ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމަށް ޓީވީ ސިލްސިލާއެއް!

ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމަށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް، އަމްފާއިން އުފައްދާ ޓެލެވިޝަން ސީރީސް "ހިމޭން އަޑު" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ސީރީސް އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި ސަލްމާން މިސްކިތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އަމްފާއިން އުފައްދާ ޓެލެވިޝަން ސީރީސް ހިމޭން އަޑަކީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުފައްދާ ސީރީޒް އެކެވެ.
މި ސީރީޒްގައި ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި ދީނުގައި އަންގަވާފައި އޮންނަ ގޮތާއި ޒުވާނުންގެ ވިސްނުމާއި މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ގެނެސްދޭނެއެވެ. އަދި ސަލާމަތްވާން ހުރި މަގުތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމުތައް މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެވޭނެއެވެ.
ހިމޭން އަޑު ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްފާގެ ރައީސް ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މި ސީރީޒްއަކީ، މުޖުތަމަޢުގައި އާންމުވާ މިފަދަ މައްސަލަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމައް މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ ފެށުނު ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އޭގެ ނަތީޖާއަކީ 11 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ވުޖޫދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
" މިދިޔަ އަހަރު އަޅުގަނޑުމެން ކުރަން ނިންމި އެންމެ ބޮޑު އެއްކަމަކީ ރާއްޖޭގެ އިޖްތިމާޢީ ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާއަށް އަމާޒުކޮށް އޭގެ ހައްލެއް ހޯދުމުގެ ގޮތުން އެހީތެރިވެދިނުމަށްޓަކައި މުޖުތަމަޢުގެ ފެންވަރުގައި މަސައްކަތްތަކެއް ކުރުން". ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
"ހިމޭންއަޑު" ދައްކަން ފައްޓާނީ އޭޕްރީލް މަހުގެ ދެވަނަ ހަފުތާގެ ތެރޭގައެވެ.
މިއީ މުޖުތަމައުގައި ފެތުރިފައިވާ މި ނުރައްކާތެރި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި، އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރެވޭ މުހިންމު މަސައްކަތެކެވެ.
އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް، އަމްފާ އަކީ، 2024ވަނަ އަހަރު ރަޖިސްޓްރީ ކުރެވި، އޮސްޓްރޭލިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަށް އުފައްދާފައިވާ މަދަނީ ޖަމިއްޔާއެކެވެ.
ޖަމިއްޔާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ފަންނީ މަސައްކަތްތަކުގެ ބައްދަލުވުންތަކާއި، ކުޅިވަރު، ސަޤާފީ، އިޖްތިމާޢީ ހަރަކާތްތައް ހިންގުމާއި، ވިޔަފާރިއާ އިންވެސްޓްމަންޓުތައް ކުރިއަރުވައި ފުޅާކުރުމާއި އެކަންކަމަށް ފުރުސަތު ފަހިކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ