ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދައި، ތަށި ދިފާއުކޮށްފި އެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ދިޔައީ ސީދާ ޕެނެލްޓީއަށެވެ. އެންމެ ފަހުން ނޭޕާލުގައި 2024ގައި އޮތް މުބާރާތް ވެސް ކާމިޔާބުކުރި ބަންގްލަދޭޝް އިންޑިއާގެ މައްޗަށް ކުރި ހޯދީ ފަސް ވަނަ ޕެލެންޓީ، ރޯނަމް ބެންޖަމިން ސަލިވަން، ވައްދާލައިގެންނެވެ.
އިންޑިއާ
ނާކާމިޔާބު، ރިޝީ ސިންގް (ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން މާހިން، މަތަކުރި)
ކާމިޔާބު، މުހައްމަދު އަރްބާޝް
ކާމިޔާބު، އަހަންގްޝަންގްބަމް ސެމްސަން
ކާމިޔާބު، ވިޝާލް ޔާދޭވް
ނާކާމިޔާބު، އޯމަންގް ޑޮޑުމް (މަތިން ބޭރަށް)
ބަންގްލަދޭޝް
ކާމިޔާބު، މުރުޝިދު އަލީ
ކާމިޔާބު، ޗަންދަން ރޯއީ
ކާމިޔާބު، އަބްދުލް ރިޔާޒު ފާހިމް
ނާކާމިޔާބު، ސެމިއުލް ރަކްސަމް (މަތިން ބޭރަށް)
ކާމިޔާބު، ރޯނަން ބެންޖަމިން ސަލިވަން
ސާފް 20 އަހަރުން ދަށުގެ ފައިނަލްގައި އެންމެ ފަހުން މި ދެ ޓީމު 2022ގައި ބައްދަލުކޮށް ޕެނެލްޓީ ޖަހައިގެން މޮޅުވީ އިންޑިއާ އެވެ.
ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވުމުން އެ ފަހަރު ޖެހި ޕެނެލްޓީގެ ތެރެއިން ބަންގްލަދޭޝްއަށް އެއްވެސް ޕެނެލްޓީއެއް ވައްދައެއް ނުލެވުނެވެ. އިންޑިއާގެ ފުރަތަމަ ތިން ޕެނެލްޓީ ވެސް ކާމިޔާބުކުރި އެވެ.
މިއީ ސާފްގެ މި އުމުރު ފުރައިގެ މުބާރާތް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މުބާރާތުގެ ފޯރި ވަރަށް ގަދަ އެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ މެޗުތަކެވެ. ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ބޮޑު އާބާދީގެ މެދުގައި އޮތް ފުޓްބޯޅަ އާއި ގައުމު ދެކެ ވާ ލޯބި ފެނުނެވެ.
މިރޭ ވެސް ދަނޑުގައި އެންމެ އަޑުގަދައީ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އެވެ.
މި މުބާރާތުގައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖްގައި ކަޓައިފަ އެވެ. ސެމީގައި ބަންގްލަދޭޝް މޮޅުވީ ނޭޕާލް އަތުންނެވެ. އިންޑިއާ ފައިނަލަށް ދިޔައީ ބޫޓާން ބަލިކޮށްފަ އެވެ.
ޕެނެލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިން ތަށި ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ