ބިންސޫ: ކޮރެއާގެ މި ރަހައިން މެއަށް ފިނިކަން

ބިންސޫ ކޮރެއާގެ މީރު ފޮނި ރަހަަ އެންމެ ފަހުން ރާއްޖޭގެ ތޮށިގަނޑުން އެތެރެވެެއްޖެ އެވެ.
ބިންސޫއަކީ އަސްލު ކޯއްޗެއް ހެއްޔެވެ؟ އައިސް ކްރީމެއްގެ ގޮތްގަނޑު މީގައި ހުއްޓަސް މިއީ އަސްލު އައިސް ކްރީމެއް ނޫނެވެ.
ބިންސޫ އަކީ ކޮރެއާގެ އުފެއްދުމެކެވެ. މީތި ތައްޔާރުކޮށްފައި ހުންނަނީ ބޯތައްޓެއްގައި އުސްތުނބަށެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޝޭވްޑް އައިސް އާއި ކިރާއި ކޮންމެވެސް ފްލޭވާއެއްގެ ޓޮޕިންއެކެވެ.
ޗޮކްލެޓް، ތައިލެންޑްގެ މީރު ރަހައެއް ކަމުގައިވާ މެންގޯ ސްޓިކީ ރައީސް، މަޗާ، ސްޓްރޯބެރީ އެންޑް ކްރީމް ކަހަލަ ފްލޭވާތަކުގެ ބިންސޫ ހަދާފައި ހުރެ އެވެ.
ޝޭވްޑް އައިސް މީގައި ހިމެނޭތީ ކާލާ އިރު ކުރެވެނީ ސްނޯކޮޅެއް ކާލާކަމުގެ އިހްސާސެވެ. އަނގަޔަށް ވިރިގެންގޮސް މެޔަށް ފިނިކޮށްދެ އެވެ. އައިސް ކްރީމެއް ކާލުމުގެ ހިތްހަމަޖެހުން ލިބެ އެވެ. 
ޕޯޝަން ސައިޒް އެއް ބަޔަކަށް ތަންކޮޅެއް ބޮޑު ވެދާނެ އެވެ. އެކަމަކު ފޮނިއެއްޗެހި ކާހިތްވާ ބައެއް މީހުންނަށް މީތި ހަމަ ހެޔޮވަރެވެ.
މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ލޯންގް ބީޗް ކެފޭގައި މި ޑިޒާޓް މަގުބޫލެވެ. ގުރޫޕް ހަދާފައި ގޮސް އެންމެން ކަނީ މި އެވެ.
ބިންސޫ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދައިގެން އުޅޭ ސަބަބެއް އެބައޮތެވެ. އެއް ކަމަކީ ކޮރެއާގެ ސަގާފަތްތައް މުޅި ދުނިޔެއަށް ހަލުވިކޮށް ފެތުރެމުންދާ ގޮތަށް ދިވެހިރާއްޖެއަށް ވެސް އެތެރެވަމުންދާތީ އެވެ. ކޮރެއާ ޑްރާމާ، ކޭ-ޕޮޕް، ކޮރެއާގެ ކާނާ އަދި ރަހަތައް ދިވެހިން ވެސް އަޖުމަ ބަލާހިތްވެ އެވެ. މީގެ އިތުރުން މިއީ ވަރަށް އެސްތެޓިކް ޑިޒާޓެކެވެ. އިންސްޓަގްރާމް ފީޑަށް ރީއްޗެވެ.
އަނެއް ކަމަކީ ދިވެހިންގެ ތެރޭގައި ފުޑީސް އިތުރުވުމެވެ. އައު ކެއުންތަކާއި ރަހަތައް ތައާރަފުވެ އެ ރަހަތައް އަޖުމަބަލާ ހިތްވާ މީހުން ގިނައީ އެވެ.
ކޮންމެ ސަބަބާކާ ހެދި ނަމަވެސް ބިންސޫ މިއީ ހަމަ ޓްރައިކޮށްނުލާ ދޫކޮށްލާ ވަރު އެއްޗެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ