ގާޒާގައި އިތުރު 7 މީހަކު ބަނޑުހައިހޫނުކަމުގައި މަރުވެއްޖެ

ބަނޑުހައިހޫނުކަމުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ގާޒާގައި މަރުވި މީހުންގެ އަދަދު ހަތަކަށް އަރާފައިވާ ކަމަަށް ފަލަސްތީނުގެ ސަރަހައްދުގައި ހަމާސް އިން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އިޒްރޭލާއި ހަމާސް ހަނގުރާމަ 2023 ވަނަ އަހަރު ފެށުނު ފަހުން ބަނޑުހައިހޫނުކަމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 154އަށް އަރާފައި ކަމަށާއި އޭގެ ތެރޭގައި 89 ކުޑަކުދިން ވެސް ހިމެނެ އެވެ.
އދ.ގެ އެހީތެރިކަމާ އެކު ގާޒާގައި ކާބޯތަކެތީގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާ ތަޖުރިބާކާރުން ދިން އިންޒާރުގައި ބުނީ މި ދުވަސްވަރު ބަނޑުހައިހޫނުކަމުގެ އެންމެ ނުރައްކާތެރި ހާލަތު ތަހައްމަލު ކުރަނީ ގާޒާގެ ރައްޔިތުން ކަމަށެވެ. 
އިޒްރޭލުން ބުނަނީ ގާޒާއަށް ފޯރުކޮށްދޭ އެހީއަށް އިޒްރޭލުން ހުރަސް ނާޅާ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން އެ ވާހަކަ ބަލައެއް ނުގަނެ އެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ބުރާސްފަތި ދުވަހު އިޒްރޭލަށް ވަޑައިގެން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
އެ ދަތުރަކީ ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ވިޓްކޯފް އިޒްރޭލަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެއީ ގަތަރުގައި ކުރިއަށްދިޔަ ގާޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުން އެމެރިކާ އާއި އިޒްރޭލުގެ މަންދޫބުން ވަކިވިތާ ހަފުތާއެއް ނުވަނީސް ކުރައްވާ ދަތުރެކެވެ. އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި ހަމާސްގެ ވަފުދުން މަސައްކަތް ކުރީ ހެޔޮ ނިއަތުގައެއް ނޫނެވެ.
ގާޒާގެ ހޮސްޕިޓަލެއްގެ މަސްދަރުތަކުން ބީބީސީއަށް ބުނި ގޮތުގައި، ގާޒާގެ ދެކުނުގެ ރަފާ ސަރަހައްދުގައި ހުންނަ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އެހީ ފޯރުކޮށްދޭ ސެންޓަރެއް ކައިރީގައި ފަލަސްތީނުގެ ހަ މީހަކު ވަނީ މަރާލައިފަ އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމުގެ ކުޑައިރުކޮޅެއް ކުރިން ބަޔަކު އެ މަރުކަޒަށް ވަންނަން އުޅުމުން އިޒްރޭލުގެ ޓޭންކަކުން ވަނީ ހަމަލާދީފަ އެވެ.
ހަމާސްގެ ކޮންޓްރޯލް އޮންނަ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހުު އެކަނި ވެސް 103 މީހަކު މަރުވެފައިވާ ކަމަށާއި އެކެއްގެ ހަށިގަނޑު ކުނިތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން 60 މީހުންނަކީ ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަނިކޮށް މަރާލި މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ