ބައިވެރިޔާއަށް ދެރައެއް ދިނުމުގެ ބޭނުމުގަ ހިތުގަ ޖައްސުވައި އަނިޔާވެރިވާނަމަ އޭނާއަށް ދުނިޔޭގަ ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުގެ އިތުރުން އާޚިރަތް ދުވަހު ލިބޭނެ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

މިފަދަ ވާހަކަ ދައްކާނަމަ އަހުރެން އަބަދުވެސް ފާހަގަކުރާ އެއްކަމެއް މިރޭވެސް ފާހަގަކޮށްލާނަމެވެ. އެއީ ބައިވެރިޔާއާއިއެކުގައި އުޅެން ބޭނުންނުވާނަމަ ރިވެތިގޮތުގައި ވަކިވާށެވެ! އަނެކާގެ ހިތުގައި ޖައްސުވައި އަނިޔާވެރިނުވާށެވެ! އެފަދަ ކަންކަން ކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ޙައްޤުވާނެއެވެ. 
ބައިވެރިޔާކަމަށްވީނަމަވެސް ހިތުގައި ޖައްސުވައި ނިކަމެތިކުރާނަމަ އެދެވެނީ އަނިޔާއެވެ. އެއަނިޔާގެ ސަބަބުން ދުނިޔޭގައި ލައްވަވާނެ ރަޙްމަތަކީ ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމެވެ. ހިތުގަ ޖައްސުވައި ދެރަކޮށް ނިކަމެތިކޮށް އެއލައިލެވޭ ބައިވެރިންގެ ޙަޔާތަށް ބަލާށެވެ. އެކަމަށް ކެތްތެރިވާ މީހުްނނަށް ދެން ދެއްވަވާ ޙަޔާތުގައި ގިނަ ބައަކު ދިރިއުޅެމުން އަންނަނީ ކުރިއަށްވުރެ މާއުފަލުގައެވެ. އެއީ ދުނިޔޭގައިވެސް އެމީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާތީއެވެ.  
ދެން އޮތީ އެންމެ މުހިންމު ދުވަހެވެ. އެއީ އާޚިރަތް ދުވަހެވެ. އާޚިރަތް ދުވަހު އެމީހުން ތިބޭނީ އަދި މާއުފަލުގައެވެ. އެއީ އެމީހުންނަށް ކުރެވިފައިވާ ގިނަ ފާފަތެކެއް އެމީހުންނަށް ލިބުނު ހިތްދަތިކަމާއި އަނިޔާތަކުގެ ސަބަބުން ފުއްސަވައިދެއްވަވާނެތީއެވެ. އެހެންކަމުން އެނގިގެން މިދަނީ ބައިވެރިޔާއަށް ދެރައެއް ދިނުމުގެ ބޭނުމުގައި ހިތުގައި ޖައްސުވައި އަނިޔާވެރިވާނަމަ އޭނާއަށް ދުނިޔޭގައި ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުގެ އިތުރުން އާޚިރަތް ދުވަހު ލިބޭނެ އުފާވެރިކަން މާބޮޑުވާނެކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
ގުޅުންހުރި ލިޔުމެއް: 
ވިސްނާށެވެ! މުސްލިމަކަށް ވަރުބަލިކަމެއް ލިބުނަސް، ހިތްދަތިކަމެއް ލިބުނަސް، އަނިޔާއެއް ލިބުނަސް، ބައްޔެއްގައި އުޅެންޖެހުނަސް، މީސްތަކުންގެ ނަފްރަތު ލިބުނަސް (ޙައްޤު ގޮތުގައި ހުއްޓައި)، ދަތިޙާލެއްގައި އުޅެންޖެހުނަސް، ފިކުރުބޮޑުވާފަދަ ކަމެއް މެދުވެރިވެގެން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ވޭނެއް، ތަކްލީފެއް، އުފުލަންޖެހިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ.  
އޭނާ އެކަންކަމަށް މާޔޫސް ނުވެ ކެތްތެރިވެއްޖެނަމަ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެމީހެއްގެ ގައަށް ކަށްޓެއް ހެރުން ފަދަ ކުޑަކުޑަ ކަމަކާއި ގުޅިގެން ލިބުނު ތަދެއް ނަމަވެސް މެއެވެ.  
އެހެންވެ ކުރިން މިބަޔާންކުރި ފަދަ އެއްވެސް ކަމެއް ޞަޙާބީ ބޭކަލަކަށް ކުރިމަތިވެވަޑައިގެންފިނަމަ އެކަމަށްޓަކައި އުފާފުޅު ކުރައްވަވަތެވެ. އަދި އެބޭކަލުން އެދިވަޑައިގަންނަވަމުން ގެންދެވީ އެފަދަ ކަމެއް ކުރިމަތިވެވަޑައިނުގަތުމަކަށް ނޫނެވެ. ގިނަގިނައިން ކުރިމަތި ކުރެއްވެވުމަށެވެ.  
އެއީ ކީއްވެގެންހެއްޔެވެ؟ އެއީ އެބޭކަލުންނަށް ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރައްވަވަން ޖެހިވަޑައިގަންނަވާއިރު އެބޭކަލުންގެ ކިބައިގައި އެއްވެސް ފާފައެއް ނުވުމަށެވެ. ހުރިހާ ފާފަތަކަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާފައިވުމަށްޓަކައެވެ.  
އަހުރެންނަށް އެނގިފައި އޮތްގޮތުން ތަކްލީފްތަކަށް ކެތްތެރިވެ، ތަކްލީފްތައް އުފުލަންޖެހުމަކީ އެމީހެއްގެ ހިތްވަރު އިތުރަށް ވަރުގަދަވެގެންދާ ކަމެއްކަން ބަޔާންކޮށްދީ މީސްތަކުންނަށް ހިތްވަރުދޭ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ.  
ވީމާ ދުނިޔޭގައި އުޅެމުން އަންނައިރު ކުރިމަތިވާ އެއްވެސް ކަމަކަށް މާޔޫސްނުވާށެވެ! ހިތްވަރުގަދަކުރަން މަސައްކަތްކުރާށެވެ! ކޮންމެ ފަދަ ކަމެއް ޖެހުނަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމުގެ ސަބަބުން ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭށެވެ. އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ބޮޑު އުފަލެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ. އިން ޝާ ﷲ
 
- ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ