"އަހަރެމެން ފަލަސްތީނާއެކު" ބޮޑު އެއްވުން މިއަދު ހަވީރު

އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ދިވެހިން ތިބީ ފަލަސްތީނުގެ މުސްލިމުންނާއި މުޖާހިދުންގެ ދިފާއުގައިކަން ހާމަކޮށްދިނުމުގެ މަގުސަދުގައި ބާއްވާ "އަހަރެމެން ފަލަސްތީނާއެކު" ބޮޑު އެއްވުން މިއަދު ހަވީރު އޮންނާނެއެވެ.
މިހަރަކާތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)އާއި އިސްރާ އެސޯސިއޭޝަނުގެ އިތުރުން އެހެނިހެން މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މިހަރަކާތުގެ ދަށުން މިއަދު 11:00 ގައި މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ގައްޒާއަށް އެހީވުމަށް ފަންޑް ފޮށިތަކެއް ބަހައްޓާފަައި ވާއިރު މިއަދު ހަވީރު 4:00ގައި ރަސްފަންނު ސަރަހައްދުން ސައިކަލު ބުރެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވީރު 4:30 ގައި އާޓިފިޝަލް ބީޗުގައި "އަހަރެމެން ފަލަސްތީނާއެކު" ބޮޑު އެއްވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.
އައިއޭސީއިން ވަނީ އެ ހަރަކާތުގައި ކުދި ބޮޑު އެންމެން ބައިވެރިވުމަށް އެދިފައެވެ.
މިހަރަކާތްތަކުގެ "އަހަރުމެން ފަލަސްޠީނާއެކު" އައިއޭސީ އާއި ދިވެހި މީޑިއާ ގުޅިގެން ބާއްވާ ޓެލެތޯން އެއް މާދަމައިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން އަންނަނީ ދިވެހިންގެ ދީލަތި އެހީއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގައި ބޮޑު އެއްވުމެއް ބޭއްވޭ މި ދަނޑިވަޅަކީ ބަރަކާތްތެރި ހުކުރު ދުވަހު ފަލަސްތީނުގެ ހައްގުގައި މުޒާހަރާކުރުމަށް ހަމާސްގެ ކުރީގެ ވެރިޔާ އަދި ހަމާސްގެ ޑައިސްޕޯރާ އޮފީހުގެ ވެރިޔާ ހާލިދު މިޝާލް ހުރިހާ އިސްލާމީ ގައުމަކަށް ގޮވާލާފައިވާ ދަނޑިވަޅެކެވެ.
ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާ ހިސާރުކޮށް ބޮންއަޅައި، ކުޑަކުދިންނާއި އާންމުން މަރައި، ގެދޮރާއި، އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި ފެކްޓަރީތައް ސުންނާފަތި ކުތަމުންދާއިރު، ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ހަމާސްގެ މުޖާހިދުންވެސް ގެންދަނީ އިސްރާއީލުގެ އެތެރެއިންނާއި ބޭރުން މުޅި އިސްރާއީލަށް ސިހުން ގެނުވާފަދަ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ