ދުވާފަރާއި އުނގޫފާރު ޚާއްސަ ރޫޓަކުން މާދަމާއިން ފެށިގެން ގުޅާލަނީ

ރ. އަތޮޅުގައި ދެމުން އަންނަ އާރުޓީއެލް ފެރީގެ ޚިދުމަތަށް އާ ރޫޓެއް އިތުރުކޮށް، އެ އަތޮޅުގެ އުނގޫފާރާއި ދުވާފަރު ޚާއްސަ ފެރީއަކުން މާދަމާއިން ފެށިގެން ގުޅާލަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މި ނިންމުން ނިންމާފައިވަނީ ރ. އަތޮޅަށް މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދުނު އެދުމަކަށް، ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކަމަށެވެ. މިނިސްޓްރީން ބުނީ، މި އާ އިންތިޒާމުގެ ދަށުން ހުކުރު ފިޔަވައި ކޮންމެ ދުވަހަކުވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން 8:30އަށް، މެންދުރު 12:00އިން 12:30އަށް، އަދި ހަވީރު 4:00އިން 4:30އަށް ދެ ރަށުގެ ދެމެދު ދަތުރުތައް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ދެ ރަށުގެ ދެމެދު ކުރާ މި ދަތުރުތަކަށް ހޭދަވާނީ ދިހަ މިނެޓެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދުވާފަރާއި އުނގޫފާރު އެއް ރޫޓަކުން ގުޅާލެވުމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެ، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އެ ދެ ރަށް އެއް ރޫޓަކުން ގުޅާލުމަކީ މުޅި އަތޮޅުގެ ވިޔަފާރިއާއި، ސިއްހީ ޚިދުމަތް ހޯދުމުގައާއި، އަދި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި މުޅި އަތޮޅަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ