ޑިޕޮސިޓާއި ކުލި ނުދައްކާތީ އިންޑިއާ ކޯޗާއި ކުޅުންތެރިން ދަނޑަށް ނުވެއްދި ޑިޕޮސިޓާއި ކުލި ނުދައްކާތީ އިންޑިއާ ކޯޗާއި ކުޅުންތެރިން ދަނޑަށް ނުވެއްދި

ކޮޗިން، އިންޑިއާ (މާޗް 29) - އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާލިދު ޖާމިލް އާއި ޓީމުގެ ބައެއް ކުޅުންތެރިން އޭޝިއަން ކަޕް ކޮލިފައިންގައި ހޮންގް ކޮންގާ ކުޅޭ މެޗުގެ ކުރިން މެޗު ކުޅެން ނިންމާފައި އޮތް ކޯޗީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމަށް ނޫސްވެރިންގެ ބައްދަލުވުމަށާއި ދަނޑުގެ އިންސްޕެކްޝަނަށް ވަނުމަށް ދަނޑުގެ ސެކިއުރިޓީން ހުރަސް އަޅައިފި އެވެ.
އަންނަ އަންގާރަ ދުވަހުގެރޭ ހޮންގް ކޮންގާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމަށް، ނެހްރޫ ސްޓޭޑިއަމަށް ކޯޗު ޖާމިލް އާއި ޓީމުގެ އާޝިކް ކުރޫނިއަން އާއި ސަހާލް އަބްދުލްސަމަދު އަދި ބިޖޯއި ވާގޭސް ދިޔަ ނަމަވެސް، ދަނޑުގެ ސެކިއުރިޓީން ނިންމީ، އެ ހަތަރު މީހުން ދަނޑަށް ނުވެއްދުމަށެވެ. ސަބަބަކީ، ކެރަލާ ފުޓްބޯލް އެސޯސިއޭޝަން އިން ދަނޑުގެ ކުލި އަދި ޑިޕޮސިޓް، ގްރޭޓާ ކޮޗިން ޑިވެލޮޕްމަންޓް އޮތޯރިޓީ (ޖީސީޑީއޭ) އަށް ދައްކާފައިނުވާތީ އެވެ.
އެ ގޮތުން، ޖީސީޑީއޭ އިން ކެރަލާ ފުޓްބޯލް އެސޯސިއޭޝަނަށް އަންގާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ޑިޕޮސިޓް، 25 ލައްކަ ރުޕީސް އާއި މެޗު ކުޅޭ ކުލީގެ ގޮތުގައި ދައްކާ ތިން ލައްކަ ރުޕީސް (ޖުމްލަ އެކު ގާތްގަނޑަކަށް 30،000 ޑޮލަރު) ދެއްކުމަށެވެ. އެކަމަކު، އެ ދުވަހުގެ ކުރިން، ކެރަލާ ފުޓްބޯލް އެސޯސިއޭޝަނަށް އެ ފައިސާ ނުދެއްކޭތީ، ޖީސީޑީއޭ އިން އިންޑިއާ ޓީމަށް ހުރަސް އެޅީ އެވެ.
ބުރާސްފަތި ދުވަހު، އިންޑިއާ ޓީމުން ޕްރެކްޓިސް ކުރަން ވެސް މެޗު ކުޅޭ ނެހްރޫ ސްޓޭޑިއަމް ހަމަޖައްސައިދީފައިނުވާއިރު، އިންޑިއާ އިން ޕްރެކްޓިސް ކުރީ ކެރަލާ ބްލާސްޓާސްގެ ދަނޑުގަ އެވެ. އެއީ، ނެހްރޫ ސްޓޭޑިއަމާއި 10 ކިލޯމީޓަރު ދުރުގައި ހުރި ދަނޑެކެވެ.
ކެރަލާ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، ނަވާސް މީރާން ވިދާޅުވީ، ބުރާސްފަތި ދުވަހު އެ ދިމާވި ކަަމަކީ، ޓެކްނިކަލް މައްސަލައެއް ކަމަށާއި، އެކަން ހައްލުވެ، ކުރިން ވެސް ރޭވިފައި އޮތް ގޮތަށް ހޮންގް ކޮންގާއި އިންޑިއާ އިން ކުޅޭ މެޗު އޮންނާނީ ކޯޗީގެ ނެހްރޫ ސްޓޭޑިއަމްގައި ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ