1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭކަމަށް އެހާދިސާ ކުރިމަތިވިއިރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ 35 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫނު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހިބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށްކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭކަމަށެވެ.
ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމަށްޓަކައި ދިވެހިންގެ ތެރެއިން ގައުމަށް ގައްދާރުވި ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ކުލީ ސިފައިންނާއިއެކު ދިން މި ހަމަލާގެ މޭސްތިރިންނަކީ އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރެވެ.
އެދުވަހު ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު މިއީ ރާއްޖެދުށް އެންމެ ބިރުވެރި ދުވަސްކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު ދުޝަމަނުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ އޭޝިއާ ސަރަހައްދުގައި އޭރު އުފެދުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ވަސަންތީ އެވެ. ދުޝަމަނުން ރާވާފައިވަނީ ސިފައިންގެ ގޮއްވާލައި ރައީސް މައުމޫނާއި ބައެއް ވަޒީރުން ރަހީނު ކޮށް ވެރިކަން ފުޅޮޅާލުމަށެވެ.
ސަޕްރައިޒް އެޓޭކެއް ދިނުމަށް ރާވައިގެންއައި ދުޝްމިނުންނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހި އެމީހުންގެ ރޭވުން ވިއްސި ވިހާލިވީ ސިފައިންގޭ ހުޅަނގު ފަރާތުގެ ސެނގަރުގައި އެވަގުތު ފޯރިމަރަމުންދިޔަ ޝަހީދު ޕްރައިވެޓް ހުސެއިން އާދަމްގެ އަވަސް ރައްދު ހަމަލާގެ ސަބަބުންނެވެ.
އެންމެ 60 ވަޒަނުގެ ދެ މެގަޒިންގެ ބޭނުން ހިފައި ޝަހީދު ހުސައިން އާދަމް ދިން ރައްދުހަމަލާގައި، އަމުދުން ހަނގުރާމައިގެ އެހާ ކުރީކޮޅު ދުޝަމަނުންގެ ލަޝްކަރުގެ ކޮމާންޑަރު ވަސަންތީ މަރާލުމުން ހަގީގަތުގައި ދުޝްމަނުންނަށް ކޮމާންޑް ދޭނެ މީހަކުނެތި ހުއްޓުންއެރީއެވެ.
އޭގެ އިތުރުން ދުޝްމަނުންގެ ހަބަރު ހޯދުމަށް ނުކުތް ރެކީ ޕެޓްރޯލް ޓީމުގެ 10 ސިފައިންގެ ބޭކަލުންނާއި ޓީމުގެ އިސް ކޮމާންޑަރަކަށް ހުންނެވި އޭރު ލެފްޓިނެންޓް ރޭންކުގައި ހުންނެވި މޫސާ އަލީ ޖަލީލްގެ އާދަޔާ ހިލާފް މަސައްކަތްޕުޅުގެ ސަބަބުންވެސް ދުޝްމަނުންނަށް ވާނުވާ ނޭނގި އިތުރަށް ހާސްވިއެވެ.
މިކަމުގެ ސަބަބުން ދިވެހި ސިފައިންނަކީ ކެރޭ ބައެއްކަން ދުޝްމަނުންނަށް އެނގުނެވެ. އަދި ސިފައިންގެ ތެރޭގައި ރޭވިގެން ހަމަލާތަކެއް ދީފާނެކަމުގެ ބިރު އެމީހުންގެ ހިތްތަކަށް ވެރިވިއެވެ. ނިކުތީ ކިތައް ސިފައިންކަމެއް، ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގުނީއެވެ. އެހާ ހިސާބުން ދުޝްމަނުންގެ މުޅި މިޝަން ފެއިލްވީއެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހަން ކައިރިވެފައި ވަނިކޮށް "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ރާއްޖެއަށް އެހީވުމަށް އިންޑިއާ ސިފައިން އައި އިރު "ކަންވެ ނިމިއްޖެ" އެވެ.
19 ދިވެހިން ޝަހީދު ކޮށްލައި ސިފައިންގެ ބޭކަލުންގެ ކަރާމަތާއި އިއްޒަތްތައް އަރައިގަނެ ދިން ހަމަލާގެ ފަހަތުގައި އަދިވެސް ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް އަދިވެސް ހާދިސާގެ އެންމެ ފުނަށް ވާސިލްވެފައެއްނުވެއެވެ.
ބަޑި ބުރާސްފައްޗަކީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ