މެސެޖާ އެކު މައްސަލަ ބޮޑުވެފައިވާ އަސްމާ އިޖުތިމާއީ ކޮމެޓީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަކިކޮށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ހިއްސާކޮށްދޭން އެދި އެ މެންބަރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން ރައީސްގެ ނުރުހުން އަސްމާއަށް ރައްދުކުރެއްވި ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އަސްމާ ވަކިކުރެއްވި ކަމަށް ވެސް ހުކުރު ދުވަހު އަޑުފެތުރުނެވެ.
ތަފްސީލް - އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުންނާއި ކޮމެޓީގެ މެންބަރުކަމުން ވަކިކޮށް، އަސްމާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަނުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ.
އަސްމާ އިޖުތިމާއީ ކޮމެޓީން ވަކިކުރި އިރު، އޭނާގެ ދާއިރާގެ މެންބަރުންނަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި މެސެޖާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން، އޭނާ ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ.
 ރައްޔިތުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މެންބަރާ ހިއްސާކުރުމަށް އެދި ފޮނުވި މެސެޖުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށް އަސްމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް އެ މެސެޖު ފޮނުއްވީ، އެ ބައްދަލުވުމުގައި އެއްވެސް ސަބަބަކާ ހުރެ ރައީސާ ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭ މީހުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެއީ އަމިއްލަ ހައިސިއްޔަތުން ފޮނުއްވި މެސެޖެއް ކަމަށާއި މާފަންނު މެދު ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަމިއްލަ ހިޔާލާއި ކަންބޮޑުވުން ފާޅުކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަސްމާގެ ބަޔާނުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ