'ދަ ފީނިކްސް އޮފް ގާޒާ' އަންނަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.
ފަލަސްތީނަށް ނިސްބަތްވާ ޔޫސުފް އަލްހިލޫ އުފައްދާފައިވާ މި ފިލްމަކީ އޮކްޓޫބަރު 2023ގައި އިޒްރޭލުން ގާޒާ ސުންނާފަތިކުރަން ފެށުމުގެ ކުރިން ސިޓީއެއްގެ ގޮތުގައި ގާޒާ އޮތް ގޮތް ޑޮކިއުމެންޓަރީއެއް ސިފައިގައި ފެންނަ އެންމެ ފަހު ފެނިލުމެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ޔޫސުފްއަކީ ފިލްމު އުފެއްދުންތެރިއެއްގެ އިތުރުން މިނިވަން ނޫސްވެރިއެއް އަދި ޕޮލިޓިކަލް އެނަލިސްޓެއް ވެސް މެ އެވެ.
ޔޫސުފް 2013 ވަނަ އަހަރު ރޮއިޓާސްގެ ފެލޯޝިޕެއްގައި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލްކުރުމަށް ފުރައިގެން ދިޔަ ފަހުން އެނބުރި ފަލަސްތީނަށް ޒިޔާރަތް ކުރީ 2023ގަ އެވެ. އޭނާގެ މަގްސަދަކަށްވީ އޭނާގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ގާޒާގެ ރީތިކަމާއި މީހުންނަށް އާއްމުކޮށް ނޭނގޭ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކައިދޭ ޑޮކިއުމެންޓްރީއެއް އުފެއްދުމެވެ.
ގާޒާގެ ތާރީހީ އިމާރާތްތަކާއި މީހުން އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް އެއްވެ އުޅޭ ތަންތަނާއި ގޮނޑުދޮށާއި އޮލިވް ދަނޑުތަކާއި މޭވާތައް އަދި މިސްކިތްތަކާއި ފައްޅިތަކާއި ދާރުލްއާސާރުތައް އޭނާ ވީޑިއޯ ކުރި އެވެ. އަދި މި ތަންތަނުގެ އޭރިއަލް ފުޓޭޖް ވެސް އޭނާ ނެގި އެވެ.
ޔޫސުފްއަށް އެ ދަތުރުގައި ނޭނގުނީ އޭނާގެ އަމިއްލަ ވަޒަން އިޒްރޭލުން ސުންނާފަތިކޮށްލަން މާ ގިނަ ދުވަސްތަކެއް އޭރު ނެތް ކަމެވެ.
ޔޫސުފް ނޫސްވެރިކަން އިހްތިޔާރު ކުރީ ވެސް، ބޮޑުވެގެން އައި އިރު އޭނާ ވަށައިގެން އިޒްރޭލުން ހިންގަމުންދިޔަ އަނިޔާވެރިކަމާ ގުޅިގެން، އޭނާގެ ގައުމާ މެދު ތެދު ހާމަކުރަން ބޭނުންވެގެންނެވެ.
އިޒްރޭލުން 10 ޑިސެމްބަރު 2023ގައި ވަނީ ޔޫސުފްގެ ދައްތަ އާއި ދައްތަގެ ހަތް ދަރިން އެ މީހުންގެ ގެއަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފަ އެވެ. އަދި އޭނާގެ ގާތްތިމާގެ އެހެން ބައެއް މީހުންނާއި އެކީގައި މަސައްކަތް ކުރި މީހުން ވެސް އެކި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވެ އެވެ.
'ދަ ފީނިކްސް އޮފް ގާޒާ' އިން ދައްކަނީ އިޒްރޭލުގެ ޒަމާންވީ އަނިޔާވެރިކަމާ އެކު ވެސް، ގާޒާގެ ރައްޔިތުންގެ ވިލުންވެރިކަމެވެ. އަދި އެ މީހުންގެ ހިތްވަރެވެ.
ފިލްމު ޕްރިމިއާ ކުރުމަށް ޔޫސުފް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމު އޮލިމްޕަހާ ހަމައަށް ގެނެސްދެނީ އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަންގެ ފަރާތުންނެވެ. މި ފިލްމްގެ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮލިމްޕަހުގެ އިތުރުން ހުޅުމާލޭގެ ރެނާޓަސް ތިއޭޓަރުގައި އޯގަސްޓް 8 އަދި 9ގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.
މިއީ ރާއްޖޭގައި ފުޅާކޮށް ފަލަސްތީނުގެ ޕްރޮޑިއުސަރެއްގެ ފިލްމު ދައްކާ ފުރަތަމަ ފަހަރެވެ.
'ދަ ފީނިކްސް އޮފް ގާޒާ' އޮލިމްޕަހުގައި ދައްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ