ޕީޕީއެމް ކައުންސިލުން މެމްބަރު އަމީތު އިސްތިއުފާ ދެއްވައިފި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކައުންސިލުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އިސްތިއުފާ ދެއްވައިފި އެވެ. ޕީޕީއެމް ކައުންސިލްގައި އަމީތު ތަމްސީލު ކުރައްވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ކަނޑައަޅާފައިވާ 10 ސޮލޮޓުގެ ތެރެއިން ސޮލޮޓެއްގަ އެވެ. އެ ސްލޮޓުތަކަށް ޕީޖީ ގްރޫޕުގެ މެމްބަރުން ކަނޑައަޅަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަމީތު "ސަން"އަށް މިއަދު ވިދާޅުވީ ކައުންސިލްގެ މަގާމަށް އޭނާ ވަޑައިގެންނެވީ އެއް އަހަރު ދުވަހަށް އެ މަގާމުގައި ހުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި "އަނގަބަހުން އެއްބަސްވެގެން" ކަމަށެވެ. އަމީތު ވިދާޅުވި ގޮތުގައި އެ މުއްދަތު މިއަހަރުގެ އެޕްރީމް މަހުގެ 30 ވަނަ ދުވަހަށް ހަމަވެއްޖެ އެވެ. އަމީތު އިސްތިއުފާ ދެއްވާފައި ވަނީ ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނެއް އުފެދިފައި ވަނިކޮށެވެ. އަމީތަކީ ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައި ގަންނަވާ މެމްބަރެކެވެ. އިސްތިއުފާ ދެއްވީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންތޯ ސުވާލު ދެންނެވުމުން އަމީތު ވިދާޅުވީ "އެކަމަކާ އިސްތިއުފާއާ ގުޅުމެއް ނެތް" ކަމަށެވެ. ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ކޯޓުން ހަވާލު ކުރުމުން، އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި އަމީތު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ