ބޭރުގެ ފިލްމު ބެލުން ފަދަ 'ކުށް'ތަކުގައި އުތުރު ކޮރެއާއިން މަރުގެ އަދަބު ދިނުން އިތުރުކޮށްފި: އދ.
ދެކުނު ކޮރެއާގައި މަރުގެ އަދަބު ދެވޭނެ ކުށްތައް އިތުރުކުރަމުން އަންނަ ކަމަށާއި، ބޭރުގެ ފިލްމުތަކާއި ޓީވީ ސީރީޒްތައް ބަލާ މީހުންނަށް ވެސް މަރުގެ އަދަބު ދިނުން އިތުުރުކޮށްފައިވާ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފިއެވެ. އުތުރު ކޮރެއާއަކީ ދުނިޔެއާ އެކަހެރިކޮށް އޮވެ، ޚުދުމުޚުތާރު ވެރިކަމެއްކުރާ ގައުމެކެވެ. އދ.އިން އަލަށް ނެރުނު ރިޕޯޓު އެކުލަވާލައިފައިވަނީ ފާއިތުވި 10 އަހަރުތެރޭ އުތުރު ކޮރެއާއިން ފިލައިގެން ނުކުތް 300އަށް ވުރެ ގިނަ މީހުންގެ އިންޓަވިއު ހިމަނަގައިގެންނެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން ޖެނީވާގައި ބޭއްވި ބްރީފިންގައި، އުތުރު ކޮރެއާއަށް އދ.އިން ހަމަޖައްސާފައިވާ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ އިސްވެރިޔާ ޖޭމްސް ހީނާން ވިދާޅުވީ ކޯވިޑް-19 އަށްފަހު އުތުރު ކޮރެއާގައި އާންމު ކުށްތަކާއި ސިޔާސީ ކުށްތަކުގައި ވެސް މަރުގެ އަދަބު ދޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. "ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ތައާރަފުކުރި ގާނޫނުތަކާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ދަށުން ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޖާސޫސު ކުރުމާއި ކޮންޓްރޯލް އިތުރުކޮށްފައިވޭ," ރިޕޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، މަރުގެ އަދަބު ދިނުމާ ގުޅޭ އައު ހަ ގާނޫނެއް، 2015ގެ ފަހުން އުތުރު ކޮރެއާގައި ތައާރަފުކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭރުގެ ފިލްމާއި ޓީވީ ސީރީޒްތައް ބެލުމާއި ހިއްސާކުރުން ހިމެނެއެވެ. އެ ގައުމުން އިންސާނިއްޔާތާ ޚިލާފު އަމަލުތައް ހިންގާފައިވާ ކަމަށް އދ.އިން މީގެކުރިން އާންމުކުރި ރިޕޯޓެއްގައިވެސް ހާމަކޮށްފައިވެއެވެ. އެގޮތުން ރޭޕްކުރުމާއި، އަނިޔާކުރުމާއި ގަސްތުގައި ބަނޑަށްޖެއްސުމާއި ކޭމްޕްތަކުގައި 80،000 އާއި 120،000 އާއި ދެމެދުގެ އަދަދަކަށް ބަންދުކޮށްގެން ގެންގުޅެފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އުތުރު ކޮރެއާއިން ވަނީ އދ.ގެ އެ ރިޕޯޓު ދޮގުކޮށްފައެވެ. ބޭރު އެއްވެސް ގައުމެއްގެ މިޑިއާއެއް ބޭނުންކުރުމަކީ އުތުރު ކޮރެއާގައި ވަރަށްބޮޑު ކުށެކެވެ. ޚާއްސަކޮށް އަވަށްޓެރި ދެކުނު ކޮރެއާގެ އެއްވެސް ފިލްމެއް އަދި ޑްރާމާއެއް ބެލުމަކީ އަދަބު ބޮޑުވާކަމެކެވެ. އުތުރު ކޮރެއާއިން ދެކޭ ގޮތުގައި ބޭރު ގައުމުތަކުގެ ފިލްމު އެ ގައުމަށް ތައާރަފު ކުރުމަކީ އެ މީހުންގެ ސަގާފަތާއި އާދަކާދަ ފޮހެވިގެންދާނެ ކަމެކެވެ. އަދި ބޭރު ގައުމުތަކުގެ ވިޔާނުދާ އުޅުން އެމީހުންގެ ތެރެއަށް ފެތުރޭނެ ސަބަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ