ވަޠަނީ ޚިދުމަތުގެ ބައިވެރީންނަށް ރައީސް ކާމިޔާބަށް އެދިވަޑަައިގެންފި

ދިވެހި ވަޠަނީ ޚިދުމަތުގެ ދެ ވަނަ ބުރުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބަށް އެދިވަޑައިގެންފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން މިއަދު ޅ.މާފިލާފުށްޓަށް ފުރާފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
ވަޠަނީ ޚިދުމަތުގެ ބައިވެރީން ފުރުން -- ފޮޓޯ: ވޮއިސް
އެމަނިކުފާނު ވަނީ 350 ޒުވާނުންނާއެކު ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހު (އިންޓަރނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ގައި ފެށިގެން ދިއުމަކީވެސް ޚާއްޞަ އުފަލެއް ކަމުގައި ވިދާޅުވެފަ އެވެ.
ވަޠަނީ ޚިދުމަތުގެ ބައިވެރީން ފުރުން -- ފޮޓޯ: ވޮއިސް
މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެއް ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ވަޠަނީ ޚިދުމަތުގެ ބައިވެރީން ފުރުން -- ފޮޓޯ: ވޮއިސް
އަދި، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ތަމްރީނުގެ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ޤައުމީ ދިފާއީ ވުޒާރާއިން މިއަދު ބުނީ، ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި 112 ރަށަކުން 258 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ. މި ތަމްރީނުތަކުގައި ދަރިވަރުން 3 މަސްދުވަސް ހޭދަކުރާނެއެވެ. ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހުންނަ ޅ.އަތޮޅު މާފިލާފުށީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ