ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރަން ނިންމައިފި
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މަރްޔަމް ވަހީދު ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ މިދިޔަ އަހަރު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.އެ ފަހުން އެ ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައި ވަނީ މިއަދު ރަސްމީ ގޮތުން އެ ކޯޓް ހިންގަން ހަވާލުކޮށްފައިވާ ފަނޑިޔާރު ހުސައިން ޝަހީދުއާ އެވެ.ސިވިލް ކޯޓުގެ އިސް ގާޒީކަން ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް މިދިޔަ މަހު އަވަހާރާވުމާ ގުޅިގެންނެ އެވެ.ޖޭއެސްސީ އިން ބުނި ގޮތުގައި އެ ކޮމިޝަނުން މި ނިންމުން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލްވުމުގައި ކަމަށެވެ.ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން 2018 ވަނަ އަހަރުން ފެށިގެން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. އަދި އޭގެކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ.ގާޒީ މަރިޔަމް ވަހީދު 2016 ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި އެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން އޭނާގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ. ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކޮށް، އޭނާ އަލުން ވަޒީފާއަށް ނިކުތުމަށް އެންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ