ކުންފުންނީގެ ޑިރެކްޓަރުން ކޯޓު މެދުވެރިކޮށް ވަކިކުރެވޭނެ ކަމަށް ނިންމައި، ސުޕްރީމް ކޯޓުން ޑިރެކްޓަރަކު ވަކިކޮށްފި

ކުންފުނީގެ މައްސަލަތައް ފުށުއަރާ ނިންމުންތައް އަމިއްލަ ފައިދާ އަށް ނިންމާ،  ޑައިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބާ ހިލާފުވެ، ކުންފުނީގެ އާންމު ޖަލްސާއިން އޭނާއާ މެދު ފިޔަވަޅު އެޅެން ނެތް ހާލަތުގައި، އެ ޑައިރެކްޓަރަކު ކޯޓު މެދުވެރިކޮށް ބޯޑު މެމްބަރު ކަމުން ވަކިކުރުމުގެ ބާރު ކޯޓަށް ލިބޭނެ ކަމަށް ނިންމައި، ފުރަތަމަ ފަހަރަށް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކު މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
މި އަމަރު ނެރެފައިވަނީ، ކ.މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ 'ރިހިވެލި ބީޗް ރިސޯޓު'ގެ ހަމަހަމަ ހިއްސާ އޮންނަ ގޮތަށް އުފައްދާވާފައިވާ 'ސޭވް ދަ ޑްރީމް މޯލްޑިވްސް' އާއި، އެރަށް ސަބްލީޒް ކޮށްފައިވާ 'މާހަލް ޓުއާޒް'ގެ ހިއްސާ ވެސް އޮންނަ ހުސެއިން ޝިހާމް އަލީ، ސޭވް ދަ ޑްރީމްގެ އެއް ހިއްސާދާރުގެ ގޮތުގައި ހުރެ، ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ އަމާނާތްތެރިކަމުގެ ވާޖިބުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގަ އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ، ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ އެއް ހިއްސާދާރު، ކަމަށްވާ ފްރާންސްގެ ކުންފުނި، 'ސޭވް ދަ ޑްރީމްސް ފްރާންސް'ގެ ފަރާތުން ނެވެ. ސުޕްރީމް ކޯޓުން މިއަދު ގޮތް ނިންމާފައިވަނީ، 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުންނާއި، ހައި ކޯޓުން ނިންމާފައިވާ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފީ މައްސަލާގަ އެވެ.
ސިވިލް ކޯޓުން މިއަދު ވަނީ، ހައި ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތައް ބާތިލުކޮށް، ރިހިވެލި ރިސޯޓު ހިންގުމަށް ޖޮއިންޓް ވެންޗާއެއްގެ ދަށުން އުފައްދާފައިވާ 'ސޭވް ދަ މޯލްޑިވްސްގެ' އެއް ހިއްސާދާރު، ޝިހާމް އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުން ޑިސްކޮލިފައި ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި މި މައްސަލާގައި ފްރާންސްގެ ކުންފުނިން ނަގައިދޭން އެދިފައިވާ 500،000 ޑޮލަރު ޝިހާމްގެ އަތުން ނަގައިދެވެން ނެތް ކަމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
މައްސަލައިގެ ފެށުން - މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ ރިހިވެލި ބީޗު ރިސޯޓަކީ ސަރުކާރުން 'މާހަލް ޓްއާޒް ޕްރައިވެޓް ލިމިޓެޑް' ނަމަކަށް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ރިޒޯޓެކެވެ. މާހަލް ޓްއާޒް އަކީ މި މައްސަލާގައި ދައުވާ ލިބޭ ހުސެއިން ޝިހާމް އަލީގެ، އާއިލީ ވިޔަފާރީ އެކެވެ. އޭނާ އަކީ އެ ކުންފުނީގެ ހިއްސާދާރެއްގެ އިތުރުން ބޯޑު ޑައިރެކްޓަރެކެވެ. އަދި އޭނާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ.
15 ފެބްރުއަރީ 2018 - ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސް އާއި، ހުސެއިން ޝިހާމް އަލީ އާ ދެމެދު  ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އަހަރުގެ 29 އެޕްރީލްގައި ދެ ފަރާތް ހިއްސާވާ ގޮތަށް 'ސޭވް ދަ ޑްރީމްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ނަމުގައި ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓްރީ ކުރި 
މި ކުންފުނި އުފެއްދުމުގެ ބޭނުމަކީ ރިހިވިލް ބީޗު ރިސޯޓުގެ ސަބްލީޒް ލިިބިގަނެ އެ ރިސޯޓު ހިންގުން؛ ސޭވް ދަ ޑްރީމްސްގެ %50 ހިއްސާދާރަކީ ޝިހާމް، އަނެއް %50 ހިއްސާދާރަކީ ސޭވް ދަ ޑްރީމް ފްރާންސް
މި ކުންފުނީގެ ހިންގާ ގަވާއިދު ބުނާގޮތުން އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވަނީ ދެ ޑައިރެކްޓަރުންގެ މައްޗަށް؛ އެއީ ޝިހާމް އާއި ފްރާންސް ކުންފުނީގެ ފަރާތުން ކްރިސްޓިއަން ކާބް، ނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޝިހާމް
28 މޭ 2018 - ސޭވް ދަ ޑްރީމްސް ކުންފުންޏަށް ރިހިވެލި ބީޗު ރިސޯޓު ސަބްލީޒް ކުރުމުގެ އެއްބަސްވުމެއްގައި ޝިހާމްގެ ހިއްސާ އޮންނަ މާހަލް ޓުއާސް އާއި ސޭވް ދަ ޑްރީމްސް އާ ދެމެދު ސޮއިކުރެވުނު
އޭގެފަހުން އެ ދެ ކުންފުނީގެ ދެމެދުގައި ދެ އެންޑަންޑަމެއްގައި ސޮއިކޮށްފައިވާ އިރު، އެ ދެ އެންޑަންޑަމުގައި ވެސް މާހަލް ޓުއާޒްގެ ފަރާތުން ސޮއިކޮށްފައިވަނީ މާހަލްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ފައުންޑަރެއް ކަމުގައި އަލީ ޔޫސުފް
އަލީ ޔޫސުފްއަކީ މާހަލްގެ ޑިރެކްޓަރެއް ނޫންކަން 2019ވަނަ އަަހަރުގެ ތެރޭގައި ފްރާންސްގެ ކުންފުންޏަށް އެނގުމުން، ސޭވް ދަ ޑްރީމްސްގެ ފަރާތުން މާހަލް އަށް ދައްކަންޖެހޭ ކުލި، އެންޑަންޑަމްގެ ސައްހަކަން ކަށަވަރުނުކޮށް، ނުދެއްކޭނެ ކަމަށް ބުނެ، ކުލި ދެއްކުން މަޑުޖައްސާލި
20 ފެބްރުއަރީ 2020 - ކުލި ދެއްކުން މަޑުޖައްސާލާފައި ވަނިކޮށް، ސޭވް ދަ ޑްރީމްސް ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން، 550،000 ޑޮލަރު (8.4 މިލިއަން ރުފިޔާ)، މާހަލް ޓުއާޒް އަށް ޝިހާމް ދީފައިވޭ؛ މިކަން ޝިހާމް ކޮށްފައިވަނީ ކުންފުނީގެ އުސޫލުތަކާއި ހިލާފަށް އަނެއް ހިއްސާދާރު ކްރިސްޓިއަން ކާބް އަށް އެނގުމެއް ނެތި
10 ނޮވެމްބަރު 2020 - އެ ފައިސާ ނެގުމުން ކުންފުނިން ފައިސާ ހުސްވެ، އިތުރަށް ކުލި ދެއްކޭނެ ގޮތެއް ނެތި ވިޔާފާރި ހުއްޓިފައިވާތީ ޝިހާމް ކުންފުނީގެ ޑައިރެކްޓަރުގެ އަމާނާތްތެރިކަމުގެ ވާޖިބާ ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ އާ ދެކޮޅަށް ފްރާންސްގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރި
ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލާގައި ފްރާންސްގެ ކުންފުނިން އެދިފައިވަނީ، މާހަލް އާއި ފްރާންސްގެ ކުންފުނި، ސޭވް ދަ ޑްރީމް ފްރާންސް އިން ގުޅިގެން އުފެއްދި ސޭވް ދަ ޑްރީމްސް ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ޝިހާމް ވަކިކޮށްދިނުމާ އެކު، ކުންފުނީގެ ސެކެރެޓަރީގެ މަގާމުން އަލީ އުސައިދު ވަކިކޮށްދިނުމަށެވެ. އަދި ކުންފުނީގެ ހިންގާ ގަވައިދު ބަދަލުކުރުމުގެ އަމުރެއް ނެރެދިނުމާ އެކު، އެ ކުންފުނިން ޝިހާމް ނެގި 550،000 ޑޮލަރު އަނބުރާ ދެއްކުމުގެ އަމުރަކަށް ވެސް އެދިފައި ވެއެވެ.
ވީ ކިހިނެއް؟ - ސިވިލް ކޯޓުން 31 އޮގަސްޓު 2021ގައި ނިންމި ނިންމުމުގައި ބުނެފައިވަނީ ޝިހާމް އަމަލުކުރި ގޮތް ރަނގަޅު ކަމަށާއި އޭނާ އާއި އެ ކުންފުނީގެ ސެކެރެޓަރީ އަލީ އުސައިދު ވެސް މަގާމުން ވަކި ނުކުރެވޭނެ ކަމަށާއި ފްރާންސްގެ ކުންފުނިން އެދުނު ގޮތަށް ފައިސާ އަނބުރާ ދެއްކުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ފްރާންސްގެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަހަރުގެ ޖޫން 13ގައި ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. އެފަހަރު ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ޝިހާމް ނެގި ފައިސާއަކީ، މާހަލް އަށް އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ކުއްޔެއް އޮތުމުން، އެ ކުއްލި ދެއްކުމަށް ނެގި ފައިސާއަކަށްވާ އިރު، ކުލި ދައްކަންޖެހޭ ކޮންމެ ފަހަރަކު އަނެއް ހިއްސާދާރުގެ ހުއްދަ ލިއުމުން ހޯދަންޖެހޭނެ ކަމަށް ކުންފުނީގެ މައި އެއްބަސްވުމުގައި ނޯންނަ ކަމަށެވެ.
އަދި ޝިހާމް އާއި އެ ކުންފުނީގެ ސެކެރެޓަރީ ވަކިކުރުމަށް ފްރާންސްއިން އެދިފައިވާ އެދުމާއި ބެހޭގޮތުން ހައި ކޯޓުން އެ ފަހަރު ބުނެފައިވަނީ، އެ ކުންފުންޏަކީ ދެ ބައި މީހުންގެ ތެރެއިން ކޮންމެ މީހަކަށް %50 ހިއްސާ ވާގޮތަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އެ ދެ ކުންފުނީގެ މީހަކު ނުހިމެނޭ ގޮތަކަށް ޑިރެކްޓަރުންގެ ބޯޑެއް އެކުލަވައެއް ނުލެވޭނެ ކަމަށެވެ. އަދި އެ ހާލަތުގައި، ކުންފުންޏާބެހޭ ގާނޫނުން ވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޑިރެކްޓަރަކު ވަކި ކުރެވިދާނެ ހަމައެއް ނެތް ކަމަށާއި ސޭވް ދަ ޑްރީމްސްގެ ޑިރެކްޓަރުންގެ ބޯޑުން ޑިރެކްޓަރުން ވަކި ކުރުމަކީ ކޯޓު އަމުރެއްގެ ދަށުން ކުރެވިދާނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.
 ހައި ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ފްރާންސްގެ ކުންފުނިން ދެން ގޮސްފައިވަނީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓަށް ފްރާންސްއިން ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ގޮތް ނިންމާފައިވަނީ ދެ ކަމެއްގަ އެވެ. އެއީ:
ޝިހާމް ކުންފުނީގެ ބޯޑު ޑައިރެކްޓަރުގެ ޒިންމާގެ ވާޖިބުތަކާ ހިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ
ޒިންމާގެ ވާޖިބުތަކާ ހިލާފުވެފައިވާނަމަ އޭނާ ވަކި ކުރެވޭނެތޯ ނުވަތަ ނޫންތޯ
ބުނީ ކީކޭ؟ - އެ މައްސަލާގައި މިއަދު އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ސެކެޓްރީ ވަކިނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ފިޔަވައި، މާހަލް ޓުއާޒް އާ އެއްކޮޅަށް މީގެ ކުރިން ސިވިލް ކޯޓާއި، ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ބާތިލުކޮށްފަ އެެވެ. ސެކެޓްރީ ވަކިކުރުމާމެދު ނިިންމާފައިވާ ނިންމުން ބަދަލު ކުރުމާމެދު ސްޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅީ އެ ކަމަށް އެ ކޯޓުގައި އެދިފައި ނުވާތީ އެވެ.
މީގެ އިތުރުން، ޝިހާމް ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ބޯޑު ޑިއިރެކްޓަރުގެ ޒިންމާތަކުގެ ވާޖިބުތަކާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅާ، ޑިރެކްޓަރު ކަމުން އޭނާ ޑިސްކޮލިފައި ކުރުމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، އެ ކުންފުނިން އޭނާ ނެގި 550،000 ޑޮލަރު ނަގައިދެވެން ނެތް ކަމަށް އެ ކޯޓުންވެސް ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ރިޔާސަތު ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރެއްގެ ފަރާތުން ކުންފުނީގެ މަސްލަހަތު ފުށުއަރާ ކަމެއްކޮށް، ކުންފުނީގެ މަސްލަހަތަށް އުނިކަން އަންނަ ހާލަތުގައި އޭނާ މަގާމުން ވަކިކުރުމާއި އޭނާގެ އަތުން ގެއްލުމެއް ވެފައިވާނަ ބަަދަލު ހޯދުމުގެ އަމުރަކީ ކޯޓަށް ނެރެވިދާނެ އަމުރެއް ކަމަށެވެ.
އެއީ މަކާރާ ހިލާތް ހުއްޓުވުމަށާއި، މަގާމުގެ ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށާއި ކުންފުނިތައް އިންސާފުވެރިކަމާ އެކު ހިންގުމުގެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ޜާއްޖޭގެ ކުންފުންޏާއި ބެހޭ ގާނޫނުގެ ތަސައްވަރު ކަމަށްވާތީ ކަމަށް އެ ރައުޔުގައި ވެއެވެ.
އެގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސް އަކީ ދެ ފަރާތެއްގެ ހަމަހަމަ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވުމާއި، އެ ކުންފުނީގެ އެއް ހިއްސާދާރު ޝިހާމް އަކީ ރިހިވެލި ބީޗު ރިސޯޓު ސްބްލީޒް ކޮށްފައިވާ މާހަލް ޓުއާޒްގެ ހިއްސާދާރެއް އަދި މެނޭޖިން ޑިރެކްޓަރު ކަމަށް ވެސް ވުމުން، އެ ދެކުންފުނީގެ ދެމެދުގައި ހިންގާ މުއާމަލާތެއްގައި މަސްލަހަތު ފުށުއާރާ ކަމެއް ޝިހާމަށް ކުރެވޭނީ ބޯޑަށް ހާމަކޮށް، ބޯޑުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ވެސް ސައޫދުގެ ރައުޔުގައި ވެއެވެ. އެހެންކަމުން 550،000 ޑޮލަރު ނަގާ، ޝިހާމްގެ މަސްލަހަތު އޮންނަ މާހަލް އަށް ބޯޑަށް ހުށަހެޅުމެއް ނެތި ނުދެވޭނެތީ، އޭނާގެ ޒިންމާތަކުގެ ވާޖިބާ ހިލާފުވެފައިވާކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް އެ ރައުޔުގައި ބުނެފައިވެ އެވެ.
"މި މައްސަލާގައި މި ކޯޓުން ހުސެއިން ޝިހާމް އަލީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުގެ ބޯޑުން ޑިސްކޮލިފައި ކުރުމުން އެ ކުންފުނި ހިންގުމަށް އެޅޭ ހުރަސްތައް ނައްތާލުމަށް ނުވަތަ ހައްލެއް ހޯދުމަށް ކޯޓުގެ އެހީ ހޯދުމުގެ ބާރު ކުންފުންޏަށް ލިބިގެން ވެއެވެ." ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވެ އެވެ.
އެނގުން މުހިންމު - ރިހިވެލި ބީޗު ރިސޯޓު ހިންގުމަށް ސޭވް ދަ ޑްރީމްސްއަށް ދީފައިވާ ލައިސެންސް 2021 ވަނަ އަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ބާތިލު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ