ނައިފަރަށް ދަތުރުކުރި ބޯޓެއް ދިޔަވާތީ، ފަޅުވެރިން ސަލާމަތްކޮށްފި

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވަމުން ދާތި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.އެމްއެންޑީއެފްއިން ބުނީ، މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރީއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން ނަސްރު ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިއަކު ސަލާމަތްކޮށް ކޯސްޓްގާޑް ހާބަ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ކަނޑު ގަދަވުމުގެ ސަބަބުން ރޭ ވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު މަރުވެ، ދެ ބިދޭސީން ވަނީ ގެއްލިފަ އެވެ.ފުލުހުން ބުނީ، އެ ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން ކަމަށެވެ. އަދި، ގެއްލިގެން މިހާރު ހޯދަނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސްކުރެ އެވެ. މި ހަފުތާ ބަންދާއި ކުރިއަށް އޮތް ހަފުތާގައި ވެސް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ