ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުން 344 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ 1ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.އެގޮތުން، އެންމެ ފުރަތަމަ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ފުރަތަމަ ބުރުގެ ޓްރެއިނިންތައް ފެށީ 350 ދަރިވަރުންނާއެކުގަ އެވެ.ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުޢުމޫނެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.  ނެޝަނަލް ސާވިސް ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ.މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭއިރު  ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ