ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 2 ހަފްތާތެރޭ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދޫކުރި ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާއިތުވި ނޮވެމްބަރު މަހުގެ 17 އިން 30 ހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަމަށް ދައްކައެވެ.
މިކަމާއި ގުޅިގެން މިނިސްޓރީން ބުނީ އެ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށެވެ.
މީގެއިތުރުން އެ މިނިސްޓްރީގެ ބަޔާނުގައި އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ. އެގޮތުން ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތަކާއި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް ޕޭމެންޓްވެސް ހަދާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓރީން އިތުރަށް ބުނީ ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ މި ސަރުކާރުން އުވާލުމަށްފަހު ބަންޑާރަނައިބު ލަފައާއެކު މުރާޖައާ ކުރުމުގެ މަސައްކަތައް ފައްޓަވާފައިވާކަމަށެވެ.
ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދޫކުރި ވާހަކަ ފިނޭންސުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ