ރައީސް މުހައްމަދު މުއިއްޒު ވެރިކަން ހިންގަވަމުން އެ ގެންދަވަނީ، މަޝްވަރާއަކީ އުނދަގުލެއް ކަމަށް ދެކި، ގައުމީ ތަރައްގީ ރޭވުމަކީ އިހުތިޔާރެއް ކަމަށް ދެކިގެންނެވެ. ކޮންމެ ކަމެއްގައި ވެސް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކީ އެންމެ މޮޅު ގޮތެވެ. މަޝްރޫއުތައް އިއުލާނުކުރުމާއި ތަންފީޒުކުރުމުގެ އެންމެހައި އިޖުއާރައަތެއް ވެސް ކުރިއަށް ގެންދަވަނީ އެ މަނިކުފާނުގެ ފޮތުންނެވެ.
ދެން ކޮންމެ ޕޯޑިއަމެއްގައި އެ ދައްކަވަނީ ކޮން ގައުމީ ތަރައްގީގެ ޕްލޭނެއްގެ ވާހަކައެއް ހެއްޔެވެ؟
ވިހި އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަކު ޕްލޭނަކާއި ޕްލޭނެކެވެ. ވިސްނުމެއް، ރޭވުމެއް ނެތި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ރަށަކާއި ޖެހި ރަށެއްގައި އެއާޕޯޓު އެޅުމަށް މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ދޯހަޅިކަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސިފަ ކުރެއްވީ މުށިޖެހުމުގެ މިސާލުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި މުއިއްޒުގެ ސިޔާސަތު ހުރީ މުށި ޖަހާހެން ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އެއާޕޯޓު އަޅުމަށާއި ތަރައްގީއަކަށް ނުވާ ކަންކަމުގައި ރިބަން ފަށް ކަނޑަމުން ދިޔުމަށެވެ.
"ހިކިފަ ދެ ގަލެއް އިނަސް، ގަބުރުސްތާނައެއްގައި ދެ މަހާނަ ގާ އިނަސް ރިބަން ފަށެއް ދަމާލާފައި ކަނޑަމުން ކަނޑަމުން އެހެރަ ގެންދަނީ. މާތް ކަލާކޯ މި މީހާ އަހަރެމެން އެބަ ޖެހޭ ހުއްޓުވަން،" މަލާމާތުގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
އެފަދަ ގޮތަކަށް ސިފަ ނުކުރެވޭ ވަރެއް ނޫނެވެ. އެއް އަތޮޅެއްގައި ވިހި ކިލޯމީޓަރުގެ ދުރުމިނުގައި ތިން އެއާޕޯޓާއި ޖެހިޖެހިގެން އޮތް ދެ ރަށެއްގައި އެއާޕޯޓާއި ރަށުގެ އާންމު ބޭނުންތަކަށާއި ދިރިއުޅުމަށް އަދި ވިޔަފާރިއަށް ބިމެއް ނެތަސް އެއާޕޯޓު ތަރައްގީކުރުން ހިމެނައިގެން ގިނަ ރަށްތަކެއްގައި އެއާޕޯޓު އަޅަން ސަރުކާރުން މަސައްކަތް އެ ކުރަނީ ފެން ހިފެހެއްޓޭނެ ގޮތެއްގައެއް ނޫނެވެ.
މިކަމަށް ސާވޭއެއް، ފީސިބިލިޓީ ސްޓަޑީއެއް، ޑިމާންޑް އެނަލިލިސްއެއް ހެއްދެވިތޯ އެވެ؟ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސި ވިލާތުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި މީހެއްގެ ސިޔާސަތުތަކާއި ހުވަފެންތައް ބިނާ މިކުރަނީ، ހިސާބު ޖެހުމެއް، މަޝްވަރާއެއް ނެތި ހެއްޔެވެ؟ ގައުމު ދަރަނިވެރި ހާލަތެއްގައި އޮއްވައި އެއްވެސް ފަރުވާލެއް ނެތި، ރަހުމެއް ނެތި ރައްޔިތުންގެ ފައިސާ ކަނޑަށް އޮއްސާލުން ދިފާއު ކުރާނީ ކޮން ހަމައަކުން ހެއްޔެވެ؟
މުޅިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއާޕޯޓުތައް އެޅުމަކީ އިގުތިސާދީ މޮޅު ސިޔާސަތެއް ކަމާއި ފަހުރެއް ކަމަށް ދެކުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ކަނޑައެޅިގެން ހިލާފުވުމެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ބ. ގައި އޮތީ "ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމާއި، އަދި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން" އެއީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވާ 20 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި ނިމޭނެ ދުވަހެއް ނޭނގޭއިރު، މުޅި ރާއްޖޭގެ ތަރައްގީގެ ތަސްވީރު، ޖަލްސާތަކާއި ޕޯޑިއަމްތަކުގައި އެ ދަނީ ކުރައްސަވަމުންނެވެ. އެ ކަންކަމުގައި ޕްލޭނެއް އޮތް ނަމަ ކިޔައިދީ، އޭގެ އިގުތިސާދީ އަދި އިޖުތިމާއީ މަންފާއަކީ ކޮބައިކަން ބުނެދޭން ޖެހެ އެވެ. ހާމަކުރަންޖެހެ އެވެ.
މިހާރު ވެސް ޑޮމެސްޓިކް އެތައް އެއާޕޯޓެއް އެބަ ހުއްޓެވެ. ނަމަވެސް އޭގެތެރެއިން ގިނަ އެއާޕޯޓުތައް ހިންގަނީ ގެއްލުމުގަ އެވެ. މިހަގީގަތް ފެންނަން އޮތްއިރު، ރަށާއި އަތޮޅުގެ އިގުތިސާދަށް ދިރުން ނުގެނެސް، އެފަދަ ސާފު ޕްލޭނެއް ނެތި، އަގުބޮޑުކޮށް ކޮނެގެން ފަސް އެޅުމާއި، އެ މައްޗަށް ކޮންކްރީޓު އެޅުމަކީ ހިޔާނާތުގެ ފަށަލަތަކެވެ. ނޫންނަމަ، ރައްޔިތުންނަށް ސާފު ތަސްވީރެއް ދައްކައި، މަޝްވަރާ ހޯދައި، މަޝްރޫއުތައް ބީލަމަށް ލައިގެން ކުރިއަށްދާ މިންވަރާއި އަގުތަކާއި ހުރިހާ ޕްލޭންތަކަކަށް ރައްޔިތުންގެ ރުހުން ހޯދާނެ އެވެ.
މީގެ އިތުރުން ދެތިން މިލިއަން ރުފިޔާ އަށް ކުރެވޭނެ މަސައްކަތް 11.5 މިލިއަން ރުފިޔާ ކުރުމާއި އެއް މިލިއަން ރުފިޔާއިން ހެދޭ ފިޓްނަސް ސެންޓަރަށް ފަސް މިލިއަން ރުފިޔާއިން ހެދުމަކާއި ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި، އުމްރާނީ އެހެން މަޝްރޫއުތަކުގައި ވެސް އޮތީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެ އެވެ. ބްރިޖުތަކާއި ކޯޒްވޭތަކާއި ކަނޑު އަޑީގެ ޓަނަލްތަކާއި ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުތައް އެޅުމުގެ ހުވަފެން އެ ދައްކަނީ ލިބޭ މަންފާގެ ބޮޑުކަމުންނެވެ.
އިންޓަނޭޝަނަލް އެއާޕޯޓަކާއި ބަނދަރަކާއި، ޓާޝަރީ ހޮސްޕިޓަލާއި ޔުނިވާސިޓީތަކާއި އިންޓަނޭޝަނަލް ބްރޭންޑުތައް ހިމެނޭ ޝޮޕިން މޯލްތަކާއި ތީމް ޕާކްތައް އަތުރާލައި، މުޅި ރަށް ދިއްލާލާފައި ބޭއްވުމަށް ފަހެ ނޭދޭނީ ކާކު ހެއްޔެވެ. މަވެސް މަގޭ ރަށަށް އެ ހުރިހާ ކަމެއް ބޭނުންވާނެ އެވެ. ނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން، އެއީ ދެކޮޅު ޖެހޭ، މަޝްރޫއެއްތޯ ވަޒަންކުރުމުގެ ޒިންމާ ކޮންމެ ރައްޔިތަކަށް ވެސް އެބަ އޮތެވެ.
މިފަދަ އެތައް ފިލްމެއް ބެލިއްޖެ އެވެ. ނޫސްތަކާއި ސޯޝަލް މީޑިއާގައި ސުރުހީތައް އެޅުމަކީ ހަގީގީ ތަރައްގީ ބިނާ ކުރުމެއް ނޫނެވެ. ހަގީގީ ތަރައްގީއަކީ ރިބަން ކަނޑުމާއި ބިންގާ އެޅުމެއް ވެސް ނޫނެވެ. ތަރައްގީއަކީ ތެދުވެރިކަމާއި ދުރުވިސްނުމާއެކު ހަގީގީ ބޭނުންތަކަށް ރޭވުމާއި ތަންފީޒުކުރުމެވެ.
އެއް ރަށުން އަނެއް ރަށަށް އެއް ހައިމާކްތަކާއި އުވަދޯނިތައް އުފުލުމަކީ ތަރައްގީއެއް ނޫނެވެ. ތަރައްގީއަށްޓަކައި މަސައްކަތެއް ފަށަން ވާނީ ޕްލޭނެއް އޮވެގެންނެވެ. ފަށްޓާ މަޝްރޫއުތައް ނިންމުމުގެ ނިޔަތް ވެސް އޮވެގެންނެވެ. އެއްވެސް ރޭވުންތެރިކަމެއް ނެތި އިއުލާނުކުރި އެއާޕޯޓު ޕްރޮޖެކްޓްތަކުންނާއި 8.8 ބިލިއަން ޑޮލަރުގެ ފޭކް ޝޭހުގެ މަޝްރޫއު އާއި، ޑިވެލޮޕްމެންޓު ބޭންކާއި އަދި ކަނޑުއަޑީގެ ޓަނަލުގެ މަޝްރޫއުއިން ވެސް ސާބިތުވަނީ މި ސަރުކާރުގެ ރޭވުންތެރިކަމެއް ނެތް ކަމެވެ.
މުއިއްޒުގެ "ގައުމީ ތަރައްގީގެ ޕްލޭނަކީ" ހިޔާލީފޮލައެއް! މުއިއްޒުގެ "ގައުމީ ތަރައްގީގެ ޕްލޭނަކީ" ހިޔާލީފޮލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ