އަމިއްލަ ފަރާތްތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ، ރައްޔިތުން ސަމާލުވޭ: ޝަކީލް

އަމިއްލަ ފަރާތްތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ނާންގާނެ ކަމަށާއި މިކަމަށް ރައްޔިތުން ސަމާލުވުމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިފަދައިން ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގްސަދުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމު ރައްޔިތުންނަށް އެކިއެކި ނަންބަރުތަކުން ގުޅަމުންދާ މައްސަލައިގައި "އަސްލު ޓީވީ" އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ނަމުގައި މިގޮތަށް ގުޅަމުންދާ ނަންބަރުތަކުން މި އަހަރުގެ ހައްޖު ޖާގަ އެ ފަރާތަކަށް ލިބިފައިވާ ކަމަށް ބުނެ ވަކި އަދަދަކަށް ފައިސާ ޖަމާކުރުމަށް އެދެމުންދާކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބެމުންދާކަމަށެވެ.
މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައިބުނީ އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދަނީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހައްޖު އަދި އުމްރާއާ ބެހޭ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ހައްޖަށް ފައިސާ ދައްކާ ހައްޖު ޖާގަ ކަށަވަރުކޮށްފައިވާ ތަރުތީބުން ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ހިދުމަތަށް އެދޭ ފަރާތްތަކުން ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށްކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން މިފަދަ ފޯން ކޯލަކާ ގުޅިގެން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުން ނަމަ، ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 7961012 ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ