ހުޅުމާލޭގައި އަޅާ އިތުރު 182 ފްލެޓުގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް އެކެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން އިން އަޅާ އަގުހެޔޮ 182 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އެޅުމުގެ ހަފުލާ މިރޭ ބާއްވައިފި އެވެ.ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫއަކީ، އެފްޑަބްލިޔު ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ.މިރޭގެ ހަފްލާގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު އެވެ.އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އޭގެ ސަބަބުން އެތައް އާއިލާތަކަކަށް މާލީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، އޭނާ ވިދާޅުވި ގޮތުގައި ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރުމެވެ."ސަރުކާރުގެ އިރުޝާދާ އެކު އަޅުގަނޑުމެން ފަށާފައި މި ވާ މަޝްރޫއަކީ ބީއެމްއެލްއިން ގައުމީ ބޭންކުގެ ގޮތުގައި ގައުމީ ތަރައްގީގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ އެންމެ އަލިގަދަ އެއް ހެކި،" އޭނާ ވިދާޅުވި އެވެ.ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަސައްކަތް ދެކެނީ އެމްއެމްއޭގެ އުސޫލަކަށް އަމަލުކުރުން އެކަނި ނޫން ކަމަށާއި. އެއަށް ވުރެ ބޮޑަށް ގައުމީ ޒިންމާއެއް ގޮތުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.މީގެ ކުރިން ހުޅުމާލެ ފޭސް ދޭއްގައި ޗައިނާގެ ސީއެމްއީސީއާ ހަވާލުކުރި 1،224 ފްލެޓު އަޅާ މަޝްރޫއާ އެއްގޮތަށް، މި މަޝްރޫއު ވެސް ނިންމަނީ 2028ގެ މެދެއްހާ ހިސާބަށެވެ. ޝަރީފް ވިދާޅުވީ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ