ވެރިންނަށް ތާއީދުކޮށްގެން ނޫނީ ތިޔާގިކަން ނާންނަ ހިސާބަށް ގޮސްފި، ބާރުތައް ކޮންޓްރޯލްކުރަންޖެހޭ: ވައްޑޭ

ވެރިންނަށް ގާނޫނުއަސާސީގެ ތެރެއިން ލިބިދޭ ބާރުތަކުގެ ސަބަބުން އެ ބޭފުޅުންނަށް ތާއީދުކޮށްގެން ނޫނީ ދިރިއުޅުމަށް ތިޔާގިކަމެއް ނާންނަ ހިސާބަށް ގޮސްފައިވާ ކަމަށާއި އެ ބާރުތައް ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވައްޑޭ ވަނީ ގާނޫނުން ވެރިއަކަށް ލިއްބައިދޭ ބާރުތަކުގެ ސަބަބުން ވެރިންނަށް ތާއީދުކޮށްގެން ނޫނީ ދިރިއުޅުމަށް ތިޔާގިކަމެއް ނާންނާނެ ކަމަށް ގަބޫލުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެ ބާރުތައް ކޮންމެ ވެސް ގޮތަކުން ކޮންޓްރޯލްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އެބަ ގަބޫލުކުރޭ އޭރު ހުންނަ ވެރިއަކާ ގުޅިލީމާ ބޭނުން ކަމެއް ވާނޭ. އޭރު ހުންނަ ވެރިއަކާ ގުޅިލީމާ ތަނަވަސްވެ، ރިޒްގު ތަނަވަސްވެގެންދޭ، ދިރިއުޅުން ތިޔާގިވެގެންދޭ. އެ ވެރިއަކާ ދެކޮޅު ވެއްޖިއްޔާ އެ މީހާ ނިކަމެތިވެ، ބިކަވެ ހަލާކުވެދެއޭ،" އޭނާ ވިދާޅުވިއެވެ. ވައްޑޭ ވަނީ ޑިމޮކްރެސީގެ ތިން ބާރުތައް ވަކިވެ، މިނިވަން މުއައްސަސާތައް އުފެދުނު ނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ހުރިހާ ބާރުތައް މުށުތެރެއަށް ލެއްވެވި ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، އަބުރުގެ ނަމުގައި ސަރުކާރުން މީޑިއާތައް ރެގިއުލޭޓްކޮށް ބަލަހައްޓާ ހިސާބަށް ކޮންޓްރޯލްކުރައްވަމުން ގެންދަވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ބާރުތައް ވަކިކޮށް މުއައްސަސާތައް އުފައްދާ، މީޑިއާ ވެސް މުޅިން އެއްކޮށް މިނިވަންވެ، ހަތަރުވަނަ ބާރަކަށްވެ، މިސާލަކަށް އެމްއެމްއޭ ކަހަލަ ތަންތަން ވެސް މިނިވަންވެ، މާލީ ނިޒާމު ވެސް ވަރަށް މިނިވަން މުސްތަގިއްލު ތަނަކަށްވެއްޖެ. އެކަމަކު، މިހާރު ހުރިހާ އެއްޗެއް މުށަށް ލައްވައިގެން، ސަރުކާރުން ދިވެހިރާއްޖޭގެ މީޑިއާ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ހިސާބަށް އަބުރު ބިލޭ ކިޔައިގެން ކޮންޓްރޯލް ކުރައްވާފައި އޮތީ،އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވައްޑޭ ވަނީ މި ހުރިހާ ކަމެއްގެ ޖުމުލަ ނަތީޖާއަކަށް ރިއާޔަތްކޮށް ހައްލަކަށްދާ ކަމަށްވާނަމަ، ރައީސަށް ހުރިހާ ބާރެއް ޖަމާވާގޮތަށް ގާނޫނުއަސާސީން ފަހިކޮށްދޭ ބައެއް ބާގަނޑުތައް ހަނިކުރައްވަން ޚިޔާލު ދެއްވާފައެވެ. އޭނާ ވަނީ ރައީސްގެ އަތްޕުޅުން އަތުލަންޖެހޭ ގިނަ ބާރުތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން، ވެރިކަމަށްޓަކައި ސިޔާސީ މަގާމު އުފެއްދެމުގެ ބާރާއި، ދަރަނި ގިނަކުރުމުގެ ބާރާއި، އިތުރު ކުންފުނި ހެދުމުގެ ބާރާއި، އާންމުންނާއި މީޑިއާގެ އަގަ ބަންދުކުރުމުގެ ބާރު އަތުލަންޖެހޭ ކަމަށް ވައްޑޭ ގަބޫލުކުރައްވައެވެ. އެ ފަދަ އިޚުލާސްތެރި ބަދަލުތަކެއް ގާނޫނުއަސާސީއަށް ގެނެސްގެން ނޫނީ ގައުމު އިސްލާހުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އޭނާ [ވެރިމީހާ] އެބަޖެހޭ ފުދޭ ވަރަކަށް ކުޑަކުރަން އަޅުގަނޑުމެން. ގާނޫނުއަސާސީގައި ކޮންޓްރޯލްތަކެއް ލައިގެން. ވެރިއަކަށް އެހާ ބޮޑު ނުވެވޭވަރަށް. ދައުލަތުގެ އިސްރާފު އެހާ މައްޗަށް ނުގެންދެވޭ ވަރަށް. ވެރިކަމަށްޓަކައި ސިޔާސީ މަގާމު އެހާ ގިނައިން ނުއުފެއްދޭ މިންވަރަށް،" އޭނާ ވިދާޅުވިއެވެ. އެކަމަކު، އެކަން ކުރަންވާނީ ވަކި ބައެއްގެ އެޖެންޑާއަށް ފެތޭ ގޮތަށް ނޫން ކަމަށް ވައްޑޭ ގަބޫލުކުރައްވައެވެ. އެގޮތުން، ތައުލީމީ، ގާބިލު، އަދި ޢިލްމީ އެތައް ބައެއްގެ މަޝްވަރާއާ އެކު ދުސްތޫރީ އޮނިގަނޑަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ވަކި ބަޔަކަށް ފަހިވާގޮތަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ