ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަކީ "މަނީ ލޯންޑަރިން"ގެ އަމަލެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިއްޔެ "ދޮރުންދޮރަށް" ހަރަކާތް ފެށުމުގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދަޅުވީ ޕެންޝަން އޮފީހުގެ ނިންމުމަކީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ދައުލަތަށް އިތުރަށް ފައިސާ ހޯދޭނެ މަގު ބަންދުވުމުން، ގާނޫނުން ރެކެން ކުރި ކަމެއް ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ، ދައުލަތަށް ފައިސާ ދޫކުރުމަށް އެމްއެމްއޭއަށް ކަނޑައަޅާފައިވާ ތުރެޝްހޯލްޑް މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނީ އިންތަކުގެ ތެރެއިން އެމްއެމްއޭއަށް ދެން ސަރުކާރަށް ފައިސާ ދޫކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އިތުރަށް ދެން ފައިސާ ދެވޭނެ ގޮތެއް މިހާރަކު ނެތް. އެ މީހުންގެ ތުރެޝްހޯލްޑް ހަމަވެފައި ވަނީ ދައުލަތަށް ފައިސާ ދޭން،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވި ގޮތުގައި، ބަޖެޓު ފޫބެއްދުމަށް ދައުލަތަށް 24 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާއިރު، އެ މިންވަރަށް އާމްދަނީ އުފެއްދުމުގެ ގާބިލުކަން ދައުލަތުގެ ކިބައިގައި ނެތެވެ. އެހެންކަމުން، ޕެންޝަން އޮފީހުގެ މި ނިންމުމަކީ ސީދާ ގާނޫނީ ހުރަސްތަކުން ސަލާމަތްވުމަށްޓަކައި ހިންގި އޮޅުވާލުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އިގްތިސާދީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ރައްޔިތުންގެ މުސްތަގުބަލަށް ރައްކާކުރެވިފައިވާ ޕެންޝަން ފަންޑުގެ ފައިސާ، ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ބޭނުންކުރުމަކީ އޭގެ ނުރައްކާ މުޅި ނިޒާމަށް ކުރާނެ ކަމެއް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.
ޕެެންޝަން ފަންޑުގެ ނިންމުމަކީ ގާނޫނުން ރެކެން ހިންގި 'މަނީ ލޯންޑަރިން' ގެ ހަރަކާތެއް: ޒަރިޔަންދު ޕެެންޝަން ފަންޑުގެ ނިންމުމަކީ ގާނޫނުން ރެކެން ހިންގި 'މަނީ ލޯންޑަރިން' ގެ ހަރަކާތެއް: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ