ލިޒްބަން، ޕޯޗުގަލް (އޮކްޓޫބަރު 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައި ރެކޯޑެއް ހެދި މެޗުގައި ފަހު ވަގުތު ހަންގޭރީން ވައްދާލި ގޯލާ އެކު، 2-2 އިން އެއްވަރުކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު، ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ޖުމްލަ އެކު، 41 ގޯލު މި ވަނީ ޖަހައިފަ އެވެ. މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ 39 ގޯލު ޖަހާފައިވާ ގުއަޓެމާލާގެ ކުރީގެ ފޯވާޑް ކާލޯސް ރުއިޒް އަތުގަ އެވެ.
ރޭގެ މެޗުން މޮޅުވެގެން ޕޯޗުގަލް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފަައިވުމުގެ ފުރުސަތު އޮއްވައި، ހަންގޭރީން އެކަން މި ވަގުތަށް ހުއްޓުވީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ.
ޕޯޗުގަލް ދަނޑުގައި ރޭ އަށް ވަނަ މިނިޓްގައި ހަންގޭރީން ލީޑުނެގީ އަޓީލިއާ ޒަލާއި ޖެހި ގޯލަކުންނެވެ. އެކަމަކު، މެޗުގެ 22 ވަނަ މިނިޓްގައި ނެލްސަން ސެމޭޑޯ ނެގި ހުރަހަކަަށް އަރައި ރޮނާލްޑޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިގެން، ޕޯޗުގަލް އަށް އެއްވަރުކޮށްދީފަ އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނޫނޯ މެންޑޭސްގެ ހުރަހަކަށް އަރައި ރޮނާލްޑޯ ޖެހި ގޯލުން ޕޯޗުގަލް އިން ލީޑުނެގި އެެވެ. މިއީ، ކެރިއަރުގައި ރޮނާލްޑޯ ޖެހި 948 ވަނަ ގޯލެވެ. އަދި، ގައުމީ ޓީމަށް ޖަހައިދިން 143 ވަނަ ގޯލެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިިނިޓްގައި ހަންގޭރީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޑޮމިނިކް ސޮބޯސްލާއި އެވެ.
ހަތަރު ޓީމު ހިމެނޭ ގްރޫޕް އެފްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ހަންގޭރީ އަށް ހަަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަޔަލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި، ފުލުގައި އޮތް އާރްމީނިއާ އަށް ހަތަރު މެޗު ކުުޅުނުއިރު، ތިން ޕޮއިންޓް ލިބިފައިވެ އެވެ.
ރޮނާލްޑޯ ރެކޯޑެއް ހެދިއިރު ޕޯޗުގަލް އެއްވަރުވީ ފަހު ވަގުތު ރޮނާލްޑޯ ރެކޯޑެއް ހެދިއިރު ޕޯޗުގަލް އެއްވަރުވީ ފަހު ވަގުތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ