މި ފެށެނީ ޕީއެންސީގެ ހަގީގީ ވެރިކަން: ޝުޖާއު

ދެން ފެށޭނީ ޕީއެންސީގެ ހަގީގީ ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވަނީ ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމަށާއި ޕީއެންސީގެ ހަގީގީ ވެރިކަން ފެށޭނީ ދެން ކަމަށެވެ.
"ދެން ފެށޭނީ ޕީއެންސީގެ ހަގީގީ ވެރިކަން. މި ވެރިކަން ފެށިގެންދާއިރު އަތޮޅުތެރޭގައި ތިއްބަވާ އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެރި މެމްބަރުން ވަރަށް އުފާވާނެ. އަންނާނެ ބަދަލު، އަންނާނީ ހެޔޮ ބަދަލު. އެ ބަދަލަށް އަޅުގަނޑުމެންގެ ޕާޓީގެ ގްރާސްރޫޓު ތައްޔާރުވާންވީ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރަށްރަށުގައި ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ އެމްޑީޕީ ސަރުކާރުގައި ނަގާފައިވާ ލޯނުތައް ދައްކަން ޖެހުމުން ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ނެގި ލޯނުތަކަށް މި ސަރުކާރުން 1.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ނެގި ލޯނުތަކުން ކުރި ކަމެއް ފެންނަން ނެތް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ "ބޮޑު ބަދަލަށް" ފާޑު ވިދާޅުވަމުން ޝުޖާއު ވަނީ އެފަދަ ބަދަލެއް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ދިވެހިންގެރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސް، އެ ރާއްޖޭގައި ދިރިއުޅެން ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ