ވަރުގަދަ ސެކިއުރިޓީ އަކަށް އެދުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ފާޑުކިއުން އަމާޒުވާން ފަށައިފި އެވެ.
އޭނާ މިވަގުތު ހުންނެވީ އެމެރިކާ އާއި މެކްސިކޯއާއެކު ވޯލްޑް ކަޕް ބާއްވާ އަނެއް ގައުމު ކަމަށްވާ ކެނެޑާގެ ވެންކޫވާގަ އެވެ. އެއީ އިއްޔެ ކުރިއަށްދިޔަ ފީފާގެ 76 ވަނަ ކޮންގްރެންސް އަށް ވަޑައިގެންނެވެ. މި ދަތުރުގައި ކެނެޑާ އަށް ވަޑައިގަތުމުގެ ކުރިން އިންފަންޓީނޯ އެދިވަޑައިގަތީ ގައުމުތަކުގެ ރައީސުން ފެންވަރުގެ ސެކިއުރިޓީއެއް ދިނުމަށް ވެންކޫވާގެ ވެންކޫވާގެ ޕޮލިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ މި ހުށަހެޅުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފަ އެވެ.
ކެނެޑާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނަނީ ފީފާގެ ރައީސަކީ ބައިނަލް އަގްވާމީ ލީޑަރުންނަށް އެ ގައުމުގެ ފުލުހުން އެސްކޯޓްކޮށްގެން ދޭ މޮޓޯކޭޑް ސެކިއުރިޓީ ދިނުމަށް ހަމަޖައްސާފައިވާ ކެޓަގަރީ އަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.
"ފީފާގެ ވެރިން އިންޓަނޭޝަނަލް ޕްރޮޓެކްޓަޑް ޕާސަން ކެޓަގަރީ އަކަށް ނުފެތޭ. މި ކެޓަގަރީ އަކީ ޕޮލިސް ކާރު އެސްކޯޓްކޮށްގެން މަގުތައް ބަންދުކޮށްގެން، ތްރެފިކް ޑިވައިސްތައް ބޭނުންކޮށްގެން އަދި އެނޫން ވެސް ސަލާމަތީ ރައްކާތެރިކަމުގެ ވަސީލަތްތަކާއެކު ސެކިއުރިޓީ ދޭ ކެޓަގަރީ އެއް. މިހެންވެ (ފީފާގެ) މި ހުށަހެޅުން ވަނީ ގަބޫލު ނުކޮށްފައި. މި ކެޓަގަރީ އަކީ ގައުމުތަކުގެ ވެރިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެއް" ކެނެޑާ ވެންކޫވާގެ ޕޮލިސް ޑިޕާޓްމަންޓުން ބުންޏެވެ.
މިކަމާ ގުޅިގެން އިންފަންޓީނޯ އަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ އެކަކު ބުނީ މިހާތަނަށް އިންފަންޓީނޯ އަކީ ވަރަށް ހިތްތިރި މީހެއް ކަމަށް ބެލެވުނު ނަމަވެސް އޭނާ އިސްކުރަނީ އަމިއްލަވަންތަ ކަމާއި ބޮޑާކަން ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެން މީހަކު ބުނީ އިންފަންޓީނޯ މުޅިން ވެސް މަސައްކަތް ކުރަނީ އޭނާ އަމިއްލަ އަށް އިސްތިހާރުވާން ކަމަށެވެ. މީގެ އިތުރުން އޭނާ އަށް ނުރުހުމުގެ ބަސްތައް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު މި ހިތްހަމަ ނުޖެހުންތައް ގުޅުވީ މި ފަހަރުގެ ވޯލްޑް ކަޕުގެ ޓިކެޓް އަގު ބޮޑުވުމާއި ފީފާއިން އެއަގު ދިފާއު ކުރަމުން ދިއުމާ އެވެ.
ކެނެޑާގެ މީޑިޔާތަކުން އިންފަންޓީނޯގެ ސެކިއުރިޓީގެ ވާހަކަ ދައްކަން ފެށުމާއެކު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމާއަތުގެ ސްޕޯކްސް ވަނީ މި ކަން ދޮގުކޮށްފަ އެވެ. އަދި ވިދާޅުވީ ފީފާގެ ރައީސަށް މޮޓޯކޭޑް ސެކިއުރިޓީ ދިނުމަށް އެދިފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިއީ އިންފަންޓީނޯ މިފަދަ ސެކިއުރިޓީ އަށް އެދުނު ދެ ވަނަ ފަހަރުކަން ވެސް މީޑިއާތަކުން ބުނެ އެވެ. މީގެ ކުރިން އަންހެނުންގެ ވޯލްޑް ކަޕަށް ނިއުޒީލޭންޑަށް ވަޑައިގަތުމަށް ވެސް އޭނާ ވަނީ އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ އަށް އެދިފައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ވޯލްޑް ކަޕް: ވަރުގަދަ ސެކިއުރިޓީއަކަށް އެދުމުން އިންފަންޓީނޯ އަށް ފާޑުކިޔަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ