މައުމޫން ބޭއްވި ކައުންސިލު ބައްދަލުވުމުގައި ޕީޕީއެމަށް އެސްޖީއަކު އައްޔަންކޮށްފި
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުލް އަލީމް އާދަމް އައްޔަން ކުރައްވައިފި އެވެ. އަލީމު އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އެ މަގާމުން އިސްތިއުފާ ދެއްވިތާ ތިން މަސް ފަހުންނެވެ. އަލީމު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ހެނދުނު ކުއްލި ގޮތަކަށް މައުމޫން ބޭއްވި ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގަ އެވެ. މައުމޫން ބޭއްވި ބައްދަލުވުމަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. މައުމޫން ވިދާޅުވި ގޮތުން 32 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީއަކީ 11 އެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުުވެފައި ވަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އަލީމް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫނު ވަނީ އަލީމަށް މަރުހަބާ ދަންނަވާފަ އެވެ. ޕީޕީއެމް އެސްޖީގެ މަގާމަށް އަލީމް އައްޔަން ކުރައްވާފައި މިވަނީ މިއަދު ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީން ގެ ބެލުމުގެ ދަށުން މިރޭ ޕީޕީއެމުން ބާއްވާ ކައުންސިލް ބައްދަލުވުމުގައި އެސްޖީއެއް އައްޔަން ކުރުމަށް ތާވަލު ކޮށްފައި ވަނިކޮށެވެ. މިރޭ ރައީސް ޔާމީންގެ ބެލުމުގެ ދަށުން ބާއްވާ ކައުންސިލް ބައްދަލުވުން ބޭއްވުމަށް އިއުލާނުކޮށްފައި ވަނިކޮށް މިއަދު ރައީސް މައުމޫނު ވެސް ވަނީ ކައުންސިލް ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް ކަމުން އަބްދުއް ރަހީމް އަބްދުﷲ ވަކިކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ