އައު އަހަރާ ދިމާކޮށް ރާއްޖެއަށް މަހުޖަނުންގެ ޖެޓުތައް އަންނަން ފަށައިފި

އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް، މި އަހަރު ވެސް ރާއްޖޭގެ އެއާޕޯޓުތަކަށް ޕްރައިވެޓް ޖެޓުތައް އަންނަން ފަށައިފިއެވެ. 'ސަން' އަށް މައުލޫމާތު ދެމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނީ މި ހަފުތާއިން ފެށިގެން ޖެޓުތައް ގިނަ އަދަދަކަށް އަންނަން ފަށައިފި ކަމަށެވެ. އެގޮތުން މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތިން ޖެޓެއް ޖައްސާފައި އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ. އިތުރު ޖެޓުތައް އައި ނަމަވެސް، ބައެއް ޖެޓުތައް އައިސް ފަތުރުވެރިން ބާލާފައި ދަނީ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދިނެވެ. ހަމައެއާއެކު ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ގިނަ ޖެޓުތަކެއް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވީއައިއޭގައި މީގެ ކުރިން ޖައްސާފައިވާ ޖެޓުތަކެއް: އައު އަހަރާ ދިމާކޮށް މިއަހަރުވެސް ރާއްޖެއަށް މަހުޖަނުންގެ ޖެޓުތައް އަންނަން ވަނީ ފަށައިފައި -- ފޮޓޯ/ އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް ޕްރައިވެޓް ޖައްސާ އެއާޕޯޓެކެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި މި ހަފުތާގެ ފަހުކޮޅަށް ދާއިރު، ގިނަ ޖެޓުތައް އަންނަން ފަށާނެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ގިނަވެއެވެ. މިއީ އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމުގެ ވެސް އެއް ސަބަބެވެ. ހަމައެއާއެކު ރާއްޖެއަށް ދަތުރުތައް ބާއްވާ ކޮމާޝަލް އެއާލައިންގެ ދަތުރުތައް ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެއެވެ. ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާއިރު، މަޝްހޫރު ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރާތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ