ރޯވީ، އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށެވެ. https://sun.mv/212989 އަލިފާންގަނޑު ނިއްވާލިއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ވެފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ބޮޑު އާބާދީއެއް އޮންނަ ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ