ރައްޔިތުން ހަވާލުކުރާ ސިޓީތަކުން އެދުނު ގިނަ ކަންކަން ހައްލުކޮށްދީފިން: ރައީސް

ވަރަށް ގިނަ ރައްޔިތުން އެކިއެކި ބައްދަލުވުންތަކުގައި އެ މަނިކުފާނަށް އަރުވާ ސިޓީތަކުގައި އެދިފައިވާ ގިނަ ކަންކަމަށް ހައްލު ގެނެސްދީފައިވާނެ ކަމަށާއި ދެން އެދިފައި ހުރި ކަންކަން ވެސް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބާއްވަން ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ.
ތަފްސީލު - މި ބައްދަލުވުމުގައި އާންމުންނަށް މައިކް ދިނުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވާ އާންމުން ދައްކާ ވާހަކަތަކުގައި އެދޭ ކަންކަމާއި ސިޓީތަކުން ނުވަތަ ލިޔުންތަކުން އެދޭ ކަންކަން ހައްލުކޮށްދިނުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ތިބޭފުޅުން ވިދާޅުވާ ކޮންމެ ކަމަކަށް ވެސް އަޅުގަނޑުމެން ސީރިއަސްކަމާ އެކު އީޖާބީ ގޮތެއްގައި ކަންތައްތައް ހައްލުކޮށްދޭން މަސައްކަތް ކުރާނަން. ކަންބޮޑުވުމެއް ކަމުގައި ވިޔަސް، ހިތްހަމަ ނުޖެހުމެއް ވިޔަސް، މައްސަލައެއް ކަމުގައި ވިޔަސް، ހިޔާލެއް ކަމުގައި ވިޔަސް، މަޝްވަރާއެއް ވިޔަސް ތިބޭފުޅުން ހަމަ ދެއްވަންވީ މިތާގައި،" ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުން ނިމިގެން ރައްޔިތުންނަށް އަމިއްލަ ކަމެއްގައި ވިޔަސް އެ މަނިކުފާނާ ސިޓީއެއް ހަވާލުކޮށްލުމުގެ ފުރުސަތު އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރައްވި އެވެ. އަދި ރައްޔިތުންގެ ކޮންމެ ހުށަހެޅުމެއް ދޫކޮށްނުލައި އެ ކަމަކަށް "އިރާދަކުރެއްވިއްޔާ އެޓެންޑްވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
"މިގޮތަށް މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއް ވެސް، އެއީ މާލެ އެކަންޏެއް ނޫން، ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. މިއިން ކޮންމެ ރަށެއްގައި އަޅުގަނޑާ ބައްދަލުވި ހުރިހާ ރައްޔިތުން ވެސް އެއިން ކޮންމެ ބޭފުޅަކު، އެ ބޭފުޅަކު އަޅުގަނޑާ ހަވާލު ކުރެއްވި އެ ބޭފުޅަކު ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ސިޓީތަކަށް ވެސް މި ދަނީ ވަރަށް ސަމާލުކަން ދީގެން އެޓެންޑުވަމުން ހައްލުކުރެވޭތޯ ބަލަމުން،" މާފަންނުގެ ހަތަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް އަރިހުގައި ބައިތިއްބަވައިގެން ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"[އެ ސިޓީތަކުން އެދުނު] ބައެއް ކަންކަން ވަރަށް ގިނަ ރައްޔިތުންނަށް ހައްލު ވެސް ކޮށްދެވިއްޖެ. ގިނައީ އެ ބޭފުޅެއްގެ އަމިއްލަ ކަންކަން. ނޫނީ މުޖުތަމައުއާ ގުޅޭ ކަންކަން ވެސް އެބަހުރި."
މާލޭގެ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ރައީސް ވަނީ މިހާތަނަށް ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާ އެކު ބައްދަލުވުން ބާއްވާފަ އެވެ. އެ ދެ ބައްދަލުވުމުގައި ވެސް ރައްޔިތުން ހަވާލުކުރި ސިޓީތަކާއި ވިދާޅުވެފައިވާ ކަންކަމަށް ވީހާ ވެސް ރަނގަޅަކަށް ކަންކަން ކޮށްދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ