ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހްކޮށްފި

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ހިންގާ " މަގޭ ސޯލާ" ޕްރޮގްރާމެއް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އިފްތިތާހްކުރައްވައިފިއެވެ.
މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ.
މިޕްރޮގްރާމަކީ ކަރަންޓް ބިލަށް ކުރާ ހޭދަ ކުޑަކޮށް ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު ރާއްޖޭގައި މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގަވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމަކީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %13 ތެލަށް ޚަރަދުވާ ކަމަށެވެ. ނަމަވެސް، މިއީ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބޭނުން ކުރެވޭނެ ފައިސާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރާއްޖެ އަކީ ހަކަތަ އުފައްދާ ގައުމަކަށް ނުވާތީ، ރާއްޖޭގައި ހަކަތަ ޖެހެނީ އަބަދުވެސް އިމްޕޯޓުކުރަން. އެހެންވީމަ އަޅުގަނޑުމެންގެ ރާއްޖެއަށް މިއިމްޕޯޓުކުރާ ހަކަތައަކީ ވަރަށް އަގުބޮޑު ހަކަތައެއް. ރާއްޖޭގެ ޖީ.ޑީ.ޕީގެ %13 މިދަނީ ހަކަތަ އިމްޕޯޓުކުރާ ހަކަތައިގެ ޚަރަދުގެ ގޮތުގައި. މިއީ ވަރަށް ބޮޑު އަދަދެއް. 800 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް އަޅުގަނޑުމެންގެ ފިއުލް، އެނަރޖީ އެބަ އަރާ." ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
މިއަދު އިފްތިތާހް ކުރީ "މަގޭ ސޯލާ" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށް ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި، މިސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި، އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އާއްމުކޮށް ބީލަމަށް ހުޅުވާލާފައިވާ ކަމަށްވެސް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުން ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމަކަށްވާތީ "މަގޭ ސޯލާ" ޕްރޮގްރާމް ރާވާފައިވަނީ އިންސްޓޯލްމަންޓް އުސޫލުން މިނިޒާމަށް ފައިސާ ދެއްކޭނެ ގޮތަށާއި މިނިޒާމްގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ގޮތަށް ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ