ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލުމާ ބެހޭ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވައިދިނުމަށާއި އެ ވޯޓުގެ ނަތީޖާ އިއުލާންކުރުމާއި އެއަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ވަކީލު މަރިޔަމް ޝުނާނާ އެވެ. މި މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ތަފްސީލް - ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ:
އަންނަ ހޮނިހިރު ދުވަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް
އެފަދަ ވަގުތީ އަމުރެއް ދެވެން ނެތް ނަމަ، ވޯޓުގެ ނަތީޖާ އިއުލާންކުރުން ހުއްޓުވައިދިނުމަށް
އެ ހާލަތުގައި ވޯޓަށް ގާނޫނީ އެއްވެސް ހުއްޖަތެއް ދިނުމާއި ވޯޓުގެ ނަތީޖާއަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އެޅުން ނުވަތަ އެއްވެސް ކަމެއް ތަންފީޒުކުރުން ހުއްޓުވައިދިނުމަށް
މައްސަލާގައިވާ ގޮތުން، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އިއުލާންކުރި ތާރީހާއި ވޯޓު ބާއްވަން ނިންމާފައިވާ ތާރީހާ ދެމެދު ލިބެނީ އެންމެ 47 ދުވަހެވެ. އެއީ، އެފަދަ ވޯޓަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި އިންތިހާބާ ގުޅޭ އެހެނިހެން ކަންކަމަށް ވެސް ވަރަށް ކުރު މުއްދަތެއް ކަމަށް މައްސަލާގައިވެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގެ ނަމޫނާ އާއި އެ ވޯޓާ ގުޅޭ ބިލާއި ރައީސްގެ ގަރާރު އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެފަދަ ވޯޓެއް ނެގުމަށް ބޭނުންވާ އެންމެ އަސާސީ މައުލޫމާތު ކަމަށްވާއިރު، އެ އިންތިޒާމު ހަމަޖައްސާފައިނެތުމަކީ ވެސް މައްސަލައެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވާ ތާރީހުގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ، އިންސާފުވެރި އިންތިހާބެއް ބާއްވަން ބަލަންޖެހޭ ކަންކަމަށް ބެލުމެއްނެތި މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް މައްސަލާގައިވެ އެވެ.
އެނގުން މުހިންމު - މި ވޯޓާ ގުޅޭ ދުސްތޫރީ ދެ މައްސަަލައެއް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު 15 ދުވަސް ތެރޭ ތަސްދީގުކޮށްފައިނުވާތީ، މިހާރު އެ ބިލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.
އަނެއް މައްސަލަ އެ ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށިއިރު، ހަމަ އެ ދުވަހު އަޑުއެހުންތައް ނިންމާލައި މިއަދު ހުކުމް ކުރަން އޮތީ ތަވާލުކޮށްފަ އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެއާ ގުޅިގެން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި އެވެ.
މި ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީން ވެސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު، ފަސް ފަހަރު މަތިން ހުށަހެޅުމުން ވެސް އެ ކޯޓުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
2 އިންތިހާބު އެއްކޮށްލުން: ވޯޓު ނެގިޔަސް އެއަށް އަމަލުކުރުން ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ