މިދިޔަ 6 އަހަރު ރާއްޖޭގައި ކެންސަރުގެ 1106 ކޭސް: އެންމެ ގިނައީ 2022 ވަނަ އަހަރު

ކޮންމެ އަހަރެއްގެ ފެބްރުއަރީ 4 ގައި ފާހަގަކުރާ ކެންސަރު ދުވަހަކީ، ދިވެހި އާއިލާތަކަށް މި ބަލީގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ހަނދާންކޮށްދޭ ދުވަހެކެވެ. ކެންސަރާ ގުޅޭގޮތުން ހާމަކުރާ ކޮންމެ ތަފާސްހިސާބެއްގެ ފަހަތުގައި އިންސާނީ ތަފާތު ވާހަކަތަކެއްވެއެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލަންޖެހިފައިވާ ބަަަފައިންނާއި، ވޭންދެނިވި ފަރުވާތައް ތަހައްމަލުކުރަމުންދާ މައިންނާއި، އަދި އާއިލާގެ ލޯބިވާ މީހަކު މި ނުރައްކާތެރި ބައްޔާ ހަނގުރާމަކުރާތަން ބަލަން ތިބެންޖެހިފައިވާ ކުޑަކުދިންގެ ވާހަކަތަކެވެ.ރާއްޖޭގައި ކެންސަރަކީ މިހާރު މަދުން ފެންނަ ބައްޔެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަކަށް ފެތުރިފައިވާ ގައުމީ ސިއްހީ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މި ދުވަހަކީ ރާއްޖޭގައި މި ބަލި ފެތުރެމުންދާ މިންވަރާއި، ގިނަ އާއިލާތަކަކަށް މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ހިތްދަތިކަމާއި، މަރުގެ މައިގަނޑު އެއް ސަބަބަށް މި ބަލި ވެފައިވާ މިންވަރު ވަޒަންކޮށްލަން ލިބޭ މުހިންމު ފުރުސަތެކެވެ.
ވޭތުވެދިޔަ ހަ އަހަރަށް ބަލާއިރު، މުޅި ރާއްޖެއިން ޖުމްލަ 1,106 ކެންސަރު ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން ކެންސަރުގެ ކޭސްތައް ރިކޯޑު ކުރެވިފައިވަނީ 2022 ވަނަ އަހަރެވެ. އެ އަހަރުގެ ތެރޭގައި ޖުމުލަ 244 ކޭސް ރެކޯޑުކުރެވިފައިވެއެވެ. އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު 137 ކޭސް ފެނިފައިވާއިރު، 2021 ގައި މި އަދަދު 208 އަށް އުފުލުނެވެ. ނަމަވެސް، 2023 ގައި 211 އަށް، 2024 ގައި 195 އަށް އަދި 2025 ގައި 111 އަށް މި އަދަދު ވަނީ ދަށްވެފައެވެ. 
ޖިންސުގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 57 އިންސައްތަ (630 މީހުން) އެވެ. ފިރިހެނުންގެ ނިސްބަތަކީ 43 އިންސައްތަ (476 މީހުން) އެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހޭ ކަމަށް ފާހަގަކުރެވިފައިވަނީ ފުއްޕާމޭގެ ކެންސަރާއި، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑުގެ ކެންސަރު އަދި މޭގެ ކެންސަރެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުމާއި، ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ސިއްހީ މާހިރުން ހާމަކޮށްފައިވެއެވެ. ރާއްޖޭގައި އަންހެނުންގެ މެދުގައި އެންމެ އާންމީ އުރަމަތީގެ ކެންސަރެވެ. ނަމަވެސް، ފުއްޕާމޭގެ ކެންސަރާއި، ރަހިމުގެ ކެންސަރު އަދި ތައިރޮއިޑް ކެންސަރު ތަހައްމަލް ކުރަމުންދާ އަންހުނުންވެސް މަދެއް ނޫނެވެ. 
2025 ވަނަ އަހަރުގެ ކެންސަރު ބަލީގެ މަހުން މަހަށް ހުރި ތަފާސްހިސާބުތަކުން، މި ބަލީގެ ހާލަތު އޮތް ގޮތާއި ސިއްހީ ނިޒާމަށް މީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތަފުސީލުތައް ހާމަވެއެވެ. އެގޮތުން، ޖުލައި މަހަކީ 146 ކޭސްއާއެކު މުޅި އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ބަލިޖެހުނު މީހުން ރިޕޯޓްކުރި މަހެވެ. ނަމަވެސް، އެ މަހު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނީ އެންމެ 5 މީހުންނަށެވެ. މިއިން ދޭހަވަނީ އެ މަހު ފާހަގަކުރެވުނު ގިނަ ކޭސްތަކަކީ ބަލީގެ ކުރީކޮޅު ދެނެގަނެވުނު ނުވަތަ ހާލަތު މާ ނުރައްކާތެރި ނޫން ކޭސްތަކެއް ކަމެވެ. އޯގަސްޓް މަހު ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މަދުވި ނަމަވެސް، އެ މަހަކީ އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު މަހެވެ. މިއީ ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން ހާއްސަ ފަރުވާ ބޭނުންވި މިންވަރު އިތުރުވުމުގެ ނަތީޖާއެވެ. އަދި އެ މަހަކީ އެންސްޕާ މެދުވެރިކޮށް ފަރުވާއަށް އެންމެ ބޮޑު ހަރަދެއް ކުރި މަސްވެސްމެއެވެ. އެގޮތުން އެ މަހު 184,845.88 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ސެޕްޓެމްބަރު މަހު 10 މީހަކު އެޑްމިޓްކޮށްގެން ފަރުވާދިންއިރު، މުޅި ޖުމްލަ 118,364.88 ރުފިޔާ ހަރަދުވިއެވެ. އޮކްޓޫބަރު މަހު 135 ކޭސް ރިޕޯޓްކުރެވުނުއިރު، 4 މީހަކު އެޑްމިޓްކޮށް ފަރުވާއަށް 50,539 ރުފިޔާ ހަރަދުވިއެވެ. ނޮވެމްބަރު މަހުވެސް 135 ކޭސް ފެނިފައިވާއިރު، 7 މީހަކު އެޑްމިޓްކޮށް ފަރުވާދިނުމަށް 69,301 ރުފިޔާ ހަރަދުވިއެވެ. އަދި އަހަރުގެ އެންމެ ފަހު މަސް ކަމަށްވާ ޑިސެމްބަރު މަހު 101 ކޭސް ފެނި، 9 މީހަކު އެޑްމިޓްކުރަން ޖެހުމުން އެންސްޕާއިން 86,287 ރުފިޔާ ހަރަދުކުރިއެވެ.
މުޅި ޖުމްލަކޮށް ބަލާއިރު، 2025 ވަނަ އަހަރު ކެންސަރު ބަލީގެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 551,269.14 ރުފިޔާ ހަރަދުވެފައިވެއެވެ. މިއީ މި ބަލީގެ ސަބަބުން އިންސާނީ ގޮތުންނާއި މާލީ ގޮތުން އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެކެވެ. ކޮންމެ މަހަކު ކުރަންޖެހޭ ހަރަދާއި އެޑްމިޓްކުރާ މީހުންގެ އަދަދުތަކަށް އަންނަ ބަދަލުތަކުން އެނގެނީ، ސިއްހީ ނިޒާމަށް ބާރުބޮޑުވަނީ ހަމައެކަނި ބަލިޖެހޭ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމާއި، ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރުގެ މައްޗަށް ކަމެވެ.
ދިވެހިރާއްޖޭގައި ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމާއި ގުޅުންހުރި އާދަކާދަތައް ނުވަތަ 'ލައިފްސްޓައިލް' ހިމެނެއެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ބާވަތްތައް ކެއުމުގައި ބޭނުންކުރުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. މީގެ ސަބަބުން ފުއްޕާމޭ، އަނގަ އަދި ކަރުގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، ކެއުމުގެ އާދަކާދަތައް ހުންނަ ގޮތުން، ތަރުކާރީ އާއި މޭވާ ބޭނުންކުރާ މިންވަރު މަދުވެ، ގިނައިން ތެޔޮ އެކުލެވޭ ކާތަކެއްޗާއި 'ޕްރޮސެސްޑް' ކާތަކެތި ބޭނުންކުރުމުގެ ސަބަބުން ގޮހޮރާއި ބަނޑުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުކުރުމާއި، މާބޮޑަށް ފަލަވުމަކީ އަންހެނުންގެ އުރަމައްޗާއި ރަހިމުގެ ކެންސަރުގެ އިތުރުން، ފިރިހެނުންގެ ޕްރޮސްޓޭޓް ކެންސަރު ޖެހުމަށް ދިމާވާ ސަބަބުތަކެކެވެ.
ތިމާވެށީގެ ސަބަބުންނާއި މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމަށް ބަލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ގިނަވަގުތު އަވީގައި އުޅުމަކީ ހަމުގެ ކެންސަރު ޖެހުމަށް އޮތް ފުރުސަތެކެވެ. ހަމައެހެންމެ، އެޗް.ޕީ.ވީ ފަދަ ވައިރަސްތަކާއި ހެޕަޓައިޓިސް ބީ ގެ ސަބަބުން ރަހިމުގެ ދޮރާއި ފުރަމޭގެ ކެންސަރު ޖެހުމާ ގުޅުން ހުރެއެވެ. މީގެ އިތުރުން، ބަލީގެ ކުރީކޮޅު ދެނެގަތުމަށް ހަދާ ސްކްރީނިންގް ޓެސްޓުތައް ރާއްޖޭގެ ރަށްތަކުން ފަސޭހައިން ލިބެން ނެތުމުގެ ސަބަބުން، ބަލި ހުރިކަން އެނގެނީ ބަލި ވަރަށް ބޮޑަށް ފެތުރޭ ފަހުންނެވެ. މީގެ ސަބަބުން ފަރުވާ ކުރުމަށް އުނދަގޫވެ، ބަލިން ފަސޭހަވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ކެންސަރަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، އުޅުމަށް ގެންނަ ބަދަލުތަކާއި ކުރީކޮޅު ބަލި ދެނެގަތުމުގެ ސަބަބުން ގިނަ ހާލަތްތަކުގައި ބަލިން ރައްކާތެރިވެވިދާނެއެވެ. މިކަމަށްޓަކައި މާހިރުން އިރުޝާދު ދެއްވާ ކަންތައްތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތް ހިމެނޭ އެކި ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވުމާއި، ގިނައިން މޭވާ، ތަރުކާރީ އަދި ގޮދަނުގެ ބާވަތްތައް ބޭނުންކޮށް، ޕްރޮސެސް ކޮށްފައިވާ ތަކެއްޗާއި، ހަކުރު ގިނަ ބުއިންތައް މަދުކުރުމާއި، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމާއި ބަރުދަން އެއްވަރެއްގައި ބެހެއްޓުމެވެ. އަދި އަންހެން ކުދިންނަށް އެޗް.ޕީ.ވީ ވެކްސިން ދިނުމާއި ހެޕަޓައިޓިސް ބީ ވެކްސިން ޖެހުމަކީ މި ވައިރަސްތަކުގެ ސަބަބުން ޖެހޭ ކެންސަރު ބަލިތަކުން ދިފާޢުކޮށްދޭ ކަމެއް ކަމަށާއި، މެމޮގްރާމް، ޕެޕް ސްމިއަރ އަދި ޕްރޮސްޓޭޓް ޓެސްޓު ފަދަ ސްކްރީނިންގްތައް ގަވައިދުން ހެދުމުގެ މުހިންމު ކަމާއި،  އަވިން ރައްކާތެރިވުމުގެ ގޮތުން ސަންސްކްރީން ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާނެހެން ހެދުން އެޅުމާއި، ގިނަވަގުތު އަވީގައި ނޫޅުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. 
ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ކުރިއަށްދަނީ ހޮސްޕިޓަލްތަކުންދޭ ފަރުވާއާއި، ސަރުކާރުގެ އެހީތެރިކަމާއި، މުޖުތަމައުގެ ބައިވެރިވުމާއެކުގައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާތަކަށާއި، ކީމޯތެރަޕީ އަދި އޮޕަރޭޝަން ފަދަ ކަންކަމަށް ނެޝަނަް ސޮޝަލް ޕްރޮޓެކަޝަން އޭޖެންސީ (އެންސްޕާ) އިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރުން ފަރުވާގެ ހަރަދުތައް ތަފާތުވާއިރު، ބަލި ބޮޑުވެފައިވާ ހާލަތްތަކުގައި ދިގު މުއްދަތަކަށް ފަރުވާ ދޭންޖެހުމުގެ ސަބަބުން ހަރަދު ބޮޑުވެއެވެ. އެހެންކަމުން، ބަލި ކުރީކޮޅު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ފަރުވާގެ ހަރަދު ކުޑަވެ، ބަލިން ސަލާމަތްވުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުވެއެވެ. މީގެ އިތުރުން، ބަލިމީހުންނަށާއި އާއިލާތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަމަކީވެސް މި ބަލީގައި ވަރަށް ބޭނުންތެރި ކަންކަމެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. ރާއްޖޭގައިވެސް މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުވެ، ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ކެންސަރަކީ އަދިވެސް ގައުމީ ފެންވަރުގައި ބޮޑު ގޮންޖެހުމެކެވެ. ސިއްހަތަށް ފައިދާހުރި ދިރިއުޅުމެއް އުޅުމާއި، ސްކްރީނިންގް ޕްރޮގްރާމްތައް ފުޅާކުރުމާއި، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުން، މި ބަލީގެ ސަބަބުން އާއިލާތަކަށް ލިބޭ ހިތާމަޔާއި މާލީ ބުރަ ކުޑަކުރެވޭނެއެވެ. ބަލިން ރައްކާތެރިވުމަށާއި، ކުރީކޮޅު ބަލި ދެނެގަތުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ދިވެހި އާއިލާތަކުގެ ކުރިމަގު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ކެންސަރު ދުވަހު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ، ހޭލުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށް، މި ނުރައްކާތެރި ބަލިން ދިވެހި އާއިލާތައް ސަލާމަތްކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ. އަމިއްލަ ފަރުދީ ޒިންމާ އަދާކޮށްގެން، ކެންސަރާ ދެކޮޅަށް ކުރާ މި ހަނގުރާމައިގައި ކާމިޔާބު ހޯދިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ