ޢިބްރަތްތެރި ވާހަކަ: ހަމައެކަނި ޘަވާބަށް އެދިގެން 2 ދޮންދަރިން ބަލައިދިނުމުގަ ނަމޫނާ ދެއްކި ޝަމީމާއަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަޅުގަނޑަށް ކައިވެނިކުރެވުނީ އެކަނި ހުރި ދެދަރިންގެ ބައްޕައަކާއިއެވެ. އޭނާއަކީ ތަނަވަސް މީހެއްވެސް ނޫނެވެ. ވަޒީފާ އަދާކުރާ މީހެކެވެ. ދެމީހުންނަށްވެސް ލިބެނީ ދާދި އެއްވަރެއްގެ މުސާރައެކެވެ. އަހުރެން އަލަށްހުރެ އޭނާއާއި ކައިވެނިކުރީ ހަމައެކަނި އޭނާގެ އަޚްލާޤަށް ބަލައިގެންނެވެ. 
އޭނާއަށް ބައްޕަގެ ގެއިން ލިބިފައި ހުންނަ 2 ކޮޓަރީގެ ފްލެޓުގައި ގެންގުޅެނީ 2 ދަރިންނާއި ދަރިންގެ މަންމައެވެ. ބިލްތައް ދައްކައިދެއެވެ. ބޭނުންވާ މައިގަނޑު ތަކެތި ހޯދައިދެއެވެ. ބަލިވުމުން ޑޮކްޓަރަށް ދައްކައިދެއެވެ. މަހަކު ޚަރަދުކުރަން 5000 ރުފިޔާދެއެވެ. އެއިރުން އޭނާގެ މުސާރައިން ޢޭނާއަށް ލިބެނީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އޭނާ ކުރަންޖެހޭނެ ޚަރަދަކަށްވާތީ އަޅައެއް ނުލަމެވެ. އެޚަރަދުތައް ނުކުރާކަށްވެސް ނުބުނަމެވެ. 
ދެމީހުން ދިރިއުޅެނީ އަޅުގަނޑުގެ މަންމަގެ ގެއިން ލިބިފައި ހުރި ފްލެޓެއްގައެވެ. އަޅުގަނޑަށް އޭނާގެ 2 ދަރިން ފެނުނީ ކައިބްނަޏަށް 2 އަހަރުގައެވެ. އެއްދުވަހު އޮފީސް ނިމިގެން ގެއަށް އައިއިރު 2 ކުދިން ގޭގައި ތިބުމުންނެވެ. 3 ބަފައިން ތިބީ ވާހަކައެއް ދައްކާށެވެ. ކުދިންގެ މޫނުމަތިން ބަނޑުހައިވެގެން ތިބިކަން އެނގުމުން ފުރަތަމަ ކަމަކަށް ސައިހަދައި 3 ބަފައިން ސައިބޯން ބުނީމެވެ. 
ސައިބޮއި ނިމުނުއިރު ވެގެން އުޅޭގޮތް އެނގިއްޖެއެވެ. ދަރިންގެ މަންމަ މީހަކާ ހިތާވެ އެކަމުގައި އުޅެންހަދައިގެން ދަރިންނަށް އަޅައިނުލެވެނީއެވެ. އެއިރު އަޅުގަނޑުވެސް ބަލިވެ އިނދެ ބަނޑަށް 5 މަހެވެ. އެހެންކަމާއިއެކުވެސް ބުނީމެވެ. "ދަރިން އިހަށް ގެއަށް ނުފޮނުވައި މިގޭގައި ބައިތިއްބާށެވެ. ޢުމުރަށްވެސް އަމިއްލަ ދަރިން ފަދައިން ބަލައިދޭނަމެވެ. ފްލެޓް ހުސްކޮށްފައި ކުއްޔަށްދޭށެވެ. ދަރިންގެ މަންމައަށްވެސް ޢޭނާ ބޭނުންވާ މީހަކާ ކައިވެނިކުރުމުގެ ޙައްޤު އޮންނާނެއެވެ. ވީމާ ކައިވެނިކޮށްގެން އަވަހަށް ފްލެޓުން ނުކުންނަން ބުނާށެވެ. މިހެން ބުނަން މިޖެހުނީ ލޯބިވެގެން އުޅޭތީ ދަރިން ނުބެލުނު މީހަކަށް ކައިވެނިކޮށްގެން ދަރިން މާބޮޑަށް ނުބެލި މިހާރަށްވުރެ މާނިކަމެތި ޙާލުޖެހޭނެތީއެވެ." 
އަހުރެންގެ ނަޞީޙަތް ފިރިމީހާ ޤަބޫލުކުރިއެވެ. ދަރިން ބެލުން އަހުރެންނާއި ޙަވާލުކުރިއެވެ. އަހުރެން އެބުރަ އުފުލީ ފިރިމީހާއަށް ކޮށްދޭ ކަމެއްގެ ގޮތަކު ނޫނެވެ. ދޮންމަންމަވީމާ ކުރަންޖެހޭނެ ކަމަކަށްވާތީއެއްވެސް ނޫނެވެ. މާތް ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. 
ދުވަސްތައް މާޒީވަމުން ގޮސް 2 ކުދިންވެސް ބޮޑުވެ ކިޔަވައި ނިމި މިއަދު އެތިބީ ރަނގަޅު ވަޒީފާގައެވެ. ކައިވެނިކޮށްގެން ދިރިއުޅެނީ ކުދިންގެ ބައްޕަގެ ފްލެޓުގައެވެ. އެކަމަކު އަހުރެންގެ ގާތުގައި ތިބި އަމިއްލަ ދަރިންނަށްވުރެ ބޮޑަށް އަހުރެންނަށް އަޅައިލައެވެ. ލޯބިވެސްދެއެވެ. މިހެން މިބުނީ އަހުރެންގެ ދަރިން ގޯސްވެގެނެއް ނޫނެވެ. އަހުރެންގެ 3 ދަރިންވެސް ވަރަށް ރަނގަޅެވެ. 
މިއަދު ދެމަފިރިން މިތިބީ 60 އަހަރުން މަތިވެ މުސްކުޅިވެފައެވެ. ވަޒީފާއަދާކުރާކަށް ނުޖެހެއެވެ. 5 ދަރިން އަހުރެމެން ދެމަފިރިންގެ ހުރިހާ ކަމެއް ބަލަހައްޓައިދެއެވެ. 
އަޅުގަނޑުގެ ހަޔާތުގައި ކުރެވުނު ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ދޮންދަރިންނަށް ނިކަމެތިކޮށް ކަންކަންކުރާ އަންހެނުންނަށް ފިލާވަޅަކަށެވެ. އެއީވެސް ހަަމ ދަރިން ކަމަށް ދެކެގެން ގެންގުޅުނީމާ ކުރާނެ ފައިދާ މާބޮޑުވާނެކަން ބުނެލުމަށެވެ.
 
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ