މަދުން ވޯޓު ދިނަސް ވޯޓު ބާތިލް ނުވާ އިސްލާހު ތަސްދީގުކޮށްފި

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންނަށް ވޯޓު ދިނަސް އެ ވޯޓަކީ ބާތިލް ނުވާ ވޯޓެއްގެ ގޮތުގައި ބަލައިގަތުމަށް ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްތީގުކުރައްވައިފިއެވެ. މި ބިލް ތަސްްދީގު ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު ނެގި ވޯޓުގައި މި ބިލް ފާސްކުރުމަށް 47 މެމްބަރަކު ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ. ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެވުނު އިސްލާހުގައި ވާ ގޮތުން އެ އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެކެވެ. އަދި އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައި ކަމަށްވެސް އަލަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ. މި އިސްލާހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހެކެވެ. ކުރިން އެ މާއްދާގައި އޮތީ، އެ ކައުންސިލަކަށް، އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހިޔަސް، އަދި އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހިޔަސް އެ ވޯޓަކީ ބާތިލް ވޯޓެއްގެ ގޮތުގައި ބަލައިގަންނަ ގޮތަށެވެ. އަލަށް ގެނައި އިސްލާހުގައި އެ ގާނޫނުގެ 18 ވަނަ މާއްދާއަށް ދެ އަކުރު އިތުރުކޮށްފައިވެއެވެ. އެމާއްދާގެ (ހ)ގައި ބުނެފައިވަނީގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެއް ކަމަށާއިއެ ކަރުދާހުގައި ޖަހާފައިވާ ކޮންމެ ރަނގަޅު ފާހަގައަކީ ބާތިލް ވޯޓަކަށް ވާނެ ކަމަށެވެ. އެމާއްދާގެ (ށ)ގައި ވަނީ އިންތިޚާބު ކުރަން ޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހިޔަސް ވޯޓު ބާތިލް ނުވާނެ ކަމަށާއި، އެފަދަ ގޮތަކަށް ވޯޓު ދީފި ނަމަ އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށެވެ. ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައި މި އިސްލާހު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މިއަދުން ފެށިގެން މި އިސްލާހަށް އަމަލު ކުރަން ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ