މީގެ 15 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު، ކ. މާފުށްޓަކީ ރާއްޖޭގެ އެހެން ރަށްތަކާ މާބޮޑު ތަފާތެއް ހުރި ރަށެއް ނޫނެވެ. އޭރު އެ ރަށު ރައްޔިތުންގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާދާރަކީ މަސްވެރިކަމުގެ އިތުރުން ރަށުގައި ހިންގަމުން އަންނަ ރާއްޖޭގެ މައި ޖަލެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާތްގަނޑަކަށް 30 މިނެޓުގެ ލޯންޗު ދަތުރަކުން ދެވޭ މާފުށީގެ ނަސީބު ބަދަލުކޮށްލީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގެ ރަށްރަށުގައި ގެސްޓުހައުސް ހިންގޭނެ ގޮތަށް ގާނޫނަށް ގެނައި ބަދަލުންނެވެ. ރާއްޖެއަށް މިލިއަނުން ވަންނަމުން ދިޔަ ޑޮލަރުގެ ހިއްސާއެއް އާންމު ރައްޔިތު މީހާއަށް ވެސް އޮތްކަން ގިނަ ދިވެހިންނަށް އެނގިގެންދިޔައީ އެ ހިސާބުންނެވެ.
ޓޫރިޒަމް މިނިސްޓްރީން 2010 ވަނަ އަހަރު ވައިޓް ޝެލް ބީޗު އިންއަށް ދޫކުރި ހުއްދައަކީ ރާއްޖޭގެ ރަށެއްގައި ގެސްޓުހައުސް ހިންގަން ދޫކުރި ފުރަތަމަ ހުއްދަ އެވެ. މިއަދު މާފުށީގެ މަލަމަތިން އެ ފެންނަމުންދާ 15 ބުރީގެ އިމާރާތްތަކުގެ ފެށުމަކީ އެއީ އެވެ. ރާއްޖޭގެ 120 އަށްވުރެ ގިނަ ރަށުގައި ކުރަމުން އަންނަ މި ވިޔަފާރީގެ ފެށުމަކީ ވެސް އެއީ އެވެ. މިއަދު ރާއްޖޭގެ ބެޑް ކެޕޭސިޓީގެ ގާތްގަނޑަކަށް 28 ޕަސެންޓު ހިއްސާކުރަނީ ލޯކަލް ޓޫރިޒަމެވެ.
އެ ހުރިހާ ކާމިޔާބެެއްގެ ފެށުން އޮތް ކ. މާފުށިން ވަނީ "ހާޓް އޮފް މޯލްޑިވްސް" ގެ ނަމުގައި ހުކުރު ދުވަހު އެ ރަށުގެ ޓޫރިޒަމް ބްރޭންޑު ލޯންޗުކޮށްފަ އެވެ. މިވީ މުއްދަތުގައި އެ ރަށުން އެވަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާ ވާދަކުރާ ފެންވަރުގެ ޓޫރިޒަމް ބްރޭންޑެއް އުފައްދައިފަ އެވެ.
މާފުށީގެ ޓޫރިޒަމް ބްރޭންޑު ރަސްމީކޮށް ލޯންޗުކޮށްދެއްވުމުގެ ޝަރަފު އެ ރަށުން ދިނީ މީގެ 15 އަހަރު ކުރިން، މި މަންޒަރު ލޮލަށް ފެނިވަޑައިގެން، ލޯކަލް ޓޫރިޒަމްގެ ސިޔާސަތު ތަންފީޒުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށެވެ. އިއްޔެ އެމަނިކުފާނު ކިޔައިދެއްވީ ލޯކަލް ޓޫރިޒަމާއެކު އާންމު ރައްޔިތުން ކުރިއަރައިދިޔަ މިންވަރެވެ.
މާފުށީގެ ބްރޭންޑު ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަޝީދު ހަނދާނަށް ގެންނެވީ ތަފާތު ދެ އަހަރަކު އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރެއްގެ ހަނދާންތަކެވެ. ވެރިކަމުގައި ހުންނަވައި 2009 އަދި އެއަށް ފަހު 2014 ގައި ކުރި އެ ދަތުރުތަކުގައި ފިހާރައެއްގެ ވިކުރާއަށް އައި ބަދަލުގެ ވާހަކަ ނަޝީދު ކިޔައިދެއްވި އެވެ.
"ވެރިކަމުގައި ހުރެ އައިސް މައި މަގުގައި ހުރި ފިހާރައަކަށް ވަނީމު، ވަދެ ވިކުރާ ބެލީމު. އެއްވެސް ސޭޓެއް މާ ބޮޑަށް ވިކުރާ ދައްކާ ހިތެއް ނުވާނެ. ނަމަވެސް އަޅުގަނޑު ގޮސް ބަލައިފީމު، 3،000ރ. ޖެހެނީ ރަނގަޅު ރެޔެއްގައި،" 2009 ވަނަ އަހަރުގެ ހަނދާންތައް އާ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ ނިސްބަތުން ބަލާނަމަ ފިހާރައިގެ އާމްދަނީ ހުންނާނީ ލައްކައިގެ ތެރޭގަ އެވެ. މިލިއަނަކަށް ވުރެ އިތުރަށް ވިޔަފާރިވުމަކީ ނާދިރު ކަމެކެވެ. އެ ވަރަށް މާފުށީގެ އިގުތިސޯދުގައި ފައިސާ ދައުރެއް ނުވާނެ އެވެ. ނަމަވެސް، އޭގެ ފަސް އަހަރު ފަހުން ނަޝީދު ކުރި ދަތުރުގައި ހަމަ އެ ފިހާރައިގެ ވިކުރާއަށް އައި ބަދަލުން ލޯކަލް ޓޫރިޒަމްގެ މުހިންމުކަން ވަޒަންކުރެވެ އެވެ.
"2014 ގެ ކުރީކޮޅު ހަމަ އެ ފިހާރައަށް ވަދެލިން، ދަންނަވަންތޯ 300،000ރ. ވިކުރާއަކީ. މާފުށީގެ އިގުތިސޯދު އެތައް ގުނައަކަށް ބަދަލުވެގެން ހިނގައްޖެ. އަޅުގަނޑު އެދޭ އެންމެ ބޮޑު އެއް އެދުމަކީ އެ އަދަދު އެނގުން. ކޮބައިތޯ މާފުށީގެ އުފެއްދުންތެރިކަމަކީ،" ނަޝީދު ވިދާޅުވި އެވެ.
ޓެކްސްގެ ގޮތުގައި އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދޭ އެއް ރަށުގެ ގޮތުގައި އޮތީ މާފުށްޓެވެ. އެ ރަށުން އަހަރެއްގެ މައްޗަށް 130 މިލިއަނަށް ވުރެ އިތުރަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަ އެވެ. އެ ރަށުގެ ކައުންސިލަށް އަހަރެއްގެ މައްޗަށް 55 މިލިއަން ރުފިޔާ ލިބެ އެވެ.
މާފުށީގައި ކޮންމެ ދުވަހަކު 1،500 ޓަނުގެ ފެން ބޭނުންކުރެ އެވެ. މާފުށްޓަށް ފެނުގެ ހިދުމަތް ދިނުމަށް ފެށުނު ގޮތް ވެސް ނަޝީދު ކިޔައިދެއްވި އެވެ. އެއީ އެމަނިކުފާނުގެ "ދެވަނަ ގެއެއް" ފަދަ މާފުށީ ޖަލުގައި ހުރި ފެން ޕްލާންޓަކުން ރަށަށް ވެސް ފެން ދެވޭނެ ގޮތް ހެދުމެވެ. އެ ގޮތަށް ފެން ޕްލާންޓުގެ ހިދުމަތްތައް ބަދަލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.
"މި ވިޔަފާރި ކުރިއެރުވުމަށް ކޮންމެހެން ބޭނުންވަނީ ފެނާއި ނަރުދަމާ، ދެން ލަފާ ފުރޭނެ ގޮތް. އިތުބާރާއެކު ކަރަންޓު ދެވުން. މި މައިގަނޑު ހިދުމަތްތައް އިރާދަކުރެއްވިއްޔާ ހަމަޖެހިއްޖެ މި ރަށުގައި ވަރަށް ކުރިން. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވަރަށް ކުރީކޮޅު." ނަޝީދު ވިދާޅުވި އެވެ.
އެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިނގައިގަންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. މާފުށިން ފެންނަ ތަފާތަކީ އެ ރަށުގެ ރައްޔިތުން އަމިއްލަައަށް ނަފާ ހޯދުމަށް ހުރި ޝައުގުވެރިކަން ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ ތަނަވަސްކަން، ޖީބަށް ފައިސާ ވަނުން، އަދި ހާއްސަ ގޮތެއްގައި ތިމަންނާއަކީ ތިމަންނާނެގެ ހަލާލު މަސައްކަތުން ތިމަންނާގެ އާއިލާ އާއި ދަރިން ބަލަހައްްޓާ ހަމަ ފައިމައްޗަށް ތެދުވެ ހުރި ދިވެހި ރައްޔިތެކޭ ބުނުމަށް ސަރުކާރުން ކޮށްދޭން ޖެހޭ ވަސީލަތްތައް ފަހިކޮށްދިނުން. އުސޫލުތައް ސިޔާސަތުތައް ކަނޑައެޅުން. އެ ވިޔަފާރީގައި ބައިވެރިވުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގެ ބިން ހިއްކުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށްގެންގޮސްފައިވާއިރު އެ ތަނުން އެއްވެސް ނަފައެއް ނުނެރޭތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ހިއްކި ބިމުގައި ގަހެއްގެ މިންވަރު ވެސް އިންދާފައި ނެތްކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"މިތާ ކައިރީގައި އޮތް ފަސްގަނޑަށް ފެނާއި ކަރަންޓާއި ދެއްވުން މާ ރަނގަޅު. ޓެކްސްގެ އާމްދަނީ އިތުރުވެގެން އަންނާނެ އަދި މި ދަންނަވާހެން ރާއްޖޭގެ އެތައް ތަނެއްގައި މިކަން ކުރެވެން އެބައޮތް. އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރެވޭނެ ކަންކަން ފާހަގަކުރެވޭނެ އަދި އެ ކަންކަން ކުރުމަށް ސަރުކާރުގެ ސިޔާސަތުތައް ފަހިވާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ވަސީލަތްތައް ގާއިމުކުރުމުގައި ފިތުރަތުގެ އުސޫލާ ހިލާފު ނުވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ރާއްޖޭގެ ރަށްރަށުގައި ތާރު އަޅައިގެން މަގުތައް ހަދާ އުސޫލުން މާފުށީގެ މަގުތައް ހެދުމަށް އެއްބަސްނުވުމަށް ނަޝީދު އެދިވަޑައިގަތެވެ.
"މިއީ ވިލެޖެއް، ޓޫރިސްޓު ރަށެއް. މި ރަށުގައި ޖަޒީރާ ގައުމުގެ ސިފަ ގެއްލޭ ގޮތަށް އެއްކަމެއް ވެސް ކުރަން ނުވާނެ. މަގުތައް ވެސް ހަދަންވީ ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް މިސާލަކަށް ވާނެ ގޮތަށް. ނަމަނަމަ މިހިރަ ރަށްރަށުގައި އެހެރަ އަޅާ ތާރުގަނޑު މިތާ އަޅުއްވަން ނޫޅުއްވާތި. ތަރައްގީއަކީ ކޮންކުރީޓެއް ނޫން. ތަރައްގީއަކީ ތިމަންނާއަށް ވާ ގޮތެއް، ތިމަންނާއަށް އަންނަ ބަދަލެއް." ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި އުފެއްދުންތެރިކަން ކުރިއަރާނެ ނިސްބަތް ވެސް މިހާރު އެނގެ އެވެ. ނަމަވެސް ވަކިވަކި ރަށްރަށުގައި އެ އަދަދުތައް ނޭނގުމަކީ އޮތް ހުރަހެކެވެ. ނަޝީދު ވިދާޅުވި ގޮތުގައި މާފުށީގެ ޓޫރިޒަމްގެ ކުރިއެރުމަށް އެ ނަންބަރުތައް ހޯދަން ޖެހެ އެވެ.
"މާފުށީގެ ޖީޑީޕީއަކީ ކޮބައިތޯ، މާފުށީގެ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ މިންވަރަކީ ކޮބައިތޯ، މާފުށީގައި މަހަކަށް ކިތައް އިތުރު ވަޒީފާ އެބަ އުފެދޭތޯ، ކުރިއަށް އޮތް ތަނުގައި ވަޒީފާތައް ބޭނުންވެގެންދާނީ ކިހާ މިންވަރަކަށްތޯ،" ތަރައްގީއަށް ފަހިވާ ސިޔާސަތުތައް ކަނޑައެޅުމުގައި މައުލޫމާތުގެ މުހިންމުކަމަށް އަލިއަޅުވައިލަމުން ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގެ ބީޗާއި، މޫދާއި، ގަސްކަރަ އާއި ފަސްގަނޑަކީ ހަމަ ފަސް ތަރީގެ ރިސޯޓުތަކާ އެއް ފެންވަރުގެ ތަންތަނެވެ. ނަޝީދު ވަނީ ރިސޯޓުތަކުން ނެގޭ ނަފާ ރާއްޖޭގެ 190 އަށްވުރެ ގިނަ ރަށުން ނުނެގެންވީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކާއި ދެމެދު ސިޔާސަތުތަކުގައި ފަރަގުތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރިސޯޓުފަހަރުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް. އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ. އެއީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އަންނައިރު މި މާފުށްޓަށް އެބަ ފައިބާ ދެ ލައްކަ މީހުން،" ނަޝީދު ވިދާޅުވި އެވެ.
މާފުށީގައި ސަރުކާރުން ކުރާ ކޮންމެ ކަމަކުން ވެސް ސަރުކާރަށް ވާނީ ފައިދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ޓެކްސް ބޮޑުކޮށްގެން ނުވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. މިހާރު ވެސް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ހިމެނޭހެން އާމްދަނީގެ 17 ޕަސެންޓު ލޯކަލް ޓޫރިޒަމް ވިޔަފާރިތަކުން ސަރުކާރަށް ދެ އެވެ.
"ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ކުރަންވީ ކަމަކީ ޓެކްސް އިތުރު ކުރުމެއް ނޫން. މިހާރު މި ނަގާ ޖީއެސްޓީ ދެ ޕަސެންޓުން އިތުރު ކުރުމެއް ނޫން. އެހެން ނަމަވެސް ޓެކްސް ބޭސް، ޓެކްސް ދައްކާ މީހުންގެ އަދަދު އިތުރުކުރުން،" ނަޝީދު ވިދާޅުވި އެވެ.
----
މާފުށްޓަކީ ސަރުކާރެއްގެ ކާމިޔާބު ސިޔާސަތެއްގެ ލާމަސީލު ނަމޫނާއެކެވެ. ވަކި ބައެއްގެ އަތް ދަށުގައި ޒަމާންތަކެއް ވަންދެން އޮތް ދިވެހި ޓޫރިޒަމް ދިވެހިންނާ ހަމައަށް ގެނައި ކާމިޔާބު ސިޔާސަތަކީ ލޯކަލް ޓޫރިޒަމްގެ ސިނާއަތެވެ. ބޮޑު ރިސްކެއް ނަންގަވައި ލޯކަލް ޓޫރިޒަމް ރަށްރަށުގެ ގޮނޑުދޮށާ ހަމައަށް ގެންގޮސް ދެއްވި ނަޝީދު އެ ވިދާޅުވެ ދެއްވީ އެ ސިނާއަތުގެ އިއްޔެ އާއި މިއަދުގެ ހާލަތު އަދި މާދަމާއަށް ތައްޔާރުވާންވީ ގޮތެވެ.
ލޯކަލް ޓޫރިޒަމުގެ އެހާރާއި މިހާރު އަދި ކުރިމަގު ނަޝީދުގެ ދުލުން ލޯކަލް ޓޫރިޒަމުގެ އެހާރާއި މިހާރު އަދި ކުރިމަގު ނަޝީދުގެ ދުލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ