މާލެ ސިޓީ ކައުންސިލް ތެރެއިން ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެެރި މީހަކު ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ނުކުރާނެ ކަމަށާއި ކައުންސިލްގެ ބައެއް އޮޑިޓްތައް މިހާރު ނިމި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ މުއައްސަސާއަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށް ދެވަނަ ދައުރަކަށް މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްކޮޅު ސިޓީ ކައުންސިލް ތެރެއިން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގި ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން:
ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ކުރާ ތުހުމަތުތައް މީގެ ކުރިން ދޮގު ކުރައްވާފައިވާ؛ އެ ތުހުމަތުތައް ނުބެލި ދަނީ، އާދަމް އާޒިމް އެކަން ކުރަން ބޭނުން ނުވެގެން ނުވަތަ "އެ ހިޔާނާތްތައް ފޮރުވަން" އުޅޭތީ ކަމަށް ތުހުމަތު ކުރޭ
އެގޮތަށް އާދަމް އާޒިމްއަށް ތުހުމަތު އަމާޒު ކުރެއްވި އެކަކަކީ، އެމްޑީޕީގެ މޭޔަރު ޓިކެޓަށް އޭނާއާ ވާދަ ކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް
އާދަމް އާޒިމްއަށް ކުރާ އެ ތުހުމަތުތަކަށް އޭނާ ރައްދެއް ދެއްވީ، ރޭ މާލޭގައި އޭނާ ބޭއްވި ކެމްޕެއިން ހަރަކާތުގައި ދެއްކެވި ވާހަކަގަ
ތަފްސީލު - މާލެ ސިޓީ ކައުންސިލް ފެށުނީއްސުރެ އޮޑިޓް ނުކުރާތީވެ، އެކަމާ ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެ އެވެ. އާދަމް އާޒިމް ރޭ ހާމަ ކުރެއްވި ގޮތުގައި އެ ކައުންސިލްގެ އިންޓާނަލް ދެ އޮޑިޓެއް މިހާރު ވަނީ ނިމިފަ އެވެ. ނަމަވެސް އެ އޮޑިޓްތަކުގެ މާ ބޮޑު ތަފްސީލަކަށް އޭނާ ވަޑައިނުގަންނަވަ އެވެ.
"މިހާރުވެސް އަޅުގަނޑުމެންގެ ބައެއް އޮޑިޓްތައް ނިންމިފައި އެބަހުރި. އެ އޮޑިޓްތަކުން ފާހަގަ ކުރެވޭ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިހާރު ވަނީ ފޮނުވާފައި. ފުލުހަށްވެސް ވާނީ ފޮނުވާފައި،" އެއީ ސިޓީ ކައުންސިލްގެ ކޮން އިރެއްގައި، ކޮން ކަމަކަށް ހެދި އޮޑިޓެއްކަމާ ބޮޑު ތަފްސީލަކަށް ވަޑައިނުގަތް އާދަމް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑާ ވާދަ ކުރާ ބޭފުޅުން އެބަ ވިދާޅުވޭ، ނުފޮނުވައޭ. ފޮނުވާފަ އޮންނާނީ. ބަައްލަވާ!"
އާދަމް އާޒިމް ވިދާޅުވި ގޮތުގައި އޭނާއަކީ، "ކޮންމެ ދުވަހަކު ނުކުމެ ތަންތަނަށް ފޮނުވާ އެއްޗެހީގެ ވާހަކަ ދައްކާ މީހެއް ނޫން" އެވެ. އެހެންވެ އެކަން ނޭނގި އޮވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ މީހަކު ބަދުނާމު ކުރާނެ މީހެއް ނޫން. އަޅުގަނޑަކީ، ޑޮކުމަންޓް ތެރެއިން މަސައްކަތް ކުރާ މީހެއް. ޑޮކިއުމަންޓް ތެރެއިން އިންޑިޕެންޑެންޓް އޮޑިޓަރުން ވަކި ގޮތަކަށް މިހެންނޭ އޮތީ ބުނީމަ، އެކަން ތަހުގީގުކުރަން ފޮނުވަން ޖެހޭނެ. އެގޮތަށް އޮޑިޓް ރިޕޯޓު މިއަދު އަޅުގަނޑުމެންނަށް ލިބުމުން، އެކަމާ ގުޅުންހުރި ފަރާތްތަކާ ދޭތެރޭ އިންވެސްޓިގޭޓްކޮށް ބަލަން ޖެހޭ ކަންތައްތައް ބަލައި، ފިޔަވަޅު އަޅައިދޭން އަޅުގަނޑު ވާނީ އަންގާފައި،" ވަކި ބޭފުޅެއްގެ ނަމާއި މައްސަލައިގެ ތަފްސީލަށް ނުދެއްވައި، އާދަމް އާޒިމް ވިދާޅުވި އެވެ.
"ރައްޔިތެއްގެ ފައިސާއަކަށް [ނުވަތަ] މުދަލަށް ޖެހިފައި ހުރި މީހެއްވިއްޔާ އަޅުގަނޑަށް އެނގިގެން، އަޅުގަނޑު އެމީހަކު ދުލެއް ނުކުރާނަން. އަޅުގަނޑުމެން ފިޔަވަޅު އަޅާނަން."
ހިޔާނާތްވެފައި ހުރި މީހަކު ދުލެއް ނުކުރާނަން، ފިޔަވަޅު އަޅަން ފޮނުވައިފިން: އާދަމް އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ