ޓްރަމްްޕްގެ ފްލޮރިޑާ ގޭގެ ގޯތި ތެރެއަށް ވަތް މީހަކު ބަޑި ޖަހައި މަރާލައިފި

އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާ-އަ-ލާގޯގެ ސަލާމަތީ ސަރަހައްދަށް ގާނޫނާ ޚިލާފަށް ހަތިޔާރު އަޅައިގެން ވަތް މީހަކު އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި ޕާމް ބީޗް ކައުންޓީގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ބަޑި ޖަހައި މަރާލާއިފިއެވެ. މިއަދު މެންދުރު އެ ހާދިސާ ހިނގި ވަގުތު ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ތިއްބެވީ ވޮޝިންގްޓަންގައި ހުންނަ ރިޔާސީ ގެކޮޅު، ވައިޓް ހައުސްގައި ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ. އުމުރުން 20 އަހަރުގެ މީހަކު މާ-އަ-ލަގޯގެ ސެކިއުރިޓީ ޕެރިމިޓަރަށް ވަދެގެން ދިޔައީ އެމެރިކާ ގަޑިން މެންދުރު 1:30 ހާއިރު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވީ އެ މީހާ ހުރީ ބަޑިއަކާއި ތެޔޮ އަޅާފައިހުރި ދަޅެއް ހިފައިގެން ކަމަށެވެ. ޑެޕިއުޓީއަކާއި ސީކްރެޓް ސާވިސްގެ ދެ އެޖެންޓުންނާ އެ މީހާއާ ދިމާވުމުން އެ މީހުން ވަނީ އެ ތަކެތި ބަހައްޓަން އަމުރުކޮށްފައެވެ. ނަމަވެސް އެމީހާ ވަނީ ތެޔޮ އަޅާފައި ހުރި ދަޅު ބެހެއްޓުމަށްފަހު، ބަޑި ދިއްކޮށްފައި ކަމަށް ބްރެޑްޝޯ ވިދާޅުވިއެވެ. އެހެންވެ، ޑެޕިއުޓީއާއި އެޖެންޓުން އެމީހާ ގަޔަށް ބަޑިޖެހީ ކަމަށާއި، އޭނާ ވަގުތުން މަރުވެފައިވާ ކަމަށް ބްރެޑްޝޯ ވިދާޅުވިއެވެ. އެކަމުގައި ބައިވެރިވި އޮފިސަރުން ތިބީ ބޮޑީ ކެމެރާ އަޅައިގެންނެވެ. އެ ހާދިސާ އެފްބީއައިއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ