މިނިވަންކަން ދަމަހައްޓަން ބޭނުންވަނީ ބަޑިއާއި ޓޭންކަރެއް ނޫން: އުމަރު

ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ސަލާމަތީ ބާރު ވަރުގަދަކުރުން ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"މިނިވަން ކަމުގެ ދަތުރު - މިސްރާބު ޔަގީން" މައުރަޒު ހުޅުވުމަށް މިރޭ ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށާއި އެތާރީޚުގައި ގައުމު ބޭރުގެ އަޅުވެތިކަމަށް ދިޔަ ފަހަރުތައްވެސް އައި ކަމަށެވެ. އަދި ރާއްޖެ އެންމެ ބޮޑަށް އަޅުވެތިވެގެން ދިޔައީ މަލާބާރީންނާއި ޕޯޗުގީޒުން ރާއްޖޭގައި ވެރިކަން ކުރި އިރު ކަމަށާއި އޭގެ ފަހުން ވެސް ރާއްޖެ އަޅުވެތި ކުރުމަށް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެ އަޅުވެތިކަމުގައި އޮތީ ކުޑަ ދުވަސްކޮޅެއްގައިކަން ފާހަގަ ކުރައްމުން އުމަރު ވިދާޅުވީ ގައުމު އަޅުވެތިވި ފަހަރުތަކުގައިވެސް އަޅުވެތިކަމުގައި ދިވެހިން ހޭދަ ކުރަން ޖެހުނީ މަދު ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ކާބަފައިން މި ގައުމު މިނިވަން ކުރުމަށް ފެށި މަސައްކަތް ކުރެއްވީ އެއްބައިވަންތަކަމާއި ގައުމިއްޔަތުގެ ރޫހު އިސްކޮށްގެން ކަމަށާއި މިގައުމުގެ މިނިވަންކަން ދެމި އޮންނާނީ ރައްޔިތުން އެކަންކަން ދަމަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައުމެއްގެ މިނިވަން ކަން ދެމެހެއްޓުމަށްޓަކައި ބޭނުން ވަނީ ހަމަ އެކަނި ބަޑިއާއި ޓޭންކަރެއް ނޫން. ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެންވެސް ބޭނުންވޭ އެގައުމެއްގެ ރައްޔިތުން ގަބޫލު ކުރާ ހަމަތައް، ގަބޫލުކުރާ އުސޫލުތަކުގެ ތެރެއިން ރައްޔިތުން ނެރޭ ހިތްވަރު. އެމީހުން ނެރޭ ވިސްނުން. މިއެއްޗެހި ބޭނުންކޮށްގެން،" އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތާރީހުގައި ފެންނަން ހުރި ގޮތުގައި ރާއްޖެއަށް ހަމަލާދޭ ބޭރުގެ އެތައް މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވަނީ ކަނޑުގެ ބޮޑު ސަރަހައްދެއް ހިމެނޭ ގޮތަށް ފަރުތަކާ ގިރިތަކާ އެކުގައި ކަމަށްވުމުން އެފަދަ މަނަވަރުތައް ގިނަ ފަހަރު ފަރަށް އަރައި އަޑިއަށް ދަނީ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް ގުދުރަތީ ގޮތުން ދެއްވާފައިވާ ނިއުމަތެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މިރޭ ދާރުލްއާސާރުގައި ހުޅުވި މައުރަޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޑިޕާޓްމެންޓް އޮފް ހެރިޓެޖް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސްގެ އިތުރުން ގައުމީ އަރުޝީފް އާއި ގައުމީ ހުތުބުހާނާ އަދި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގެ ތެރެއިން ރާއްޖޭގެ މިނިވަންކަން ގެއްލުނު ފަހަރުތަކުގައި ކަން ހިނގައިދިޔަ ގޮތާއި މިނިވަންކަން ހޯދަން ކުރެވުނު މަސައްކަތްތަކާއި މިނިވަންކަން ލިބުނު ފަހުން މިދިޔަ 50 އަހަރު ތެރޭގައި ހާރިޖީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި މުއާސަލާތީ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފެނިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ