އެމްބިއުލާންސްއަށް ޖާގަނުދެއްކި ޕިކަޕް ޑްރައިވަރެއްގެ ލައިސެންސް ހިފަހައްޓާ ޖޫރިމަނާކޮށްފި

އެމަޖެންސީގައި ދިޔަ އެމްބިއުލާންސްއަކަށް ޖާގަނުދެއްކި ޕިކަޕް ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާ ޖޫރިމަނާކޮށްފި އެވެ. 
ވީ ކިހިނެއް؟ - އެމަޖެންސީގައި ދިޔަ އެމްބިއުލާންސްއަކަށް ޖާގަ ނުދައްކާ ޕިކަޕަކުން މުދާ ބާލަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ. އޭރު ޕިކަޕް ފަހަތުން އެހެން ވެހިކަލްތައް ވެސް ސައިރެން އަޅަމުންދިޔައިރު، ފަހަތުގައި އޮތް އެމްބިއުލާންސް ވެސް ދިޔައީ ސައިރެން އަޅަމުންނެވެ. އެކަމަކު އެ ޕިކަޕު އެތަނުން ދިޔައީ މުދާ ބާލާ ނިންމުމުންނެވެ.
ބުނީ ކީކޭ؟ - މި މައްސަލާގައި އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. 
"މައްސަލަ މިނިސްޓްރީން މިދަނީ ބަލަމުން. ކަން ހިނގާފަވާގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ މިނިސްޓްރީން އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެ،" މިނިސްޓްރީން ބުންޏެވެ.
އޭނާގެ ލައިސެންސް ހިފަހައްޓާ ޖޫރިމަނާކުރީ ފުލުހުންނެވެ. ފުލުހުން މިރޭ ބުނިގޮތުގައި، އެ ޕިކަޕް ދުއްވި ޑްރައިވަރު ޖޫރިމަނާކުރީ 750ރ. އިން ނެވެ. އެމައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާނެ ކަމަށާއި އޭނާއާމެދު އިތުރު ފިޔަވަޅެއް އަޅަންޖެހޭނަމަ އެކަން ނިންމާނީ މިނިސްޓްރީން ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިންމު - އެމްބިއުލާންސަކީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ތިބޭ ބަލި މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ދަތުރު ކުރާ އުޅަނދަކަށްވާއިރު، އެމްބިއުލާންސެއް ދާނަމަ މަގުމަތިން ޖާގަ ދިނުމަކީ ގާނޫނު ލާޒިމުކުރާ ކަމެކެވެ. 
ކުއްލި ހާލަތުގައި ދާ އެމްބިއުލާންސްތަކަށް ޖާގަ ނުދޭ މައްސަލަ މިފަހުން ވަނީ ބޮޑުވެފަ އެވެ. ފާއިތުވެ ދިޔަ މަސް ދުވަހުގެ ތެރޭގައި ކުއްލި ހާލަތްތަކުގައި ދަތުރުކުރި އެމްބިއުލާންސްތަކަށް ޖާގަ ނުދިނުމުގެ ސަބަބުން، ނުރައްކާތެރި 2 އެކްސިޑެންޓް އައްޑޫގައި ވެސް ހިނގާފައިވެ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން އެ އެކްސިޑެންޓުތައް ހިނގާފައިވަނީ އެމްބިއުލާންސްއަށް މަގުމަތިން އެހެން އުޅަނދުތައް ޖާގަ ނުދިނުމުގެ ސަބަބުންނެވެ. އެގޮތުން މިފަހުން ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެންދިޔަ އެމްބިއުލާންއަަކަށް ވެސް ޖާގަ ނުދިނުމުގެ ސަބަބުން އެކްސިޑެންެޓެއް ހިނގައި އެމްބިއުލާންސްއަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ