އާދިއްތަ ދުވަހު ފަތުރުވެެރިންގެ އާ ރެކޯޑެއް

އާދިއްތަ ދުވަހު 10،253 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ކަމަށާއި މިއީ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ 10 ފެބްރުއަރީ 2024ގަ އެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައި ކަމަށް ރެކޯޑުކޮށްފައިވެ އެވެ.
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހު އައި ރެކޯޑު އަދަދުގެ ފަތުރުވެރިންނާ އެކު، މި މަސް ފެށުނީ އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ އާ ރެކޯޑަކާ އެކު ކަމަށެވެ. މިދިޔަ މަހު 224،788 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން އަންނަކަން އަންގައިދޭ ކަމެއް ކަމަށާއި ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބީ ކަމަށް ވެސް އެ މިނިސްޓްެރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000އަށް ވުރެ ގިނަ ފަތުރުވެރިން އާދެ އެވެ. އެގޮތުން:
އަހަރުގެ މިހާތަނަށް ޖުމްލަ 235،041 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %4.8 އިތުރު އަދަދެއް
މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަކީ:
ރަޝިއާ - 30،484 ފަތުރުވެރިން
ޗައިނާ - 24،576 ފަތުރުވެރިން
އިޓަލީ - 24،498 ފަތުރުވެރިން
އިނގިރޭސިވިލާތް - 21،354 ފަތުރުވެރިން
ޖަރުމަނު - 14،671 ފަތުރުވެރިން
އިންޑިއާ - 8،690 ފަތުރުވެރިން
ފްރާންސް - 8،122 ފަތުރުވެރިން
އެމެރިކާ - 6،558 ފަތުރުވެެރިން
ޕޮލެންޑު - 6،316 ފަތުރުވެރިން
އޮސްޓްރިއާ - 4،950 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ %68 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރަނީ %26.6 މީހުންނެވެ.
ފާހަގަކުރެވޭ - މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިންނެވެ. މިއީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
މި އަހަރު ރާއްޖެއިން އަމާޒު ހިފާފައިވަނީ 2.4 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ